ފިރިމީހާ ކިތަންމެ ފަޤީރު ނަމަވެސް އަނބިމީހާގެ ކުރިމަތީގަ އޭނާއަކީ ރަސްކަލަކަށްވެވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ފިރިމީހާ ކިތަންމެ ފަޤީރު ނަމަވެސް އަނބިމީހާގެ ކުރިމަތީގަ އޭނާއަކީ ރަސްކަލަކަށްވެވިދާނެ!

އެންމެ ފަޤީރު ޢާއިލާތަކަށް ބަލާށެވެ! ދެމަފިރިން އެކަކު އަނެކަކަށް ކުރާ ޤަދަރާއި އިޙްތިރާމާއި ދޭ ލޯބީގެ ބޮޑުކަން ފެނިގެންދާނެއެވެ. އެހެން އެވަނީ އެމީހުންނަކީ މާލީ ގޮތުން ފަޤީރުން ނަމަވެސް ހެޔޮލަފާ މީހުން ކަމުގައިވާތީއެވެ. ދެއްވެވި މިންވަރަށް ފުދިގެން ތިބޭ ބައަކަށްވާތީއެވެ. ލޯތްބަކީ ފައިށާ ކަމަށް ނުހަދައި ލޯތްބަކީ ލޯބިކަން ޤަބޫލުކުރާތީއެވެ.  

ހެޔޮލަފާ އަނބިންގެ ކުރިމަތީގައި ފިރިންނަކީ ރަސްކަލުންކަމަށް ވެގެންދަނީ އޭނާގެ ފައިސާވެރިކަމަކުންނޫނެވެ! އަނބިމީހާއަށް ދޭ ލޯތްބާއި ކުރާ އިޙްތިރާމާއި ޢަމަލުތައް ބަހައްޓާ ވަފާތެރިކަމާއި އޯގާތެރިކަމުގެ ސަބަބުންނެވެ.  

ވީމާ ހެޔޮލަފާ އަންތބަކަށް އޭނާގެ ފިރިމިހާއަކީ ކިތަންމެ ބޮޑު ފަޤީރެއް ނަމަވެސް އޭނާއަކީ ރަސްކަލެއްކަމަށް އިޙްޞާޞް ކުރުވިދާނެއެވެ. އެ ޤަދަރުވެސް ދެވިދާނެއެވެ.  ހަމައެއާއިއެކުގައި ވެސް ވިސްނައިލެވިދާނެ އެހެން ކަމެއްވެސް އެބައޮތެވެ. އެގޮތުން މިފާހަގަކޮށްލަނީ އަނބިންނަށް ކުރެވެން އޮތަކަމެއްގެ ވާހަކައެވެ.  

ފިރިމީހާގެ މާލީ ޙާލަތު ޤަބޫލުކޮށް އެކަމަށް ޝުކުރުވެރިވެގެން ދިރިއުޅެން އަނބިމީހާ މަސައްކަތްކުރާނަމަ ފިރިމީހާއަށް އޭނާގެ ފަޤީރުކަން އިޙްޞާޞް ވެސް ނުކުރެވޭނެއެވެ. އޭނާއަށް އިޙްޞާޞް ކުރެވޭނީ އޭނާއަކީވެސް ހަމަ ރަސްކަލެއް ފަދައިން ތަނަވަސް މީހެއް ކަމަށެވެ.  

އެއާއި ޚިލާފަށް އަނބިމީހާއަކީ އަބަދުވެސް ލިބޭމިންވަރު މަދުވެގެން ޝަކުވާ ކުރާ މީހަކަށް ވެއްޖެ ނަމަ އެކަމުގެ ސަބަބުން ފިރިމީހާ އަބަދުވެސް ހުންނާނީ މޮޔަވާވަރުވެފައެވެ. ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައެވެ. އަަބދުވެސް ހުންނަން ޖެހޭނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައެވެ.  

މިކަމުގައި އިތުރު ވިސްނުމަކުންވެސް ވިސްނައިލަން ޖެހެއެވެ. ލިބޭ މިންވަރު މަދުވެގެން ޝަކުވާ ކުރުމާއި ލިބޭ މިންވަރުން ޢާއިލާއަށް ކުރާ ޚަރަދު ކުޑަވެގެން ޝަކުވާ ކުރުމަކީ މުޅިން ދެކަމެކެވެ.  

ފިރިމީހާއަށް ލިބޭ އާމްދަނީން ޢާއިލާއަށް ޚަރަދު ނުކުރާނަމަ އެކަމުގެ ޝަކުވާ ކުރުމަކީ އަނބިމީހާއަށް ލިބިގެންވާ ޙައްޤަކަށްވާތީއެވެ. އެހެނީ ފިރިމީހާގެ އަތްމައްޗަށް ﷲ ތަޢާލާ ދެއްވަވާ ތަނަވަސްކަމުގައި ނުވަތަ ފިރިމީހާއަށް ލިބޭ އާމްދަނީގައި ޢާއިލާގެ ހިއްޞާ ހިމެނިގެންވެއެވެ. އެ ހިއްޞާ ފުރިހަމައަށް އަދާ ކުރުމަކީ ކޮންމެހެން އަދާކުރަން ޖެހޭނެ ވާޖިބެއް ކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ.  

- އަލަފް

 

 

 

 

 

 

މިއަދު އޮންލައިން