މިހާރަކަސް އައިސް ވަރަށް ގިނަ ރޭރޭ މެންދަމުން އަލިވެ 2 އާއި 3 އާއި ދެމެދު ވަރަށް ގިނައިން އެބަ ހޭލެވެއެވެ. މަންމަ ބުނަނީ އެއީ ބައްޔެއް ކަމަށާއި ޑޮކްޓަރަށް ދައްކަންވީ ކަމަށެވެ. ބައްޕަވެސް އަދި ފިރިމީހާވެސް މަންމައަށް ތާއީދުކުރެއެވެ. އެކަމަކު އަޅުގަނޑަށް އެކަން ޤަބޫލެއް ނުކުރެވެއެވެ.
މިފަދަ ކަމަކާއިބެހޭ އެއްވެސް މަޢްލޫމާތެއް ލިބިދާނެތޯއެވެ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ރޭގަނޑުގެފަހު ދަންފަޅީގައި ނިދީން ހޭލެވޭ އެއް ސަބަބުކަމަށް ގިނަފަހަރަށްވެފައި އޮންނަނީ ތިމާއަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތަކެވެ. އެކަމާއި ގިނަ ބައަކު ކަންބޮޑުވެގެންވެސް އުޅެއެވެ. އަދި ނުހޭލަންވެގެން ބޭސްކައިވެސް ހަދައެވެ.
މިފަދަ މީހުން އިތުރަށް ވިސްނައިލާށެވެ! ތިމާއަށް އެހޭލެވެނީ ބައްޔަކުން ކަމަށް އެހައިފަސޭހައިން ނުނިންމާށެވެ! އަދި ކަންބޮޑުވާ މައްސަލަތައް ﷲ ތަޢާލާ ކުރިމަތިކުރެއްވެވީ ތިބާއަށް ބޮޑު ރަޙްމަތަކަސްކަމުގައިވެސްވެދާނެއެވެ.
ވީމާ މިބުނިފަދައިން ނިދީން ހޭލެވޭތީ ބޭސްކައިގެން ނިދުމުގެ ބަދަލުގައި، ނުވަތަ ނުނިދިގެން ފުރޮޅި ފުރޮޅި އޮތުމުގެ ބަދަލުގައި ހޭލެވުމުން އަވަހަށް ތެދުވެ ވުޟޫކޮށްލައިގެން ދަމުނަމާދުކުރާށެވެ! ޛިކުރުކޮށް ޤުރްއާންކިޔަވާށެވެ! ދުޢާކުރާށެވެ. މިއީ ތިމާ ހޭލައި އަޅުކަންކުރަން ﷲ ތަޢާލާ ދެއްވެވި "ވޭކަޕްކޯލެއް" ކަމަށް ޔަޤީންކުރާށެވެ.
މިބުނި ފަދަ "ވޭކަޕްކޯލެއް" ލިބިއްޖެނަމަ ފުރަތަމަވެސް ޤަބޫލުކުރަންވީ މިއީ ތިމާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީ މިންވަރުކުރެއްވެވި ނިޢްމަތެއް ކަމަށެވެ. ޝުކުރުވެރިވުމުގެ މިބުނި މަގުން އަޅުކަންކޮށް ދުޢާކުރާށެވެ!
ދެން އޮތީ މައްސަލަތަކެވެ. މައްސަލައެއް ނެތް ހަމައެކަކުވެސް ނުހުންނާނެއެވެ. ދުނިޔެއަށް ފޮނުއްވަވަނީ މައްސަލަތަކާއިއެކުގައެވެ. ވީމާ އަހަރެމެންނަށް އޮތީ މައްސަލަތަކާއިއެކުގައި ދިރިއުޅެން ދަސްކުރުމެވެ. އަހަރެމެން ދުނިޔެއަށް ފޮނުއްވެވި މަޤްޞަދާއިއެއްގޮތަށް ދުނިޔޭގައި އުޅެވުނުކަމަށްވާނީ ކުރިމަތިވާ މައްސަލަތަކަށް ކެތްތެރިވެ ވަކީލުކުރާމީހަކަށް ވެވިގެންނެވެ.
ވީމާ ދަންވަރު ހޭލެވޭނަމަ ފުރަތަމަކަމަކަސް މިބުނިމަގުން އަމަލުކުރަންފަށާށެވެ! ތިބާއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ޙައްލު ލިބުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން