އެއްވެސް މީހަކަށް ކުރެވޭނެ އެންމެ ބޮޑު ކުށް ކުރެއްވެވީ އާދަމްގެފާނާއި ޙައްވާގެފާނު ކަމަށް ބުނަން ފަސްޖެހެންވީ ސަބަބެއް ނެތެވެ. އެހެނީ އެދެކަނބަލުން ފިޔަވައި އެއްވެސް މީހަކީ ދުނިޔޭގައި އުޅެ މަރުވުމުގެ ކުރިން ސުވަރުގޭގައި ލައްވަވައި ސުވަރުގޭގެ ނިޢުމަތްތައް ދެއްވެވި މީހެއް ނޫނެވެ. އެމަތިވެރި ޝަރަފް ﷲ ތަޢާލާ ދެއްވެވީ ހަމައެކަނި އެދެކަނބަލުންނަށެވެ.
އެމަތިވެރި ޝަރަފާއި ނިޢުމަތް ދެއްވެވުމުންވެސް ޝައިޠޯނާގެ ބަހަށް ހެއްލިވަޑައިގަތީއެވެ. ވީމާ އެދެކަނބަލުންނަށް ކުރެއްވެވުނު ފާފައިގެ ބޮޑުކަން ނިކަންދެކިބަލާށެވެ! އެކަމަކު ދައްކަން މިއުޅެނީ އެވާހަކައެއް ނޫނެވެ. މީސްތަކުންނަށް ފާފަކުރެވުނަސް ޢަފޫކުރެއްވެވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރު ބޮޑުކަމުގެ ވާހަކައެވެ.
އެދެކަނބަލުންނަށް ބޮޑުފާފައެއް ކުރެއްވެވިއްޖެކަން ވިސްނިވަޑައިގެންނެވި ހިނދު ތައުބާވެވަޑައިގަތުމަށް ވިދާޅުވަންވީ ބަސްފުޅުވެސް އަންގަވައި ދެއްވެވީ ޙަމަ ﷲ ތަޢާލާއެވެ.
"قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ"
"އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އަލް އަޢްރާފް: 23)
ވީމާ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް އިޚްލާޞްތެރިކަމާއިއެކު މިފަދައިން ދުޢާކޮށްފި މީހެއްގެ ފާތައް ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
އަހުރެމެންނަށް އޮތީ ތައުބާވުމެވެ. އިޚްލާޞްތެރިކަމާއިއެކު މިފަދަ ދުޢާތައް ގިނަގިނައިން ކުރުމެވެ. މާޔޫސްވެ އިތުރަށް ފާފަތައް ނުކުރުމެވެ. ﷲ ތަޢާލާއީ ގިނަގިނައިން ފާފަފުއްސަވައިދެއްވެވުމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން