ޔޫނުސް ގެފާނު ވާހަކަ 4: މަހުގެ ބަނޑުތެރޭގައި އޮންނަވައިގެން ތަޞްބީޙަ ވިދާޅުނުވިނަމަ އެކަލޭގެފާނު ޤިޔާމަތާ ޖެހެންދެންވެސް އޮންނެވީހީ މަހުގެ ބަނޑުތެރޭގަ.

ކިޔުމަށް ހޭދަވާނީ 5މ 25ސ
ޔޫނުސް ގެފާނު ވާހަކަ 4: މަހުގެ ބަނޑުތެރޭގައި އޮންނަވައިގެން ތަޞްބީޙަ ވިދާޅުނުވިނަމަ އެކަލޭގެފާނު ޤިޔާމަތާ ޖެހެންދެންވެސް އޮންނެވީހީ މަހުގެ ބަނޑުތެރޭގަ.

ޢަލީ އިޙްޞާން ފިރާޤް

 

ޔޫނުސްގެފާނު، އެ މަހުގެ ބަނޑުގައި އޮންނަވައިގެން ތަސްބީޙަ ވިދާޅުވެ ނެހެއްދެވިނަމަ، ޤިޔާމަތާ ހަމައަށް އެކަލޭގެފާނު އެމަހުގެ ބަނޑުގައި އޮންނަވަން ޖެހިވަޑައިގެންނެވި ކަމަށް ޤުރްއާނުގައި ބަޔާން ކުރައްވައިފައިވެއެވެ. ޞާއްފާތު ސޫރަތުގެ 143 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 144 ވަނަ އާޔަތުގެ ނިޔަލަށް ވަޙީ ކުރައްވައިފައިވެއެވެ.

فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ ﴿١٤٣﴾ لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ﴿١٤٤

މާނައީ: [ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حال ގައެވެ.ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.]

ޟައްޙާކު ބިން ޤައިސާއި، އަބުލް ޢާލިޔާ އާއި ވަހަބު ބިން މުނައްބިހާއި، ޤަތާދާ އާއި އެނޫންވެސް ބައެއް ބޭކަލުންގެ އަރިހުން ވާރިދުވެގެންވެއެވެ [އެކަލޭގެފާނު ހެޔޮ ޙާލުކޮޅުގައި ހުންނެވި ދުވަސްވަރު، ޞާލިޙު ޢަމަލުކޮށްފައިނުވިނަމަ، ޤިޔާމަތާ ހަމައަށްވެސް އެކަލޭގެފާނު އޮންނެވީހީ މަހުގެ ބަނޑުތެރޭގައެވެ.]

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 8 ވަނަ ޖިލްދު، ޞަފްޙާ 287} 

މައުދޫދީ ލިޔުއްވައިފައިވެއެވެ. [އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.] މި ބަސްފުޅުގެ މުރާދަކީ، އެމަސް ޤިޔާމަތާ ހަމައަށް ދާންދެން ދިރި އޮންނާނެ ވާހަކައެއްނޫނެވެ. އަދި ޔޫނުސްގެފާނު އެމަހުގެ ބަނޑު ތެރޭގައި ޤިޔާމަތާ ހަމައަށް ދިރި ހުންނަވާނެ ވާހަކައެއްވެސް ނޫނެވެ. ނަމަވެސް އެބަސްފުޅުގެ މުރާދަކީ، އެކަލޭގެފާނުގެ ޤަބުރުފުޅު ޤިޔާމަތާ ޖެހެންދެންވެސް އޮންނާނީ އެމަހުގެ ބަނޑުތެރޭގައި ކަމެވެ. މިއީ މަޝްހޫރު މުފައްސިރު ޤަތާދާ އާޔަތުގެ ތަފްސީރު ބަޔާންކޮށްދެއްވައިފައިވާ ގޮތެވެ.]

{އަބުލް އަޢުލާ މައުދޫދީ، ތަފްހީމުލް ޤުރްއާން، ޞާއްފާތު ސޫރަތުގެ 144} 

ޔޫނުސްގެފާނު މަހުގެ ބަނޑުގައި ހޭދަކުރެއްވި މުއްދަތާ މެދުވެސް މުފައްސިރުންގެ މެދުގައި، އިޚްތިލާފުތައް ހިނގައިފައިވެއެވެ. ޤަތާދާ ވިދާޅުވެފައިވަނީ އެކަލޭގެފާނު މަހުގެ ބަނޑުގައި އޮންނެވީ ތިން ދުވަހު ކަމަށެވެ.  ޖަޢުފަރުއް ޞާދިޤު ވިދާޅުވަނީ، ހަތްދުވަހު ކަމަށެވެ. އަބޫ މާލިކު ވިދާޅުވަނީ ސާޅީސް ދުވަހު ކަމަށެވެ. އައްޝަޢުބީ ވިދާޅުވަނީ، ބޮޑުމަސް އެކަލޭގެފާނު ދިރުވައިލީ ހެނދުނުގެ ވަގުތުކަމަށާއި، އެކަލޭގެފާނު ހިކިފަސްތަނަކަށް ދޫކޮށްލީ، ހަވީރުގެ ވަގުތުގައި ކަމަށެވެ.

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 8 ވަނަ ޖިލްދު، ޞަފްޙާ 286} 

ކޮންމެއަކަސް، އަރަހުށި މާތް، ޔޫނުސްގެފާނަށް ޖެހިވަޑައިގެންނެވި ދަތި ޙާލުކޮޅުން މިންޖުކުރެއްވިއެވެ. އެކަލޭގެފާނަށްޓަކައި، އެކަލާނގެ ދީލަތިފުޅުކަމުގެ މުށްޕުޅު ހުޅުވައިލަ ދެއްވިއެވެ. އެކަލޭގެފާނުގެ ޙާލުކޮޅުގެ ވާހަކަ ބަޔާން ކުރައްވައި، ޞާއްފާތު ސޫރަތުގެ 145 އަދި 146 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

فَنَبَذْنَاهُ بِالْعَرَاءِ وَهُوَ سَقِيمٌ ﴿١٤٥﴾ وَأَنبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ ﴿١٤٦

މާނައީ: [ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނު ބަލި حال ކޮޅުގައި ވަނިކޮށް (މަހުގެ ބަނޑުން) އައްސޭރިއަށް އެކަލޭގެފާނު އެއްލެވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި، ބަރަބޯ ގަހެއް އެތަނުން ފެޅުއްވީމެވެ.] 

މަހުގެ ބަނޑުގައި އޮންނަވަން ޖެހިވަޑައިގެންނެވުމުގެ ސަބަބުން ސަލާމްލެއްވި ޔޫނުސްގެފާނަށް ޖެހިވަޑައިގެންނެވި، ވަރުބަލިފުޅުކަމާއި، ވޭންތައް އެކަލޭގެފާނުގެ ހަށިކޮޅުން ފިލައިވަޑައިގަތުމުން، އަލުން އެކަލޭގެފާނު ނައިނަވާގެ އަހުލުވެރިންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވިއެވެ. މިދެންނެވި ވާހަކަ ޞާއްފާތު ސޫރަތުގެ 147 ވަނަ އާޔަތާއި 148 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ. 

وَأَرْسَلْنَاهُ إِلَىٰ مِائَةِ أَلْفٍ أَوْ يَزِيدُونَ﴿١٤٧﴾ فَآمَنُوا فَمَتَّعْنَاهُمْ إِلَىٰ حِينٍ ﴿١٤٨

މާނައީ: [އަދި ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ قوم އަކަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީމެވެ.ފަހެ، އެއުރެން (އެކަލޭގެފާނަށް) إيمان ވޫއެވެ. ދެން އެއުރެންގެ أجل ޖެހިއްޖައުމަށް ދާނދެން އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.] 

ޢައްލާމާ މައުދޫދީ އޭނާގެ ތަފްހީމުލް ޤުރްއާނުގައި ލިޔުއްވައިފައިވެއެވެ. [ޔޫނުސްގެފާނު އަލުން ރަސޫލުކަމާގެން ފޮނުއްވުނީ، އެރަށަކުން އެކަލޭގެފާނު ނުކުމެވަޑައިގެންނެވި ރަށަށެވެ. އެބަހީ ނައިނަވާ އަށެވެ. އެކަލޭގެފާނު އެރަށުން ނުކުމެވަޑައިގެންނެވުމުން، އެބައިމީހުންނަށް ޢަޛާބު އަންނަކަމުގެ އަލާމާތްތައް ފެނުނެވެ. ދެން އެބައިމީހުން ތައުބާވެ، މާތް ގެ ޙަޟްރަތަށް ރުޖޫއަވިއެވެ. އެއަށްފަހު އަލުން އެބައިމީހުންގެ ގާތަށް ޔޫނުސްގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނީ، އެބައިމީހުން އެކަލޭގެފާނުގެ ރަސޫލުކަން ތެދުކޮށް، ރަސްމީގޮތުން އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް އިސްލާމުވުމަށެވެ.] {އަބުލް އައުލާ މައުދޫދީ، ތަފްހީމުލް ޤުރްއާން، ޞާއްފާތު ސޫރަތުގެ 147 ވަނަ އާޔަތުގެ ތަފްސީރު}

މިއަދު އޮންލައިން