މީހަކަށް ފަސޭހައިން އަޅުކަންކުރެވެން އޮވެމެ ފަރުވާކުޑަކުރެވުމަކީ ﷲ ގެ ރުހިވޮޑިގަތުން އަމިއްލައަށް ނަގައިލުން-: ޝައިޚް މުޙައްމަދު ބާޖައުރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މީހަކަށް ފަސޭހައިން އަޅުކަންކުރެވެން އޮވެމެ ފަރުވާކުޑަކުރެވުމަކީ ﷲ ގެ ރުހިވޮޑިގަތުން އަމިއްލައަށް ނަގައިލުން-: ޝައިޚް މުޙައްމަދު ބާޖައުރު

ކޮންމެ މުސްލިމަކުވެސް އަޅުކަންކުރާނެއެވެ. އަޅުކަންކުރަނީ ކީއްކުރަންހެއްޔެވެ؟ ޖަވާބަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އުފާވާނީ އެމީހަކު ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާކަން އެނގިއްޖެނަމައެވެ.

މިދުނިޔޭގައި އެމީހަކު ހުއްޓައި އެމީހަކަށް އެކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަން އެގެން އޮތީ ޤިޔާމަތް ދުވަހު ޞިރާޠުމަގު ހުރަސްކުރެވިއްޖެނަމައެވެ. އެމީހާގެ ޙިސާބު ބައްލަވާ ވަޤުތުގައެވެ. 

އެހެންކަމާއިއެކުވެސް އެކަމުގެ ބައެއް ޢަލާމާތްތައް ބައެއް ޢިލްމުވެރިން ބަޔާން ކުރައްވަވަތެވެ. އެއިގެ ތެރެއިން އެއް ޢަލާމާތަކީ ހެޔޮ ޢަމަލުތައް ކުރަން އެމީހަކަށް ފަސޭހަކޮށް ދެއްވެވުމެވެ. އަދި ކިތަންމެ ދަތިޙާލުގައިވެސް އަޅުކަންކުރަން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އުފެދި އެކަމަށް މަސައްކަތްކުރުމުގެ ހިތްވަރު ލިބުމެވެ.

މީސްތަކުންނޭވެ! އެއްބައަކު އެއުޅެނީ އަޅުކަންކުރަން ބޭނުންވި ނަމަވެސް ތަފާތު ހުރަސްތައް ކުރިމަތިވެ އަޅުކަން ނުކުރެވިގެންނެވެ. ވީމާ ތިބާއަކީ ފަސޭހައިން އަޅުކަން ކުރަން މަގުފަހިވެފައިވާ މީހަކަށްވެހުރެމެ ތިބާ އެކަމުގައި ފަރުވާކުޑަކުރާނަމަ އެކަމުން އަންގައިދެނީ ﷲ ތަޢާލާ ތިބާއަށް ދެއްވެވި ފުރުޞަތުގެ ބޭނުންހިފަން މަސައްކަތް ނުކުރެވޭކަމެވެ.  

މީސްތަކުންނޭވެ! ކިތަންމެ ދަތިޙާލުގައި ނަމަވެސް އަޅުކަންކުރަން މަސައްކަތްކުރާށެވެ! އަދި ފަސޭހައިން އަޅުކަން ކުރުމުގެ ފުރުޞަތު ފަހިވެފައިވާނަމަ އަޅުކަންކުރުން ގިނަކުރާށެވެ! އަޅުކަން ކުރަންވީ ހަމަ އެންމެ ސަބަބަކަށްޓަކައެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިމާއަށް ލިބުމެވެ. ސުވަރުގެ ވަދެވެން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

މިއަދު އޮންލައިން