ބައިވެރިޔާ ދެކެ ލޯބިވާކަމަށް ބުނެ ދޮގުބުނުން ހުއްދަވާ ޙާލަތަކާއި ޙަރާމްވާ ޙާލަތެއްވެއެވެ.
ހުއްދަވާ ޙާލަތަކީ ބައިވެރިޔާ އާއިއެކު ލޯބިން ތެދުވެރިކަމާއިއެކު ދިރިއުޅެން މަސައްކަތްކުރާއިރުވެސް ލޯބިނުވެވޭނަމަވެސް ލޯބިވާކަމަށް ބުނުމެވެ. އެޙާލަތުގައި އެހެން އެބުނަނީ ބައިވެރިޔާ އުފާކޮށްދޭންވެގެންނެވެ. ހިތުގައި ނުޖައްސަންވެގެންނެވެ.
އެގޮތުން ބައިވެރިޔާ ހެދުމެއް ލުމުން ރީތި ނޫންނަމަވެސް ރީތިކަމަށްވެސް ބުނެވިދާނެއެވެ. އެއީ ހުތުރުކަމަށް ބުނެފިނަމަ ބައިވެރިޔާ ދެރަވާނެތީ ބައިވެރިޔާ ދެރަނުކުރަންވެގެންނެވެ. ހަމައެގޮތަށް ބައިވެރިޔާގެ އަތުން ދެރަކަމެއް ކުރެވުމުން ހިތްހަމަ ނުޖެހިހުރެވެސް އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް ބުނެވިދާނެއެވެ.
ދެން ބަލައިލަންވީ ހެދީ ދޮގަކަށްވެ ޙަރާމްވާ ޙާލަތަށެވެ. މިޘާލަކަށް އަނބިމީހާއަށް/ފިރިމީހާއަށް ސިއްރުން ލޯބިވެރިއަކު ގެންގުޅެމުން އަނބިމީހާ/ފިރިމީހާ ގާތު ލޯބިވަނީ އޭނާދެކެ އެކަނި ކަމަށް ބުނުމާއި މިހުރީ ވަފާތެރިކަންމަތީގައި ކަމަށް ބުނުމުން އެބުނެވެނީ ހަމަ ބޮޑު ދޮގެކެވެ.
ބައިވެރިޔާ ހިފަހައްޓަން ދޮގާއި މަކަރުހެދުން ހުއްދައެއް ނޫނެވެ. 2 އަންތބަށް ކައިވެނިކުރަން ބޭނުންވިނަމަވެސް އޮތީ ތެދުބަހުން ބުނުމެވެ.
އެފަދަ ޙާލަތެއްގައިވެސް ޢިލްމުވެރިން ވިދާޅުވަނީ އެންމެ ރަނގަޅު ގޮތަކީ ސީދާ ދޮގެއް ނުބުނެ ދުރުމާނައެއްލައިގެން ބުނުން ކަމަށެވެ.
މިދެ ޙާލަތަކީ މުޅިން ތަފާތު ދެ ޙާލަތެކެވެ. ވީމާ މަޞްލަހަތަށް ކަމަށް ބުނެ ދޮގުބުނެވޭނެ ޙާލަތާއި ނުބުނެވޭނެ ޙާލަތު އެނގެން އެބަޖެހެއެވެ.
ދެން އޮތީ ދެމީހުންކުރެ މީހަކަށް ދެމީހުން ވަކިވުމުގެ ނިޔަތް ނެތި ކުށެއް ކުރެވުމެވެ. އެޙާލަތުގައި ދެމީހުން ވަކިވެދާނެ ކަމުގެ ބިރު އޮތްނަމަ ދޮގެއް ބުނުމަކުން ފާފަވެރިއެއް ނުވާނެއެވެ.
މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން