ޔޫނުސުގެފާނު ވާހަކަ 3 : ޔޫނުސުގެފާނު މަހުގެ ބަނޑުތެރޭގައި ހައްޔަރުވެވަޑައިގެންނެވުން

ކިޔުމަށް ހޭދަވާނީ 8މ 32ސ
ޔޫނުސުގެފާނު ވާހަކަ 3 : ޔޫނުސުގެފާނު މަހުގެ ބަނޑުތެރޭގައި ހައްޔަރުވެވަޑައިގެންނެވުން

ޢަލީ އިޙްޞާން ފިރާޤް

 

މަހުގެ ބަނޑު ތެރޭގައި: 

އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [يونس عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންދެކެ، ކޯފާއިސްކުރައްވައި ރަށުންނުކުމެވަޑައިގެން އަރައިވަޑައިގަތީ ފުރުމަށް ތައްޔާރުވެ ބަރާކޮށްފައިވާ ނަވަކަށެވެ. މިނައު ދަތުރުކޮށް ދަނިކޮށް ކުއްލިއަކަށް ކަނޑުގަދަވެ، ނައު ދެންމެ ދެންމެ ފެތިދާނެހެން ހީވާންފެށިއެވެ. ދެން ނަވުގެ މީސްތަކުން، ބަރު ލުއިކުރުމަށްޓަކައި  ޤުރުޢަތު ލުމަށް ނިންމިއެވެ. އެއީ، ޤުރުޢަތުން ހޮވޭމީހަކު ނަވުން ބާލައި ކަނޑަށް އެއްލައިލާ ގޮތަށެވެ. 

އެބައިމީހުން އެންމެންގެ ނަންލިޔެ ޤުރުޢަތުލިއެވެ. ތިންފަހަރު ޤުރުޢަތު ލުމުންވެސް ނިކުތީ ސަލާމްލެއްވި ޔޫނުސްގެފާނު ނަންފުޅެވެ. އެނަވުގެ މީސްތަކުން އެކަލޭގެފާނު ކަނޑަށް އެއްލައިލުމަކަށް ނުރުހުނެވެ. ނަމަވެސް ޔޫނުސުގެފާނު އެކަލޭގެފާނު ތިންފަހަރުވެސް ޤުރުޢަތުން ހޮވިފައިވާތީ އަމިއްލަ ފުޅަށް ކަނޑަށް ފުންމަވައިލެއްވުމަށްޓަކައި ތައްޔާރުވެވަޑައިގެންނެވިއެވެ. އޭރު އަރަހުށި މާތް، ބޮޑުމަހަކަށް އަމުރު ކުރައްވައިފައިވަނީ އެކަލޭގެފާނު ކަނޑަށް ފުންމަވައިލައްވާއިރަށް އެކަލޭގެފާނު ދިރުވައިލުމަށެވެ. އެކަލޭގެފާނުގެ ހަށިކޮޅަށް އެއްވެސް ގެއްލުމެއް ލިބިވަޑައިނުގަންނަވާ ގޮތަށެވެ. 

ކޮންމެއަކަސް ޔޫނުސްގެފާނު ކަނޑަށް ފުންމައިލައްވާއިރަށް އެއްކަލަ ބޮޑުމަސް އައިސް އެކަލޭގެފާނު ދިރުވައިލައިފިއެވެ. އެކަލޭގެފާނު އެމަހުގެ ބަނޑުގެ ތެރޭގައި އިންނަވައިގެން އަރަހުށި މާތް، އަށް އަޅުކަން ކުރައްވައި ދުޢާ ކުރައްވަމުން ގެންދެވިއެވެ. އެކަލޭގެފާނު ދުޢާފުޅު ކުރައްވައި ވިދާޅުވި ބަސްފުޅުތަކުގެ ތެރޭގައިވެއެވެ. [ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މީގެ ކުރިން އެއްވެސް މީހަކު އިބަރަސްކަލާނގެއަށް އަޅުކަންކޮށް ތަސްބީޙަ ކިޔައިފައިނުވާތަނެއް، ތިމަންކަލޭގެފާނު އިބަރަސްކަލާނގެއަށް އަޅުކަންކުރުމަށް އައްޔަންކޮށްފީމެވެ.] މުރާދަކީ މަހުގެ ބަނޑަކީ އެކަލޭގެފާނު މާތް އަށް އަޅުކަންކޮށް ތަސްބީޙަ ކިޔާތަނެއްކަމުގައި އެކަލޭގެފާނު ހިއްޕެވިކަމެވެ. ]

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 8 ވަނަ ޖިލްދު، ޞަފްޙާ 286}

މިދެންނެވި ވާހަކަތައް ޤުރްއާނުގެ ޞާއްފާތު ސޫރަތުގެ 139 ވަނަ އާޔަތުން ފެށިގެން 142ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ. 

وَإِنَّ يُونُسَ لَمِنَ الْمُرْسَلِينَ ﴿١٣٩﴾إِذْ أَبَقَ إِلَى الْفُلْكِ الْمَشْحُونِ ﴿١٤٠﴾ فَسَاهَمَ فَكَانَ مِنَ الْمُدْحَضِينَ ﴿١٤١﴾ فَالْتَقَمَهُ الْحُوتُ وَهُوَ مُلِيمٌ ﴿١٤٢

މާނައީ: [ހަމަކަށަވަރުން، يونس ގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ.އެކަލޭގެފާނު ފިއްލަވައިގެން ވަޑައިގެން، ބަރާވެގެންވާ ނަވަށް އަރާވަޑައިގެންނެވިހިނދު ހަނދުމަކުރާށެވެ!ފަހެ، އެކަލޭގެފާނު (ނަވުގެ މީހުންނާއެކު) قرعة ލެއްވިއެވެ. ފަހެ، އެކަލޭގެފާނުވީ (قرعة ން) ދެރަވިމީހުންގެ ތެރެއިންނެވެ.ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حال ގައެވެ.] 

މާސިންގާ ކަނޑުގެ އަޑީގައި ޔޫނުސްގެފާނު، އަރަހުށި މާތް ގެ ޙަޟުރަތަށް ތަސްބީޙަ އާއި ތަޙްލީލު  ވިދާޅުވި ވާހަކަ ބަޔާން ކުރައްވައި، ޤުރްއާނުގެ އަންބިޔާއު ސޫރަތުގެ 87 ވަނަ އާޔަތާއި 88 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَن لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ ﴿٨٧﴾ فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ ۚ وَكَذَٰلِكَ نُنجِي الْمُؤْمِنِينَ ﴿٨٨

މާނައީ: [އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ.] 

މިދެންނެވި އާޔަތުގައިވާ [އަނދިރިތަކުގެ ތެރޭގައޭ] އޮތް ބަސްފުޅުގެ މުރާދާމެދު ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހާއި،ޢަބްދު ބިން މަސްޢޫދު ރަޟިޔަ ޢަންހު ވިދާޅުވެފައިވެއެވެ. [އެއީ މަހުގެ ބަނޑުގެ އަނދިރިކަމާއި، ކަނޑުގެ އަނދިރިކަމާއި، ރޭގަނޑުގެ އަނދިރިކަމެވެ.] އަދިވެސް އޭގެ ދެކަލުންގެ ފަރާތްޕުޅުން ރިވާވެގެންވެއެވެ. [ޔޫނުސްގެފާނު ދިރުވައިލުމަށްފަހު އެ ބޮޑުމަސް ދަތުރުކޮށްގޮސް ކަނޑުގެ އެންމެ އަޑިއަށް ވާސިލުވިއެވެ. އެތަނުން އެކަލޭގެފާނަށް ބޮޑެތި ބޮޑެތި ގައުތައްވެސް އަރަހުށި މާތްގެ ޙަޟުރަތަށް ތަސްބީޙަ އާއި ތަޙްލީލު ކިޔާ އަޑު އެކަލޭގެފާނަށް އިވިވަޑައިގަތެވެ. ދެން އެކަލޭގެފާނު لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ  އޭ ވިދާޅުވެ ދުޢާފުޅު ކުރައްވަން ފެއްޓެވިއެވެ.]

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 6 ވަނަ ޖިލްދު، ޞަފްޙާ 483} 

އަނަސް ބިން މާލިކު ރަޟިޔަޢަންހުގެ އަރިހުން  އިބްނު އަބީ ޙާތިމް ރިވާ ކުރައްވައިފައިވާކަމަށް، އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ.

[ޔޫނުސްގެފާނަށް ޖެހިވަޑައިގެންނެވި ކަންތައްތައް ޖެހިވަޑައިގަތުމަށްފަހު، އެކަލޭގެފާނު އަންނަނިވި ކަލިމަފުޅުތަކުން މަހުގެ ބަނޑުތެރޭގައި އޮންނަވައިގެން ދުޢާފުޅު ކުރެއްވިއެވެ. 

[ اللْهُمَّ لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ،  ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.] 

އެކަލޭގެފާނުގެ ދުޢާފުޅުގެ އަޑު ޢަރުޝިފުޅާ ހަމައަށް ފޯރިއެވެ. އެހިނދު މަލާއިކަތް ބޭކަލުން ދެންނެވިއެވެ. [އޭ އަޅަމެންގެ ރައްބެވެ. މިއީ ވަރަށް ދަންނަ ނަމަވެސް ޟަޢީފު އަޑެކެވެ. އެ އަޑުފުޅު އެއިވެނީ ވަރަށް ދުރު ހިސާބަކުންނެވެ.] މާތް އެންގެވިއެވެ. [ތިޔަބޭކަލުންނަށް އެކަން އެނގިވަޑައިގެންނެވީ ކިހިނެއްތޯއެވެ؟] މަލާއިކަތުން ދެންނެވިއެވެ. [އެއީ ކޮންބޭކަލެއްތޯއެވެ؟] މާތް އެންގެވިއެވެ. [އެއީ ތިމަންރަސްކަލާނގެ އަޅާ ޔޫނުސްގެފާނެވެ.] މަލާއިކަތުން ދެންނެވިއެވެ. [އިބަ އިލާހުގެ އަޅާ ޔޫނުސްގެފާނުތޯއެވެ. އަބަދާ އަބަދު އެބޭކަލެއްގެ ހެޔޮ ޢަމަލުފުޅުތައް އިބައިލާހުގެ ޙަޟުރަތުގައި މަޤުބޫލުވެގެންވާ އަދި އެބޭކަލެއްގެ ދުޢާފުޅު އިޖާބަ ކުރައްވާ ކަލޭގެފާނުތޯއެވެ؟] އެއަށްފަހު އަލުން އެބޭކަލުން ދެންނެވިއެވެ. [އެކަލޭގެފާނު ހެޔޮ ޙާލުކޮޅުގައި ހުންނެވިއިރު އެކަލޭގެފާނު ކުރެއްވި ހެޔޮ ޢަމަލުތަކަށްޓަކައި، އިބަރަސްކަލާނގެ އެކަލޭގެފާނު މި ދަތި ޙާލުކޮޅު ދުރު ނުކުރައްވާނުތޯއެވެ؟] މާތް އެންގެވިއެވެ. [އަދި ކީއްހެޔެވެ؟ ތިމަންރަސްކަލާނގެ އެކަލޭގެފާނު އެކަންތައްތަކުން ސަލާމަތް ކުރައްވާނަމެވެ.] ދެން އެކަލާނގެ އެ މަހަށް އަމުރު ކުރެއްވުމުން، އެ މަސް އެކަލޭގެފާނު ހިކިފަސްތަނަކަށް ދޫކޮށްލެއްވިއެވެ.]

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 8 ވަނަ ޖިލްދު، ޞަފްޙާ 288}

މިއަދު އޮންލައިން