ޢަލީ އިޙްޞާން ފިރާޤް
މާތްކަން:
ޔޫނުސްގެފާނަކީ، ނަބީބޭކަލުންގެ ތެރެއިން ވަރަށް ފާހަގަކޮށްލެވޭ ނަބީބޭކަލެކެވެ. އެކަލޭގެފާނުގެ މާތްކަމާއި މަތިވެރިކަމުގެ މައްޗަށް ޚާތިމުލް އަންބިޔާއި ވަލްމުރުސަލީން މުޙައްމަދު صلّى اللّـه عليه وسلّم ވެސް ވަނީ ތާރީފު ކުރައްވައިފައެވެ. ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައެވެ.
" مَا يَنْبَغِي لِعَبْدٍ أَنْ يَقُولَ أَنَا خَيْرٌ مِنْ يُونُسَ بْنِ مَتَّى " {صحيح البخاري، كتاب التفسير، ޙަދީޘް ނަންބަރު 4630}
މާނައީ: [އެއްވެސް އަޅަކަށް ނުވަތަ އެއްވެސް މީހަކަށް ތިމަންނާއީ، ޔޫނުސް ބިން މައްތާ އަށްވުރެ ހެޔޮ މީހެކޭ ބުނުމުގެ ޙައްޤެއް ލިބިފައެއް ނޯންނާނެއެވެ.]
އެހެން ރިވާޔަތެއްގައިވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ.
" مَنْ قَالَ أَنَا خَيْرٌ مِنْ يُونُسَ بْنِ مَتَّى فَقَدْ كَذَبَ " صحيح البخاري، كتاب التفسير، ޙަދީޘް 4805}
މާނައީ: [ ތިމަންނާއީ، ޔޫނުސް ބިން މައްތާ އަށްވުރެ ހެޔޮ މީހެކޭ ބުނެފި މީހަކު އެބުނީ ބޮޑު ދޮގެކެވެ.]
ސުނަނު އަބޫ ދާއޫދުގައި، ޢަބްދުﷲ ބިން ޖަޢުފަރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
" مَا يَنْبَغِي لِنَبِيٍّ أَنْ يَقُولَ إِنِّي خَيْرٌ مِنْ يُونُسَ بْنِ مَتَّى "{سنن أبي داود، كتاب السنة، ޙަދީޘް ނަންބަރު 4670}
މާނައީ: [ތިމަންނާއީ، ޔޫނުސް ބިން މައްތާއަށްވުރެ ހެޔޮ މީހެކޭ ބުނުން އެއީ އެއްވެސް ނަބީބޭކަލަކަށް ޙައްޤުވެގެންވާ ކަމެއް ނޫނެވެ.]
އަރަހުށި މާތްﷲ، ކީރިތި ޤުރްއާނުގައި، ސަލާމްލެއްވި ޔޫނުސްގެފާނު ސިފަ ކުރައްވައިފައިވަނީ ވަރަށް ޞާލިޙު ނަބީބޭކަލެއް ގޮތުގައެވެ. އެކަލާނގެ އިޚްތިޔާރުކޮށް ހޮއްވަވައި މާތް ކުރެއްވި ނަބީބޭކަލެއް ކަމުގައެވެ. ޤަލަމް ސޫރަތުގެ 50 ވަނަ އާޔަތުގައި، މި ވާހަކަތައް ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ.
فَاجْتَبَاهُ رَبُّهُ فَجَعَلَهُ مِنَ الصَّالِحِينَ ﴿٥٠﴾
މާނައީ: [ދެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނު خيار ކުރެއްވިއެވެ. އަދި صالح އަޅުންގެ ތެރެއިން އެކަލޭގެފާނު ލެއްވިއެވެ.]