ޢިބްރަތްތެރި ވާހަކަ: ތަނަވަސް މީހަކާ ކައިވެނިކުރަން އެދޭ އަންހެނުން ގިނަކަމުން އިސްތިޚާރާ ކުރަނިކޮށް ކައްވަޅުން އިވުނު އަޑުގެ ވާހަކަ- ސިފަހުތުރު އަންހެނުންނަށް އުފާވެރިކަން ހުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
ޢިބްރަތްތެރި ވާހަކަ: ތަނަވަސް މީހަކާ ކައިވެނިކުރަން އެދޭ އަންހެނުން ގިނަކަމުން އިސްތިޚާރާ ކުރަނިކޮށް ކައްވަޅުން އިވުނު އަޑުގެ ވާހަކަ- ސިފަހުތުރު އަންހެނުންނަށް އުފާވެރިކަން ހުރި!

އަހުރެންނަކީވެސް ތަނަވަސްކަން ލިބިގެން ހުރި ޒުވާނަކީމެވެ. އަހުރެންގެ ކައިވެންޏެއް އެދިގެން ވަރަށް ގިނަ އަންހެންކުދިން އަމިއްލައަށް ހުށަހަޅައެވެ. އެހެންވެ އެކަމުގައި ގޮތެއް ނިންމަން ނުއެނގިގެން އިސްތިޚާރާ ކުރަމުން ދިއަދުވަސްވަރު ހުވަފެނެއް ފެނުނެވެ. 

އެހުވަފެނުގައި ފެންނަނީ އަހުރެން ޤަބުރުސްތާނެއްގެ ކައިރިން ހިނގާފައިދާތަނެވެ. ދަނިކޮށް ކުއްލިއަކަށް އިވެންފެށީ އަޑެކެވެ. އެއަޑު އަންނަ ދިމާއެއް ނުއެނގެއެވެ. ނަމަވެސް ވަރަށް ގާތުންކަން އެނގުނެވެ. 

އެއަޑު އޭނާގެ ޙަޔާތުގެ ވާހަކަތައް ކިޔައިދިނެވެ. 

"އެއްދުވަސްވަރެއްގައި އަހުރެންނަކީ ވަރަށް ރީތި ޒުވާނެކެވެ. އެއިރު ހާދަ ގިނަ ބައަކު އަހުރެންގެ ރީތިކަން ފަހަތުން ދުވިއެވެ. އެއިރު އަހުރެންނަކީ ހާދަ ތަނަވަސް މީހެކެވެ. އެއިރު ހާދަ ގިނަ ބައަކު އަހުރެންގެ ތަނަވަސްކަން ފަހަތުން ދުވިއެވެ. އެއިރު އަހުރެންނަކީ ހާދަ މަޝްހޫރުވި މީހެކެވެ. އެއިރު ހާދަ ގިނަ ބައަކު އަހުރެންގެ ފަހަތުންދުވެ އެކުވެރިވާންވެގެން އުޅުނެވެ." 

މި 3 ކަންތައް އަހުރެންނާއިއެކުގައި ދެމިއޮތް ދުވަސްތަކުގައި ކޮންމެ ދުވަހަކު އަހުރެންނާއި ކައިވެނިކުރަން ބޭނުންވެގެން ނަން ފޮނުވާ ރީތި އަންހެންކުދިންގެ ނަންތަކުގެ ލިސްޓްވެސް އޮންނަނީ ކިޔައި ނުލެވިފައެވެ. ނަންތައް ގިނަވެފައި ލިސްޓް ދިގުކަމުންނެވެ. އެއިރު ހާދަހާ ގިނަ އަންހެންކުދިންތަކެއް އަހުރެންގެފަހަތުން އަޅައިގަނެގެންވެސް އުޅުނެވެ. ހާދަހާ ގިނަ އެކުވެރިންވެސް ތިއްބެވެ. 

ކަންދިމާވިގޮތުން ދުނިޔޭގައި އުޅެލަން ލިބުނީ ވަރަށް ކުޑަ ދުވަސްކޮޅެކެވެ. 40 އަހަރުވެސް ނުވަނީސް މިވަނީ ދުނިޔެ ދޫކުރަންޖެހިފައެވެ. މަރުވީންސުރެ އޮންނަން މިޖެހެނީ އެކަނިމާ އެކަންޏެވެ. އަހުރެންގެ ކިބައިން އެކި ގޮތްގޮތުން އެހީތެރިކަން ހޯދި އެއްވެސް މީހަކު އަހުރެންގެމަތިން ހަނދާންކުރާކަންވެސް ނުއެނގެއެވެ. ހެޔޮ ދުޢާއެއްކޮށްލާ ކަމެއްވެސް ނުއެނގެއެވެ. ދެން އެކަންކަން އިތުރަށް އެނގޭނީ ޤިޔާމަތް ދުވަހު އަހުރެންގެ ހިސާބު ބައްލަވާ ވަޤުތުގައެވެ. 

އަހަރެންނަށް ކިރިޔާވެސް ސަލާމަތްކަމެއް ލިބިފައި މިވަނީ ޒުވާން ޢުމުރުގައިވެސް ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރުމަށް މަސައްކަތްކުރެވުނީތީއެވެ. ފަރުޟުތަކަށް ރައްކައުތެރިވުމުގެ އިތުރުން ﷲ ތަޢާލާގެ މަގުގައި ހޭދަކުރެވުނީތީއެވެ. 

އަދި އެހުރިހާ އަންހެނުން އަހުރެންގެ ކައިވެންޏަށް އެދެމުންދިއަ އިރުވެސް ބޭރުފުށުގެ ރީތިކަމަށް ނުބަލައި ހެޔޮލަފާ އަންހެނަކު ހޯދައިގެން ކައިވެނިކުރެވުނީތީއެވެ. އޭނާ އަދިވެސް އަހަރެންގެ މަތިން ހަނދާން ނައްތައެއް ނުލައެވެ. އަހުރެންނަށް ޘަވާބު އިތުރުވާނޭ ކަންކަން އެބަކުރެއެވެ. އަހުރެންނަށް ރަޙްމަތް ލައްވަވާނެ ކަންކަން އެބަކުރެއެވެ. 

ވީމާ އަހުރެންގެ ޙަޔާތުގެ ތަޖުރިބާއަށް ބަލައި ބުނަން އޮތީ ހަކުރުގައި މެހި ޖައްސާ އުޞޫލުން ތަނަވަސްކަން ލިބިފައިވާ ދުވަސްވަރު އައިސް ވަށައިގެން އެނބުރޭ މީހުންނަށް ނުބަލާށެވެ. އަންތބަކު އިޚްތިޔާރުކުރާއިރު ހެޔޮލަފާ ތަޤްވާވެރި އަންތބަކު އިޚްތިޔާރުކުރާށެވެ. ދުނިޔޭގައިވެސް އަދި މަރުވުމުންވެސް ފައިދާކުރާނީ އެއިރުންނެވެ." 

މިހިސާބަށް ބުނިތަނުން އަޑު ކެނޑިއްޖެއެވެ. ސިއްސައިގެން ގޮސް ހޭލެވިއްޖެއެވެ. ދެލޯ ހުޅުވައި ހަމަޖެހިލަން މަސައްކަތްކުރަމުން ދިއައިރު އާދައާ ޚިލާފަށް މީރު ވަހެއް ދުވިހެންވެސް ހީވިއެވެ. 

ކޮންމެއަކަސް ތެދުވެ ވުޟޫކޮށްލައިގެން 2 ރަކްއަތް ނަމާދެއްކުރީމެވެ. ހުވަފެނަކީ ލިބުނު ވަރަށް ރަނގަޅު މެސެޖެއް ކަމަށް ޤަބޫލުކޮށް ޢަމަލުކުރީމެވެ. ނަތީޖާ ވަރަށް ރަނގަޅެވެ. ކައިވެންޏަށް 40 އަހަރުވީއެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ އެންމެ އުފަލުގައެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އަނބިމީހާއަކީ އެބުނާ ފަދަ ބޭރުފުށުގެ ރީތި ސިފަތައް ލިބިފައިވާ އަންހެނެއް ނޫނެވެ. ހިތުގެ ރީތިކަމުގައި ހަމަ ދުނިޔެއަށްވެސް ނަމޫނާ އަންހެނެކެވެ. 

އަހުރެންގެ މިވާހަކަ ދުނިޔެއަށް ޙިއްޞާ މިކުރީ ކައިވެންޏަށް 40 އަހަރު ފުރި، އަދި އެ 40 އަހަރަކީ ވަރަށް އުފާވެރި ދުވަސްތަކަކަށްވުމުން ކިޔާ މީހުންނަށްވެސް ފައިދާއެއް ކޮށްފާނެ ކަމުގެ އުންމީދުގައެވެ. 

- ރިޝްވާން / ލާހޯރު، ޕާކިސްތާން

 

 

 

މިއަދު އޮންލައިން