ވިސްނައިގެން ކިޔައިލާށެވެ! އަޅުގަނޑުމެންގެ ޙާލަތު މިވަނީ ކޮންމެ މީހަކުވެސް ލަދުގަންނަން ޖެހޭނެ ގޮތަކަށް ނޫންތޯއެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ވިސްނައިގެން ކިޔައިލާށެވެ! އަޅުގަނޑުމެންގެ ޙާލަތު މިވަނީ ކޮންމެ މީހަކުވެސް ލަދުގަންނަން ޖެހޭނެ ގޮތަކަށް ނޫންތޯއެވެ؟

އަޅުގަނޑަށް ސޯޝަލް މީޑިއާއިން ލިބުނު މައުލޫމާތަކުން ޙައިރާންކަން ލިބުނެވެ. އެ މައުލޫމާތުގައި ވަނީ މިފަދައިންނެވެ. "އަހުރެން ރޫމޭނިއާގައި ރޭގަނޑު 3 ޖެހިއިރު ޓެކްސީ ދަތުރެއް ކުރީމެވެ. ޒުވާން 2 އަންހެން ކުދިން ހިނގާފައިދާތީ ކަންބޮޑުވެގެން އެވާހަކަ ޑްރައިވަރާއި ދެއްކުމުން ބުންޏެވެ. އެއީ ރޫމޭނިއާ އަންހެންކުދިންނެވެ. ރޫމޭނިއާގެ ފިރިހެނުން ރޫމޭނިއާގެ އަންހެންކުދިންނަށް ގޯނާއެއް ނުކުރާނެއެވެ." 

އަދިވެސް އެމީހާ ބުނެފައިވެއެވެ. "އަހުރެން ރޫމޭނިއާގައި 5 އަހަރު ދުވަސް ހޭދަކުރިއިރުވެސް މަސްތުވެގެންހުރި މީހަކު މަގުމައްޗަކުން ނުދެކެމެވެ. އެއީ އެބާވަތުގެ ކަމެއް ކޮށްފިނަމަ އެމީހުންގެ ޢާއިލާގެ އަގުވެއްޓޭ ކަމެއް ކަމަށް ދެކޭތީއެވެ." 

އަދިވެސް އެމީހާ ބުނެފައިވެއެވެ. "އަހުރެންނަށް އެނގުނު ގޮތުގައި އެމީހުންގެ ތެރޭގައި ތިބޭ މުސްކުޅިންނާއި ނުކުޅެދޭ މީހުން ބަލަހައްޓަނީ ޢާއިލާތަކުންނެވެ. އެއީ ފަޤީރު ޤައުމަކަށްވާތީ އެމީހުން ބަލަހައްޓަން ސަރުކާރުން އެހީއެއްވެސް ނުވެއެވެ." 

ކޮންމެއަކަސް މިވާހަކަތައް އަޑުއިވުމުން ލިބުނު ޙައިރާންކަމުގައި ސޯޝަލް މީޑިއާއިން ބައެއް ކަންކަން ބަލައިލީމެވެ. އެ ޤައުމުގައި މުސްލިމުންގެ ޢާބާދީއަކީ އެންމެ ސުމެއް ޕޮއިންޓް ތިނެއް އިން ސައްތައެވެ. އަދި ރޫމޭނިއާގައި އަހަރަކު، އެއްލައްކަ މީހެއްގެ މައްޗަށް ބަލައިފިނަމަ ރޭޕްކުރެވޭ ނިޞްބަތަކީ 5.2 އިންސައްތަކަން އެނގުނެވެ. 

އެހެންވެ އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވާއި، މިދިވެހިރާއްޖޭގައި މިއޮތް ޙާލަތާއިމެދު ހިތާމަކުރަން ނުޖެހޭތޯއެވެ؟ ރޭޕްކުރުމާއި އެހެންވެސް މައްސަލަތައް ދުރުގައި ބާއްވާށެވެ! ހަމައެކަނި ކޮންމެ އަހަރަކު ޖިންސީ ގޯނާ ކުރެވޭ ކުޑަކުދިންގެ ނިޞްބަތަށް ބަލައިލި ނަމަވެސް ލަދުން ހަލާކުވާން ނުޖެހޭތޯއެވެ؟   

އަޅުގަނޑުގެ ބޭނުމަކީ ވަކި ޤައުމެއް ރަނގަޅުކުރުމެއް ނޫނެވެ. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު ރަނގަޅުވުމެވެ. އިޞްލާޙްކުރަން ހުރި މިބާވަތުގެ ކަންކަން އިޞްލާޙްވުމެވެ. އެންމެ ކުޑަމިނުން އެކަނި ޙާލަށް ހިނގަން އުނދަގޫވެގެން އުޅޭ މީހުން މަގުމަތިން ނުފެނުމެވެ. 

މުސްކުޅިވާ ދުވަހު މައިންބަފައިންނާއި އަދި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި ޢާއިލާތަކުން އަޅައިލުމެވެ. ރައްޔިތުންގެ ފައިސާއިން ދެވޭ ޢިނާޔަތްތަކުގެ ފައިދާ، އެއިގެ ޙައްޤުވެރިންނަށް ކުރުމެވެ. ހަމައެފަދައިން ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ކަންކަން ޤައުމުން ނެތިގެން ދިއުމެވެ. 

- އަލަފް

މިއަދު އޮންލައިން