ޔޫނުސުގެފާނު ވާހަކަ 2 : ކޯފާއިސްކުރައްވާ ޤައުމުދޫކުރައްވައި ވަޑައިގެންނެވުމާއި، ޤައުމުގެ މީސްތަކުން ޢަޛާބަށް ބިރުން އީމާވުން

ކިޔުމަށް ހޭދަވާނީ 5މ 14ސ
ޔޫނުސުގެފާނު ވާހަކަ 2 : ކޯފާއިސްކުރައްވާ ޤައުމުދޫކުރައްވައި ވަޑައިގެންނެވުމާއި، ޤައުމުގެ މީސްތަކުން ޢަޛާބަށް ބިރުން އީމާވުން

- ޢަލީ އިޙްޞާން ފިރާޤް

 

ޤައުމުދޫކުރައްވައި ވަޑައިގަތުން: 

يونس عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ނުސިޔާނު ޢަމަލުތަކުގެ ސަބަބުން އެބައިމީހުން ދޫކުރައްވައި ޤައުމުން ނުކުމެވަޑައިގަތެވެ. ނަމަވެސް އެކަލޭގެފާނު ޤައުމު ދޫކުރައްވައި ނުކުމެވަޑައިގެންނެވީ، އިލާހީ އެއްވެސް އަމުރުފުޅެއް ލިބިވަޑައި ނުގަންނަވަނީހެވެ. ޤުރްއާނުގެ އަންބިޔާއު ސޫރަތުގެ 87 ވަނަ އާޔަތުގައި މި ވާހަކަ ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ. 

وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ ﴿٨٧

މާނައީ: [އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ.] 

ރޫޙުލް މަޢާނީގައި، އަލް އިމާމުލް އާލޫސީ ވިދާޅުވެފައިވާކަމަށް، ސައްޔިދު އަބުލް އައުލާ މައުދޫދީ، ތަފްހީމުލް ޤުރްއާނުގައި ލިޔުއްވައިފައިވެއެވެ. [ ޔޫނުސުގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނީ، މޫސަލްގެ ނައިނަވާއަށެވެ. އެރަށުގެ މީސްތަކުންނަކީ އަރަހުށި މާތްއަށް ޝިރުކު ކުރަމުން ގެންދިޔަ ބައެކެވެ. ޔޫނުސްގެފާނު އެރަށުގެ މީސްތަކުންނަށް، މާތްއަށް އީމާންވުމަށާއި، ބުދުތަކަށް އަޅުކަން ކުރުމުން އެއްކިބާ ވުމަށް ގޮވައިލެއްވިއެވެ. ނަމަވެސް އެބައިމީހުން އެކަލޭގެފާނުގެ ދަޢުވަތު ޤަބޫލުކުރުމަށް އިންކާރު ކުރިއެވެ. އެކަލޭގެފާނު ދޮގުކުރިއެވެ. 

ދެން ޔޫނުސްގެފާނު އެބައިމީހުންގެ މައްޗަށް ތިންދުވަހުގެ ތެރޭގައި ގަދަފަދަ ޢަޛާބެއް އަތުވެދާނެކަމުގެ އިންޒާރު ދެއްވިއެވެ. އެއަށްފަހު، ތިންވަނަ ދުވަހަށް އަލިވިލުނުރޭ ޔޫނުސްގެފާނު އެކަލޭގެފާނުގެ ޤައުމުދޫކުރައްވައި، ނުކުމެވަޑައިގެންނެވިއެވެ. ދެން، އެބައިމީހުންނަށް މާތް ގެ ގަދަފަދަ ޢަޛާބުގެ ކޮޅުމަތި ފެންނަން ފެށުމުން، ދެން މި ޢަޛާބުން އެބައިމީހުންނަށް އެއްވެސް ސަލާމަތްތެރިކަމެއް ނުލިބޭނެކަން ޔަޤީންވިއެވެ. އެބައިމީހުންނަކަށް އެބައިމީހުންގެ ނަބިއްޔާ ޔޫނުސްގެފާނުވެސް ހޯދައިހޯދައި ނުފެނުނެވެ. ދެން އެބައިމީހުން، އަހުލުވެރިންނާއި ނަޢަމުސޫފިތަކާއިގެން ސަހަރާ ތެރެއަށް ނުކުމެ، އަރަހުށި މާތްއަށް އީމާންވެ، އެކަލާނގެ ޙަޟްރަތަށް ތައުބާ ވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން މާތް އެބައިމީހުންގެ މައްޗަށް ރަޙުމަތުގެ ބެއްލެވުމުން ބައްލަވައި، އެބައިމީހުންގެ  ތައުބާ ޤަބޫލުކުރެއްވިއެވެ.

{އިމާމު އާލޫސީ، ރޫޙުލްމަޢާނި، އެގާރަވަނަ ޖިލްދު، ޞަފްޙާ 170} 

އަދިވެސް އިމާމު އާލޫސީ ލިޔުއްވައިފައިވާކަމަށް ޢައްލާމާ މައުދޫދީ ލިޔުއްވައިފައިވެއެވެ. [ޔޫނުސްގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން ދޫކުރައްވައި ވަޑައިގެންނެވީ އެހެން ރަށަކަށް ހިޖުރަ ކުރެއްވުމަށެވެ. ނަމަވެސް އެކަލޭގެފާނު ހިޖުރަކުރެއްވުމަށް ނުކުމެވަޑައިގަތީ އެކަމަށް އަރަހުށި މާތް ގެ އަމުރުފުޅު ލިބިވަޑައި ނުގަންނަވަނީހެވެ.] {އިމާމު އާލޫސީ، ރޫޙުލްމަޢާނި، ސަތާރަވަނަ ޖިލްދު، ޞަފްޙާ 170} 

ރިވާޔަތްތަކުން އެނގޭގޮތުގައި ޔޫނުސުގެފާނުގެ ޤައުމުގެ މީސްތަކުން އީމާންވީ އެބައިމީހުންނަށް ދުނިޔެމަތީގެ ޢަޛާބުގެ ކޮޅުމަތި ފެންނާންފެށުމުންނެވެ. އެކަމަށް ތިރީގައިވާ ރިވާޔަތާއި، ޔޫނުސް ސޫރަތުގެ  98 ވަނަ އާޔަތް ހެކިދެއެވެ. 

ޤަތާދާ ރަޙިމަހު ވިދާޅުވެފައިވާ ކަމަށް، އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [ ޔޫނުސްގެފާނުގެ ޤައުމުގެ މީސްތަކުން ފިޔަވައި އެއްވެސް ޤައުމެއްގެ މީސްތަކުންނަށް މާތްގެ ޢަޛާބު އައިސް ޖެހުނުތަން ފެނިގެން އީމާންވުމުން  އެކަމުގެ މަންފާ ކޮށްފައެއްނެތެވެ. އެބައިމީހުންގެ ރަސޫލާ އެބައިމީހުން ދޫކޮށްވަޑައިގަތުމުން އެބައިމީހުންނަށް މާތްﷲ ގެ ޢަޛާބު ގާތްވެއްޖެކަން އެނގުނެވެ. އަދި މާތް އެބައިމީހުންގެ ހިތްތަކަށް ތައުބާވެ އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވުމުގެ އެދުންވެރިކަން ފޮނުއްވިއެވެ. ދެން، އެބައިމީހުން ކެހެރި ފޭރާންތައްލައި، ޖަނަވާރުންނާއި އޭގެ ޅަދަރީން ވަކިކޮށް، ކަލާނގެ ޙަޟްރަތަށް ސާޅީސްރޭ ސާޅީސްދުވާ ވަންދެން ތައުބާވެ ރޮއެ އާދޭސްދެންނެވިއެވެ.]

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 4 ވަނަ ޖިލްދު، ޞަފްޙާ 660} 

މިދެންނެވި ވާހަކައަށް އިޝާރާތް ކުރައްވައި، ކީރިތި ޤުރްއާނުގެ ޔޫނުސް ސޫރަތުގެ  98 ވަނަ އާޔަތުގައި މާތްވަޙީކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

فَلَوْلَا كَانَتْ قَرْيَةٌ آمَنَتْ فَنَفَعَهَا إِيمَانُهَا إِلَّا قَوْمَ يُونُسَ لَمَّا آمَنُوا كَشَفْنَا عَنْهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا وَمَتَّعْنَاهُمْ إِلَىٰ حِينٍ﴿٩٨

މާނައީ: [ފަހެ، ރަށެއްގެ މީހުން، އެއުރެންގެ إيمان ކަމުން މަންފާކުރާނޭ ގޮތުގައި، إيمان ވީނަމަ ކިހާރަނގަޅުހޭ! އެހެނެއްކަމަކު، يونس ގެފާނުގެ قوم ގެމީހުން إيمان ވުމުން، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ދުނިޔޭގެ حياة ގައި ނިކަމެތިކަމުގެ عذاب ދުރުކުރެއްވީމެވެ. އަދި އެއުރެންގެ އަޖަލު ޖެހިއްޖައުމަށް ދާނދެން، އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.]

މިއަދު އޮންލައިން