ޒަމާނަށް އައިސްފައިވާ ބަދަލުތަކާއިއެކު ވަޒީފާތަކަށް ނުކުންނަ އަންހެނުން މިދަނީ ގިނަވަމުންނެވެ. އެއިގެ ތެރޭގައިނ ޙިޖާބް އަޅައި ނިވާވެގެންތިބޭ އަންހެނުންވެސް ހިމެނެއެވެ. އެފަދަ އަންހެނުންނަށް ވަޒީފާ ލިބުމުގައި ދަތިތައްވެސް ކުރިމަތިވެއެވެ.
އެޙާލަތުގައި މާޔޫސްކަން ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ. އަދި މިފަދައިން ވިސްނޭގޮތްވެސް ވެއެވެ. "ދުވަސްކޮޅަކަށް ޙިޖާބް ނަގަންވީއެވެ. ވަޒީފާއެއް ލިބި ހަމަޖެހިލެވުމުން ފަހުން ޙިޖާބަ އަޅާނީއެވެ! ﷲ ތަޢަލާ އަހުރެންގެ ޙާލަތު ދެކެދެނެވޮޑިގެންވެއެވެ."
ޔަޤީންކުރާށެވެ! މިއީ ހަމަ ސީދާ ޝައިޠޯނާ ދޭ ވަސްވާސްތަކެވެ. މިވަސްވާހުގެ ފަހަތު ބައި އެއީ ވަރަށް ބޮޑު ތެދެކެވެ. "ﷲ ތަޢަލާ އަހުރެންގެ ޙާލަތު ދެކެދެނެވޮޑިގެންވެއެވެ." އެކަން ޤަބޫލުކުރެވޭނަމަ ޙިޖާބް ނަގަންވީއެއް ނޫނެވެ. ޙިޖާބް އަޅައި ނިވާވުމުގައި އިތުރަށް ޘާބިތުވާންވީއެވެ.
އެހެނީ ތިބާއަށް ވަޒީފާއެއް ނުލިބިގެން އުޅޭކަމާއި އުޅެންޖެހިފައިވާ ޙާލަތު ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަން ޤަބޫލުކުރެވޭނަމަ އޮތީ ﷲ ތަޢާލާއަށް ފުރަގަސްދިނުމެއް ނޫނެވެ. ކުރިމަތިލައި ދުޢާކުރުމެވެ. ތިމާގެ ހުރި ނިކަމެތިކަން ބަޔާންކޮށް އާދޭސް ދެންނެވުމެވެ.
މިމަގުންވެސް ވިސްނާށެވެ! ޙިޖާބް ނެގުމުން ލިބުނު ވަޒީފާއަކީ ތިބާއަށް ކުރިމަތިވި އެންމެ ބޮޑު ހަލާކާއި ގެއްލުން ކަމަށް އިރާދަޖކުރެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. އަދި ދަތިޙާލުގައި އެވަޤުތު އުޅެންޖެހުމުން ﷲ ތަޢާލާއަށް ކެތްތެރިވެލައި ވަކީލުކުރުމަކީ ފަހުން ދެއްވަވާ ނިޢުމަތްތަކުގެ ބޮޑުކަމުން ތިބާގެ ދުނިޔެއާއި އާޚިރަތް ކާމިޔާވެގެންދާ ސަބަބުކަމުގައި މިންވަރު ކުރެއްވެވުމަށްވެސް ކުޅަދުންވަންތައެވެ.
ޔަޤީންކުރަންވީ ތަނަވަސްކަމާއި އުފާވެރިކަމާއި ކާމިޔާބީ ލިބުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ. ޙަޤީޤީ އުފާވެރިކަން ލިބުން ވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން ކަމެވެ. މިދެކަންތައް ޤަބޫލުކޮށް ޢަމަލުކޮސްފި އެކަކުވެސް ނިކަމެތި ނުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން