ކޮންމެ ދުވަހަކު އެތައް ބައަކަށް ޤިޔާމަތްވަމުންދާއިރު ޤިޔާމަތްވުމުގެ ޢަލާމާތްތައް ގުނަން ތިބޭނެ ވަގުތެއް ނެތް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކޮންމެ ދުވަހަކު އެތައް ބައަކަށް ޤިޔާމަތްވަމުންދާއިރު ޤިޔާމަތްވުމުގެ ޢަލާމާތްތައް ގުނަން ތިބޭނެ ވަގުތެއް ނެތް!: ބިލާލް އައްސަދު

ކޮންމެ ދުވަހަކުހެން، އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކު، ޤިޔާމަތްވުމުގެ ޢަލާމާތްތައް ފައުޅުވަމުން އަންނަކަމުގެ ވާހަކަ ދައްކައެވެ. ކަންބޮޑުވާކަމަށްވެސް ބުނެއެވެ. މިހައިތަނަސް ފައުޅުވި ޢަލާމާތްތައް ކަމަށް ބެލެވޭ ކަންކަމުގެ ޢަދަދުވެސް ގުނައެވެ.

އަބަދުވެސް ބުނާފަދައިން މަރުވުމުން އެމީހަކަށް ޤިޔާމަތްވީއެވެ. ދައްޖާލު ފައުޅުނުވުމަކުން، ޢީސާގެފާނު އަދި ފައިބައިވަޑައިނުގެން އޮތުމަކުން އެމީހަކަށް ކުރާނެ އެއްވެސް މަންފާއެއް ނެތެވެ. ކޮން2މެ މީހަކީވެސް ކޮންމެ ވަޤުތަކުވެސް އެމީހަކަށް ޤިޔާމަތްވެދާނެ މީހެކެވެ.

އަހަރެން ޤަބޫލުކުރާ ގޮތުގައި ޤިޔާމަތްވުމުގެ ޢަލާމާޔތްތަކާއިމެދު ކޮންމެ މީހަކުވެސް ވިސްނަންވެސް ޖެހޭނެއެވެ. އަދި ކަންބޮޑުވާންވެސް ޖެހޭނެއެވެ. ނަމަވެސް ފެންނަމުންދާ ޢަލާމާތްތައް ގުނަން ތިބޭނެ ވަގުތެއް ނެތެވެ. އަދި ހަމައެކަނި އެކަން ކުރުމަކުން، އެކަމުން ކުރާނެ ފައިދާއެއްވެސް ނެތެވެ.

އެހެނީ ޤިޔާމަތްވާނެ ވަގުތާއިބެހޭގޮތުން ސުވާލުދެންނެވި ޞަޙާބީއަށް ރަސޫލް ﷺ ޙަދީޘްފުޅުކުރެއްވެވީ ސުވާލެކެވެ. "އެކަމަށް ތައްޔާރުވާން ތިބާކުޅައީ ކޮންކަމެއް ހެއްޔެވެ؟" މިފަދައިންނެވެ.

ދުނިޔެއާއިމެދު ޣާފިލުވެގެން ދުނިޔޭގައި އުޅޭ މީހުންގެ ފުރާނަ ހިއްޕަވާހިނދު އޭނާގެ އަޖަލުހަމަވެއްޖެކަމާއި ދާންޖެހޭނީ ނަރަކައަށްކަން އޭނާއަށް އެނގޭނެއެވެ. ހެޔޮ ޢަމަލުކުރަން އިތުރުވަގުތަސް އެދޭނެއެވެ. ނަމަވެސް އެންމެ ހިނދުކޮޅެއްވެސް ﷲ ތަޢާލާ ނުދެއްވަވާނެތެވެ. މިކަންކަމަކީ ކީރިތި ޤުރްއާނުން އެނގެންހުރި ކަންކަމެވެ. ވަރަށް ސާފު ޢިބާރާތުން ބަޔާންކުރައްވަވާފައިވާ ކަންކަމެވެ.

ފްލައިޓްތަކުގައި ދަތުރުކުރާ މީހުންނަށް ރަނގަޅަށް މިކަން އެނގޭނެއެވެ. މައްޗަށް އަރާވަރަކަށް ދުނިޔެ ފެންނާނީ ކުޑަކޮށެވެ. ދުނިޔެ ފެންނަ މިންވަރު ދާނީ ކުޑަވަމުންނެވެ. އީމާންކަމަކީވެސް ހަމަ އެފަދަ ކަމެކެވެ. އީމާންކަމުގައި ސާބިތުވާވަރަކަށް ދުނިޔޭގެ އެދުންތައް ދާނީ ކުޑަވަމުންނެވެ. ކުޑަވަމުންގޮސް ނެތިގެންވެސްދާނެއެވެ.

އެފެންވަރަށް އީމާންކަން ކުރިއެރުމުން ދުނިޔެއިން ބޭނުންވާނީ ހަމައެކަނި ދިރިއުޅެލެވޭނެ މިންވަރެކެވެ. ހުރިހާ ސަމާލުކަމެއް ދެވޭނީ އާޚިރަތަށެވެ. ކަންބޮޑުވާނީ އާޚިރަތާއިމެދުގައެވެ. ގަދައަޅައި މަސައްކަތްކުރަންވީ އާޚިރަތަށެވެ.

--ބިލާލް އައްސަދުގެ ދަރުސަކު

މިއަދު އޮންލައިން