މުންކަރާތްތައް ހިންގުމުން އެއީ މުންކަރާތެއް ކަމަށް ޢިލްމުވެރިން ބަޔާން ކުރެއްވެވުމުން ޢިލްމުވެރިންނަށް ރައްދުދޭން މިސަރުކާރުން ހުޅުވާލަދީފައިވާ ފުރުޞަތުގެ ބޭނުން ހިފައި ޢިލްމުވެރިންނަށް ނިޞްބަތްކޮށް "ކަލޭ ތިއަހުރީ އުޑަކު ނޫން" ކަމަށް ބުނާތަން މިދަނީ ފެންނަމުންނެވެ.
މިއުންމަތަށް ޙަރާމް ޙަލާލާއި މުންކަރާތާއި އަޅުކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އުނގަންނަވައި ދެއްވެވީ ސުވަރުގެ ވަޑައިގެންނެވި ފަހަކުން ނޫނެވެ. މިބިންމަތީގައި އަހުރެމެން ފަދައިން ހުންނަވައިގެންނެވެ. އުދަސް އުފއްލަވައިފި މީހަކަށް އުޑުގައި ހުރެގެން ދުނިޔޭގައި ހިނގާ ކަންކަމަށް ބަސްބުނުމުގެ އިޒުނަ ﷲ ތަޢާލާ ދެއްވަވާފައެއް ނުވެއެވެ.
އުޑަށް އުފުއްލަވާފައިވާ ޢީސާ ޢަލައިހިއްސަލާމްވެސް މީސްތަކުންނާއި ދެން މުޚާޠަބް ކުރައްވަވާނީ ﷲ ތަޢާލާ ޢީސާ ޢަލައިހިއްސަލާމް ބިމަށް ފޮނުއްވެވުމުން ބިންމަތީގައެވެ. އުޑުގައި ހުންނަވައިގެނެއް ނޫނެވެ.
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އުންމަތަށް އުނގަންވައިދެއްވެވި ޙުކުމްފުޅުތައް ބަޔާން ކުރައްވައި މީސްތަކުންނަށް އުނގަންނަވައި ދެއްވުމުގެ މަސްއޫލިއްޔަތު މިއަދު ވަނީ ދީނީ ޢިލްމުވެރިންގެ ކޮނޑުފުޅުގައެވެ. ބައެއް ޢިލްމުވެރިން ޙައްޤު ބަސް ވިދާޅުވަން ފަސްޖެހިވަޑައިމަކީ ޙައްޤުބަސް ވިދާޅުވަން ބޭނުންފުޅުވާ ޢިލްމުވެރިން ދެކެ ރުޅި އަންނަން ޖެހެންވީ ސަބަބެއް ނޫނެވެ.