ޢަލީ އިޙްޞާން ފިރާޤް
يونس عليه السّلام
ސަލާމްލެއްވި ޔޫނުސްގެފާނަކީ އަރަހުށި މާތްﷲ، ފޮނުއްވި ރަސޫލުބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ކީރިތި ޤުރްއާނުގައި، އެކަލޭގެފާނުގެ ނަންފުޅަށް ނިސްބަތްކުރައްވައި ސޫރަތެއްވަނީ ބާވައިލައްވައިފައެވެ.
ނަންފުޅާއި ނަސަބުފުޅު:
ޞައްޙަ ޙަދީޘުން ޘާބިތުވާ ގޮތުގައި، އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ يونس بن متّى އެވެ. ކީރިތި ޤުރްއާނުގައި، ޔޫނުސްގެފާނަށް ދެ ލަޤަބުފުޅަކުން މުޚާތަބު ކުރައްވައިފައިވެއެވެ. އެއީ،” ذوالنون] އާއި ” صاحب الحوت] އެވެ. ކީރިތި ޤުރްއާނުގައި ޔޫނުސުގެފާނުގެ ނަންފުޅު ހަތަރު ފަހަރު ބަޔާންވެގެންވެއެވެ. އެއީ، ނިސާ ސޫރަތާއި، އަންޢާމު ސޫރަތާއި، ޔޫނުސް ސޫރަތާއި، ޞާއްފާތު ސޫރަތުގައެވެ.
ރިސާލަތު:
އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ، އަލްބިދާޔަތު ވައްނިހާޔަތުގައި، ލިޔުއްވައިފައިވާ ގޮތުގައި ޔޫނުސުގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނީ، ނައިނަވާއަށެވެ. އެއީ ޢިރާޤުގެ މޫސަލްގެ ޝަހަރެކެވެ. އެކަލޭގެފާނުގެ ރަސޫލުކަން ބަޔާން ކުރައްވައި، ކީރިތި ޤުރްއާނުގެ ޞާއްފާތު ސޫރަތުގެ 139 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
وَإِنَّ يُونُسَ لَمِنَ الْمُرْسَلِينَ ﴿١٣٩﴾
މާނައީ: [ހަމަކަށަވަރުން، يونس ގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ.]
ތަފްހީމުލް ޤުރްއާނުގައި، އަބުލް އަޢުލާ މައުދޫދީ، ލިޔުއްވައިފައިވެއެވެ. [ޔޫނުސްގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނީ އާޝޫރީންގެ ގާތަށެވެ.] ކުރިން ދެންނެވިފައިވާ ފަދައިން، އެބައިމީހުން ދިރިއުޅެމުން ގެންދިޔައީ ޢިރާޤު ކަރައިގެ ނައިނަވާގައެވެ.
يونس عليه السّلام ގެ ތައުޙީދުގެ ދަޢުވަތާއި، ރިސާލަތުގެ ފުރިހަމަ މަޢުލޫމާތެއް ކީރިތި ޤުރުއާނުގެ ޞަރީޙަ ނައްޞުން ލިބޭކަށްނެތެވެ. ނަމަވެސް ނަބިއްޔުންނާއި، ރަސޫލުން ފޮނުއްވުމުގެ ބޭނުމަކީ ހަމައެކަނި އަރަހުށި اللَّه އަށް އަޅުކަންކުރުމަށް ގޮވާލުމާއި، ބުދުތަކަށާއި، ޠާޣޫތަށް ކާފިރުވުމަށް ގޮވައިލެއްވުމެވެ. އެކަން ބަޔާން ކުރައްވާ ކީރިތި ޤުރްއާނުގެ ނަޙްލު ސޫރަތުގެ 36 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ فَمِنْهُم مَّنْ هَدَى اللَّـهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ الضَّلَالَةُ ۚ فَسِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ ﴿٣٦﴾
މާނައީ: [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްމެ رسول އަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ. ފަހެ، اللَّه ތެދުމަގު ދެއްކެވި މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި މަގުފުރެދުން އެބަޔެއްގެ މައްޗަށް حق ވެގެންވީ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ. ފަހެ، ދޮގުކުޅަމީހުންގެ ނަތީޖާއޮތީ ކޮންފަދައަކުންކަން ތިޔަބައިމީހުން ދެކޭށެވެ!]
އަންބިޔާއު ސޫރަތުގެ 20 ވަނަ އާޔަތުގައި މި ވާހަކަ ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ.
وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدُونِ ﴿٢٥﴾
މާނައީ: [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ إله އަކު ނުވާކަމަށް އެބޭކަލަކަށް وحى ނުކުރައްވާ އެއްވެސް رسول އަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ!]
يونس عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ދީނަށް ގޮވައިލެއްވުމުގައި ވަރަށް ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއެވެ. ނަމަވެސް، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ފަރާތުން އެދެވޭ އިޖާބައެއް ލިބިވަޑައެއްނުގެންނެވިއެވެ. އެކަލޭގެފާނަށް އެއްވެސް މީހަކު އީމާނެއް ނުވިއެވެ. އެބައިމީހުންގެ ޖާހިލީ އާދަތަކާއި، ބޯދާ ވިސްނުމުގައި ދެމިތިބީއެވެ.