މިކަމަށް ފަރުވާކުޑަކޮށްފިނަމަ ކުރާ ހުރިހާ ހެޔޮކަމެއް ގެއްލިގެން ދިއުން ވަރަށް ގާތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
މިކަމަށް ފަރުވާކުޑަކޮށްފިނަމަ ކުރާ ހުރިހާ ހެޔޮކަމެއް ގެއްލިގެން ދިއުން ވަރަށް ގާތް!: މުފްތީ މެންކް

ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލްވެވޭ އެއް ކަމަކީ ކުރާ ހެޔޮ ޢަމަލުތައް ސަލާމަތްކަމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދިއުމެވެ. އެއިގެ މާނައަކީ ޢަމަލުތައް ގެންދެވުނު ނަމަވެސް އެއިން ތިމާއަށް ފައިދާކުރުމެވެ. ބާޠިލްވެގެން ނުދިއުމެވެ.

މިހެން ބުނަން މިޖެހެނީ ސަބަބުތަކެއް ހުރުމުންނެވެ. ބައެއް މީހުންނަކީ ވަރަށް ހީވާގިކަމާއިއެކު އަޅުކަންކުރާ ބައެކެވެ. ދުވަސް ފަށަނީ ފަތިސްނަމާދުންނެވެ. ފަރުޟު 5 ނަމާދުގެ އިތުރުން ސުންނަތް ނަމާދުތަކާއި ދަމުނަމާދުވެސް ކުރެއެވެ. ޛިކުރުކުރެއެވެ.

މިފަދަ މީހުންގެ ތެރޭގައި އެމީހާކުރި އަޅުކަމުން އެއްވެސް ފައިދާއެއް ނުކުރާނެ ބައަކު ތިބޭނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އަދި ކުރި އަޅުކަމުން އެއްވެސް ފައިދާއެއް ނުކުރާނެ މީހުންގެ ތެރޭގައި ގިނަވާނީ އެމީހުންގެ ދުލުން ބުނި ނުބައި ބަސްތަކުގެ ސަބަބުން އެހެން މީހުންނަށް ބަދަލުދޭންޖެހޭނެ މީހުންކަންވެސް އެނގެން އެބައޮތެވެ!

ބައެއް މީހުން މީސްތަކުންގެތެރޭގައި ހުންނައިރު ދުލުން ބުނަނީ ހެޔޮ ބަސްތަކެވެ. ނަމަވެސް ގެއަށްވަދެވުމާއިއެކު ދުލުން ބުނަނީ މުޅިން ތަފާތު ބަސްތަކެކެވެ. އަނބިދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ މީހުންގެ ހިތުގައި ޖެހޭފަދަ ބަސްތަކެވެ.

މިއީ ވަރަށް ދެރަ އަދި ހިތާމަހުރިކަމެކެވެ. ތިމާގެ ދުލުން ނުބައިބަސްތައް ނުބުނަންވީ ވަކި މީހަކަށް ނޫނެވެ. އަޅުން ގެންގުޅުން ހުއްދައިރު އަޅަކަށް ނަމަވެސް ނުބައި ބަސްތައް ނުބުނުމަށާއި ބުނެފިނަ އެމީހަކު ފާފަވެރިވާނެކަން ރަސޫލް ﷺ ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. ވީއިރު ތިމާ އެބައަކު ދެކެ އެންމެ ބޮޑަށް ލޯބިވާންޖެހޭ އަދި އެބައެއްގެ ޙައްޤުތަކަށް އެންމެ ބޮޑަށް ރައްކައުތެރިވާންޖެހޭ މީހުންނަށް ނުބައިބަސްތައް ބުނުން ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟

ވީމާ ނުހަނު ބުރަ މަސައްކަތުން ކުރާ ހެޔޮ ޢަމަލުކޮޅު ދުލުން ބުނެވޭ ބަސްތަކުން ނަގައިލާ މީހަކުކަމުގައިނުވާށެވެ! ކިތަންމެ ގިނައިން އަޅުކަންކުރި ނަމަވެސް ޤިޔާމަތް ދުވަހު އުޅެންޖެހޭނީ މަދުވެގެންނެވެ. ވީމާ ޙަދީޘްފުޅުގައިވާ ފަދައިން ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ބަނގުރޫޓުވެފައިވާ މީހަކުކަމުގައި ނުވާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން