ފަރުވާތެރިވެ އިޚްލާޞްތެރިވޭ!: ތިބާ ކުރާ ޛިކުރާ ދުޢާގެ އަޑު އުޑުތަކުގަވާ މަލާއިކަތްބޭކަލުންނަށްވެސް އިވިވަޑައިގަންނަވަތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ފަރުވާތެރިވެ އިޚްލާޞްތެރިވޭ!: ތިބާ ކުރާ ޛިކުރާ ދުޢާގެ އަޑު އުޑުތަކުގަވާ މަލާއިކަތްބޭކަލުންނަށްވެސް އިވިވަޑައިގަންނަވަތެވެ!

އަހުރެމެން ކީރިތި ޤުރްއާން ކިޔެވިޔަސް ޛިކުރުކުރިޔަސް އަދި ދުޢާކުރިޔަސް އެއަޑު އުޑުތަކުގައިވާ މަލާއިކަތްބޭކަލުންނަށްވެސް އިވިވަޑައިގަންނަވަތެވެ. އަދި ތިބާއަކީ އެކަންކަން އިޚްލާޞްތެރިކަމާއިއެކު ކުރާ މީހަކުނަމަ އެމީހަކަށްޓަކައި މަލާއިކަތުން އުޑުތަކުގައި ތިއްބަވައިގެންވެސް ޝަފާޢަތްތެރިވެވަޑައިގަންނަވާނެތެވެ. 

އެކަމަށް ދަލީލު ލިބިގެންދާކަމަކީ:  

[ޔޫނުސްގެފާނަށް ޖެހިވަޑައިގެންނެވި ކަންތައްތައް ޖެހިވަޑައިގަތުމަށްފަހު، އެކަލޭގެފާނު އަންނަނިވި ކަލިމަފުޅުތަކުން މަހުގެ ބަނޑުތެރޭގައި އޮންނަވައިގެން ދުޢާފުޅު ކުރެއްވިއެވެ. 

[ اللْهُمَّ لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ،  ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.] 

އެކަލޭގެފާނުގެ ދުޢާފުޅުގެ އަޑު ޢަރުޝިފުޅާ ހަމައަށް ފޯރިއެވެ. އެހިނދު މަލާއިކަތް ބޭކަލުން ދެންނެވިއެވެ. [އޭ އަޅަމެންގެ ރައްބެވެ. މިއީ ވަރަށް ދަންނަ ނަމަވެސް ޟަޢީފު އަޑެކެވެ. އެ އަޑުފުޅު އެއިވެނީ ވަރަށް ދުރު ހިސާބަކުންނެވެ.] މާތްﷲ އެންގެވިއެވެ. [ތިޔަބޭކަލުންނަށް އެކަން އެނގިވަޑައިގެންނެވީ ކިހިނެއްތޯއެވެ؟] މަލާއިކަތުން ދެންނެވިއެވެ. [އެއީ ކޮންބޭކަލެއްތޯއެވެ؟] މާތްﷲ އެންގެވިއެވެ. [އެއީ ތިމަންރަސްކަލާނގެ އަޅާ ޔޫނުސްގެފާނެވެ.] މަލާއިކަތުން ދެންނެވިއެވެ. [އިބަ އިލާހުގެ އަޅާ ޔޫނުސްގެފާނުތޯއެވެ؟ އަބަދާ އަބަދު އެބޭކަލެއްގެ ހެޔޮ ޢަމަލުފުޅުތައް އިބައިލާހުގެ ޙަޟުރަތުގައި މަޤުބޫލުވެގެންވާ އަދި އެބޭކަލެއްގެ ދުޢާފުޅު އިޖާބަ ކުރައްވާ ކަލޭގެފާނުތޯއެވެ؟]  

އެއަށްފަހު އަލުން އެބޭކަލުން ދެންނެވިއެވެ. [އެކަލޭގެފާނު ހެޔޮ ޙާލުކޮޅުގައި ހުންނެވިއިރު އެކަލޭގެފާނު ކުރެއްވި ހެޔޮ ޢަމަލުތަކަށްޓަކައި، އިބަރަސްކަލާނގެ އެކަލޭގެފާނު މި ދަތި ޙާލުކޮޅު ދުރު ނުކުރައްވާނުތޯއެވެ؟] މާތްﷲ އެންގެވިއެވެ. [އަދި ކީއްހެޔެވެ؟ ތިމަންރަސްކަލާނގެ އެކަލޭގެފާނު އެކަންތައްތަކުން ސަލާމަތް ކުރައްވާނަމެވެ.] ދެން އެކަލާނގެ އެ މަހަށް އަމުރު ކުރެއްވުމުން، އެ މަސް އެކަލޭގެފާނު ހިކިފަސްތަނަކަށް ދޫކޮށްލެއްވިއެވެ.]

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 8 ވަނަ ޖިލްދު، ޞަފްޙާ 288} 

ފަށަމުން ބަޔާންކުރި ނިޢުމަތް އެމީހަކަށް ލިބިގެންދާނީ ކޮން ސަބަބަކަށްޓަކައި ކަންވެސް މިބަޔާންކުރި ވާހަކަތަކުން އެނގިގެންދެއެވެ. "އެއަށްފަހު އަލުން އެބޭކަލުން ދެންނެވިއެވެ. [އެކަލޭގެފާނު ހެޔޮ ޙާލުކޮޅުގައި ހުންނެވިއިރު އެކަލޭގެފާނު ކުރެއްވި ހެޔޮ ޢަމަލުތަކަށްޓަކައި، އިބަރަސްކަލާނގެ އެކަލޭގެފާނު މި ދަތި ޙާލުކޮޅު ދުރު ނުކުރައްވާނުތޯއެވެ؟] އޮތުމުންނެވެ.  

އެ ސަބަބަކީ [އެކަލޭގެފާނު ހެޔޮ ޙާލުކޮޅުގައި ހުންނެވިއިރު އެކަލޭގެފާނު ކުރެއްވި ހެޔޮ ޢަމަލުތަކަށްޓަކައެވެ." ވީމާ ﷲ ތަޢާލާއަށް އިޚްލާޞްތެރިވެ އަޅުކަންކުރަންވީ، ޤުރްއާން ކިޔަވަންވީ، ޛިކުރުކުރަންވީ އަދި ދުޢާކުރަންވީ ބޭނުމެއް ޖެހުމަކުން ނޫނެވެ. އަބަދުވެސް ތިބެންވީ އެކަންކަން ކުރުންމަތީގައެވެ. އެއިރުން އެމީހަކަށް ބޭނުން ޖެހިގެން ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަންޖެހޭ ދުވަހު އެމީހާގެ ބޭނުންތައް އެމީހަކަށް ފުއްދަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

 

މިއަދު އޮންލައިން