މުހައްމަދު ސޫރަތާއި ގުޅޭ ބައެއް މަޢުލޫމާތުު-

ކިޔުމަށް ހޭދަވާނީ 7މ 41ސ
މުހައްމަދު ސޫރަތާއި ގުޅޭ ބައެއް މަޢުލޫމާތުު-

ޢާއިޝަތު ރަފާޙް ޢަލީ

 

މުހައްމަދު ސޫރަތަކީ މަދަނީ ސޫރަތެކެވެ. މި ސޫރަތުގައި 38 އާޔަތް ވެއެވެ. މި ސޫރަތް ބާވައިލެއްވުނީ ބަދުރު ހަނގުރާމަ އާއި އަޙްޒާބު ހަނގުރާމަ އާއި ދެމެދުއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ދެ ޞަޙާބީން ކަމުގައިވާ ޢަބްދުﷲ ބިން ޢައްބާސް އާއި ޤަޠަދާ އެސޫރަތުގެ އެއް އާޔަތެއް ފިޔަވައި ދެން ހުރި ހުރިހާ އާޔަތަކީ މަދަނީ އާޔަތްތަކެއްގެ ގޮތުގައި ބައްލަވައެވެ. އެދެބޭކަލުން މައްކީ އާޔަތެއްގެ ގޮތުގައި ބައްލަވާފައިވަނީ މުޙައްމަދު ސޫރަތުގެ 13 ވަނަ އާޔަތެވެ. އެއާޔަތަކީ وَكَأَيِّن مِّن قَرْيَةٍ هِيَ أَشَدُّ قُوَّةً مِّن قَرْيَتِكَ الَّتِي أَخْرَجَتْكَ أَهْلَكْنَاهُمْ فَلَا نَاصِرَ لَهُمْ ﴿١٣﴾‏ މާނައީ: "ކަލޭގެފާނު އެ ރަށަކުން ބޭރުކޮށް ނެރެލި، ކަލޭގެފާނުގެ ރަށަށްވުރެ ބާރުގަދަ ކިތައްކިތައް ރަށުގެ أهل ވެރިން، ތިމަންރަސްކަލާނގެ އެއުރެން ހަލާކުކުރައްވައި ނެތިކުރެއްވިންހެއްޔެވެ! ފަހެ، އެއުރެންނަށް نصر ދޭނޭ އެއްވެސް މީހަކު ނުވެއެވެ. (13)" އެބޭކަލުން ވިދާޅުވާ ގޮތުގައި މި އާޔަތް ބާވައިލެއްވުނީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްްލަމް ޙައްޖަތުލް ވަދާޢު ނިންމެވުމަށްފަހު މައްކާއިން ނިކުމެވަޑައިގަތުމުންނެވެ.

މުޙައްމަދު ސޫރަތުގެ ފެށޭ އާޔަތާއި އަޙްގާފް ސޫރަތުގެ ނިމޭ އާޔަތް ގުޅިފައިވެއެވެ. އަޙްގާފް ސޫރަތް ނިންމަވާލައްވާފައިވަނީ (فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ ﴿٣٥﴾‏) މާނައީ: "ފަހެ، فاسق ވިމީހުން މެނުވީ ހަލާކުވެގެން ނުދާނެތެވެ. (35)" ދެން ﷲ ތަޢާލާ މުހައްމަދު ސޫރަތުގެ ފުރަތަމަ އާޔަތުގައި ފާސިގުވި މީހުންނަކީ ކޮބައިކަން ބަޔާން ކޮށްދެއްވާފައިވެއެވެ. (الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّهِ أَضَلَّ أَعْمَالَهُمْ ﴿١﴾‏) މާނައީ: "(اللَّه އަށާއި، އެކަލާނގެ رسول އާއަށް) كافر ވެ، އަދި اللَّه ގެމަގުން (އެހެންމީހުން) އެއްކިބާކުރި މީހުންގެ عمل ތައް އެކަލާނގެ باطل ކުރެއްވިއެވެ. (1)"

މުހައްމަދު ސޫރަތުގެ ނިމޭ އާޔަތާއި ފަތްޙު ސޫރަތުގެ ތިންވަނަ އަދި ހަތަރުވަނަ އާޔަތާއި ގުޅުއްވާލައްވާފައިވެއެވެ. އެގޮތުން މުހައްމަދު ސޫރަތުގެ ފަހު އާޔަތުގައި ވަނީ  هَا أَنتُمْ هَٰؤُلَاءِ تُدْعَوْنَ لِتُنفِقُوا فِي سَبِيلِ اللَّهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِ ۚ وَاللَّهُ الْغَنِيُّ وَأَنتُمُ الْفُقَرَاءُ ۚ وَإِن تَتَوَلَّوْا يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوا أَمْثَالَكُم ﴿٣٨﴾‏ މާނައީ: "އޭ މިތިބަމީހުންނޭވެ! ތިޔަބައިމީހުން ތިޔަތިބީއެވެ. اللَّه ގެ މަގުގައި ހޭދަކުރުމަށް ތިޔަބައިމީހުންނަށް ގޮވައިލައްވަތެވެ. އެހިނދު، ދަހިވެތިވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި، ދަހިވެތިވާ މީހާ (ދަންނާށެވެ!) ފަހެ، އޭނާ ދަހިވެތިވާކަން ކަށަވަރީ، އޭނާގެ އަމިއްލަ نفس ގެ ފަރާތުންނެވެ. اللَّه އީ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި فقير ންނަކީ ތިޔަބައިމީހުންނެވެ. އަދި ތިޔަބައިމީހުން އެނބުރި ފުރަގަސްދޭނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުން ނޫންބަޔަކު، އެކަލާނގެ ގެންނަވާހުށްޓެވެ. ދެން، ތިޔަބައިމީހުންފަދަ ބަޔަކު ކަމުގައި އެއުރެން ނުވާނެތެވެ. (38)" 

އަދި ފަތްޙު ސޫރަތުގެ ތިން ވަނަ އާޔަތާއި ހަތަރުވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (وَيَنصُرَكَ اللَّهُ نَصْرًا عَزِيزًا ﴿٣﴾‏ هُوَ الَّذِي أَنزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَّعَ إِيمَانِهِمْ ۗ) މާނައީ: "އަދި ގަދަފަދަވެގެންވާ نصر އަކުން ކަލޭގެފާނަށް نصر ދެއްވުމަށްޓަކައެވެ. (3) އެކަލާނގެއީ، مؤمن ންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ. އެއީ އެއުރެންގެ إيمان ކަމުގެ މައްޗަށް، އެއުރެންނަށް إيمان ކަން އިތުރުވުމަށްޓަކައެވެ." 

މުޙައްމަދު ސޫރަތަށް މި ނަން ދީފައިވަނީ އެ ސޫރަތުގައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ނަންފުޅު އެކުލެވިގެންވާތީއެވެ. މި ސޫރަތައް ދެވިފައިވާ އަނެއް ނަމަކީ ސޫރަތުލް ގިތާލްއެވެ. މިއީ ހަނގުރާމަކުރުމާ ބެހޭގޮތުން މަޝްވަރާކޮށް، ހަނގުރާމައިގެ ތެރޭގައި އަދި ހަނގުރާމައިގެ ފަހުން އޭގެ ޙުކުމްތައް ސާފުކޮށްދިނުމުން ސަބަބުން ދެވިފައިވާ ނަމެކެވެ. އަދި ކާފިރުންގެ ވާހަކަވެސް މި ސޫރަތުގެ ފުރަތަމަ އާޔަތުގައި ބަޔާންކޮށްދެއްވާފައިވެއެވެ. (الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّهِ أَضَلَّ أَعْمَالَهُمْ ﴿١﴾‏) މާނައީ: "(اللَّه އަށާއި، އެކަލާނގެ رسول އާއަށް) كافر ވެ، އަދި اللَّه ގެމަގުން (އެހެންމީހުން) އެއްކިބާކުރި މީހުންގެ عمل ތައް އެކަލާނގެ باطل ކުރެއްވިއެވެ. (1)" 

މުހައްމަދު ސޫރަތުގައި ހިމެނޭ މަޢުޟޫތައް: 

ގިތާލުގެ ވާހަކައާއި އޭގެ ހުކުމްތަކާއި އަސީރުންގެ ވާހަކަ އާއި ޢަނީމާ މުދާގެ ވާހަކަ

މުނާފިޤުންގެ ވާހަކައާއި އެބައިމީހުންނަށް ހުރި ޢަޛާބުގެ ވާހަކަ

މުއުމިނުންގެ ވާހަކައާއި އެބައިމީހުންނަށް ހުރި ޘަވާބުގެ ވާހަކަ އާއި ސުވަރުގޭގެ މަތިވެރި ނިޢުމަތުގެ ވާހަކަ

މުއުމިނުންނަށް މާތްالله ދެއްވި ކާމިޔާބީއާއި ނިޢުމަތުގެ ވާހަކައާއި ކާފަރުންނަށް ލިބޭ ނިކަމެތިކަމާއި ގެއްލުމުގެ ވާހަކަ

ޤުރުއާނާއި ބެހޭގޮތުން ވާހަކަ ދެއްކުމާއި، ވިސްނުމާއި ތަދައްބުރު ކުރުމާއި އެކަމުގައި ދެމިހުރުމުގެ މުހިއްމުކަމާއި މާތްކަން

މިއަދު އޮންލައިން