ދަރިން ނުލިބިގެން ނުވަތަ އެނޫންވެސް ހިތްދަތިކަން ކުރިމަތިވުމުން ފުރަތަމަ ބަލައިލަންޖެހޭ 2 ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ދަރިން ނުލިބިގެން ނުވަތަ އެނޫންވެސް ހިތްދަތިކަން ކުރިމަތިވުމުން ފުރަތަމަ ބަލައިލަންޖެހޭ 2 ކަންތައް-

ބައެއް މީހުންގެ އެންމެ ބޮޑު ޝަކުވާއަކީވެސް، އެންމެ ބޮޑަށް ކަންބޮޑުވާކަމަކީވެސް އަދި ހިތާމަކުރާ ކަމަކީވެސް އެމީހުންނަށް ދަރިން ނުލިބުމެވެ. ނުވަތަ ލިބުން ލަސްވުމެވެ. ދަރިން ނުލިބޭތީ ކަންބޮޑުނުވާނީ ހަމަ ސަތޭކައަކުން މީހަކުހައި މަދު މީހެކެވެ. 

ކޮންމެ ކަމެއްގައިވެސް އެކި މީހުން ކަންބޮޑުވާނީ އެކިވަރަށެވެ. އެހެންވެ ދަރިއަކު ނުލިބިގެން ކަންބޮޑުވާނީވެސް އެކި މީހުން އެކިވަރަށެވެ. އެގޮތުން ދަރިއަކު ނުލިބިގެން އަމިއްލަ ދިރިއުޅުމާއިމެދު މާޔޫސްވެ ދުނިޔޭގައި ހުންނަން ފޫހިވާ ޙިސާބަށް ކަންބޮޑުވާ މީހުންވެސް އުޅެއެވެ. 

މިފަދަ ޝަކުވާތައް އަޑުއެހުމަށްފަހު އަހުރެން އެންމެންނާއިވެސް އެއް ސުވާލެއް ކުރަމެވެ. އެމީހަކު އޭނާގެ މައިންބަފައިންނާއި ގުޅުންބާއްވައި އަޅައިލާ އަދި އެހީތެރިވާ މިންވަރާއިމެދުގައެވެ. އެސުވާލުކުރުމުން ވަރަށް ދެރަވެލާފައި އެކަމުގައި އެމީހުން ފޭލްވެފައިވާކަމަށް އެއްބަސްވާ މީހުންވެސް މަދެއް ނޫނެވެ. 

އެފަދަ މީހުންގެ ގާތުގައި ބުނަމެވެ. ތިބާއަށް ދަރިއަކު ދެއްވެވުން ލަސްވާ ސަބަބަކީ ތިބާއަށް ލިބޭ ދަރިއަކީ ތިބާ ފަދައިން މައިންބަފައިންނާއި އަޅާނުލާ، އެހީތެރިނުވާ ދަރިއަކަށް ވެދާނެތީ ކަމަށްވެސް ވެދާނެއެވެ. 

ވިސްނައިލަބަލާށެވެ! މައިންބަފައިން ދަރިން ބަލައި ބޮޑުކުރަނީ ކިހައި ބޮޑެތި ބުރަތަކެއް އުފުލައިގެން ހެއްޔެވެ؟ ކިހައި ގިނަ ފައިސާ ޚަރަދުކޮށްގެން ހެއްޔެވެ؟ ކިހައި ފޮނި ހުވަފެންތަކެއް ދެކެމުން ކިހައި ފޮނި އުންމީދުތަކަކާއިވެސް އެކުގައި ހެއްޔެވެ؟ 

މީސްތަކުންނޭވެ! ދަރިންގެ ކިބައިން މައިން ބަފައިން އުންމީދުކުރާ ކަންކަން ޙާޞިލުނުވުމުން އެމީހުންނަށް ލިބޭ ހިތްދަތިކަމާއި ކުރަންޖެހޭ ހިތާމަ ވަޒަންކޮށްލެވޭނީވެސް އެފަދަ ޙާލަތެއް ކުރިމަތިވުމުންނެވެ. އެފަދަ ޙާލަތު ކުރިމަތިވާ ބައެއް މައިންބަފައިން ބުނާ ގޮތުގައި އެއަށްވުރެ ވަކިން ބޮޑު ހިތްދަތިކަމެއް އެމީހުންގެ މުޅި ޙަޔާތުގައިވެސް ނުލިބެއެވެ. 

ދެން ވިސްނައިލަންވީ މައިންބަފައިންނަށް އެލިބޭ ހިތްދަތިކަން ދެނެވޮޑިގެންވާ، މައިންބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތަން އެންގެވި ﷲ ތަޢާލާ، މައިންބަފައިންނަށް އެ އަނިޔާދޭ ދަރިންނާއިމެދު ބައްލަވައިވޮޑިގެންވާނެ ގޮތަކަށެވެ. 

އެއީ ސީދާ މިވެނި ގޮތެކޭ ބުނަން ނުއެނގުނު ނަމަވެސް އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެކަން އެނގެން އެބައޮތެވެ. ﷲ ތަޢާލާ ރުހިވޮޑިނުގެންފިނަމަ ދެން ކަންކަން ވާނީ ކިހިނަކުންކަމާއިމެދު ވިސްނައިލާށެވެ! އެމީހަކަށް ހިތްދަތިކަން ނުވަތަ މުޞީބާތްތައް ކުރިމަތިކުރައްވަވާނީ ކޮން ގޮތަކުންކަން އެނގޭނީ ކާކަށް ހެއްޔެވެ؟ 

ވީމާ ދަރިން ނުލިބުން ފަދަ ކަމެއް ކުރިމަތިވިނަމަވެސް އަދި ހިތްދަތިވާންޖެހޭ އެނޫން ކަމެއް ކުރިމަތިވި ނަމަވެސް ފުރަތަމަ ކަމަކަށް އެމީހަކަށް ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރެވޭ މިންވަރާއިމެދު ވިސްނައިލާށެވެ. އެއަށްފަހު މައިންބަފައިންގެ ޙައްޤުތައް އަދާކުރެވޭ މިންވަރާއިމެދުވެސް ވިސްނައިލާށެވެ. އިޞްލާޙްކުރަންޖެހޭ ކަމެއް އޮތްނަމަ އަވަހަށް އިޞްލާޙްކޮށްލާށެވެ! އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ 

އަދި އެއްވާހަކަ ބުނެލާނަމެވެ. މިދެއްކީ މި ބަޔާންކުރި 2 ކަމުގައި އިހްމާލްވެވޭ މީހުންގެ ވާހަކައެވެ. އެމީހާ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށް އަދި މައިންބަފައިންގެ ޙައްޤުތައް އަދާކުރިނަމަވެސް ދަރިން ނުލިބިވެސް ހިނގައިދާނެއެވެ. އެޙާލަތުގައި ޔަޤީންކުރަންވީ ދަރިން ނުލިބުމަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެއް ކަމެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން