ކާފިރޫން ސޫރަތުގެ މާތްކަން-

ކިޔުމަށް ހޭދަވާނީ 4މ 53ސ
ކާފިރޫން ސޫރަތުގެ މާތްކަން-

ޢާއިޝަތު ރަފާޙް ޢަލީ

 

ކާފިރޫން ސޫރަތަކީ މައްކީ ސޫރަތެކެވެ. އެ ސޫރަތް ބާވައިލެއްވިފައިވަނީ ހިޖުރައިގެ ކުރިން މައްކާގައެވެ. މި ސޫރަތުގައި 6 އާޔަތް އެކުލެވިފައިވެއެވެ. މުޞްހަފުގެ ތަރުތީބަށް ބަލާއިރު މި ސޫރަތަކީ 109 ވަނަ ސޫރަތެވެ. އަދި މި ސޫރަތް ވަނީ ކީރިތި ގުރްއާނުގެ 30 ވަނަ ފޮތުގައެވެ. ކާފިރޫން ސޫރަތް ބާވައިލެއްވުނީ މާޢޫން ސޫރަތައް ފަހުގައެވެ. މި ސޫރަތައް ދެވިފައިވާ އެހެން ނަންތަކުގެ ތެރޭގައި العبادة، والإخلاص، و‏المُقَشْقِشَةُ؛(ޢިބާދާ، އިޚްލާޞް އަދި މުޤަޝްޤިޝަތު) ހިމެނެއެވެ. މީގެ އިތުރުން ކާފިރޫން ސޫރަތުގައި އެކުލެވިގެންވަނީ ތަވްޙީދުލް އުލޫހިއްޔާއެވެ. އެއީ އަޅުން ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެ ކަމާއި، އެއިލާހުގެ އަޅުކަމުގައި އެއްވެސް އެހެން ފަރާތެއް ބައިވެރި ނުކުރުމެވެ.

ކާފިރޫން ސޫރަތް ބާވައިލެއްވުނު ސަބަބު: 

އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ޤުރައިޝުންގެ ވަފްދެއް އައިސް އެބައިމީހުން ރަސޫލާއަށް ދަޢުވަތު ދެއްވިއެެވެ. އެއީ މައްކާގެ އެންމެ މުއްސަނދި މީހާއަށް ވަންދެން ރަސޫލާއަށް މުދާ ދިނުމަށާއި، ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ބޭނުންފުޅުވެވަޑަިގަންނަވާ މީހަކާ ކައިވެނި ބައްލަވައިގަތުމެވެ. 

އަދި އެބައިމީހުން ރަސޫލާއަށް ދެންނެވިއެވެ. އޭ މުޙައްމަދުގެފާނެވެ. އަހަރުމެން ކަލޭގެފާނާއި ބައްދަލުކުރުމަށް މިއައީ ކަލޭގެފާނާއި އަހަރެމެންނާ ދެމެދުގައި އެއްބަސްވުމެއް ވާށެވެ. އަދި އަހަރެމެންގެ ކަލާންގެތަކަށް ފުރައްސާރަކުރުން ހުއްޓާލާ އެކަލާންގެތަކަށް ބަދުބަސް ވިދާޅުނުވާށެވެ. އަދި އެހެން ކަންތައް ނުކުރައްވާނަމަ އަހަރެމެން އަޅުކަން ކުރާ ބުދުތަކަށް ކަލޭގެފާނު އެއް އަހަރު ވަންދެން އަޅުކަން ކުރައްވާށެވެ. 

ދެން ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ކިބައިން ތިމަންކަލޭގެފާނަށް ވަޙީއެއް އަންނަންދެން މަޑުކުރައްވާ ކަމަށް އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. ދެން ﷲ ތަޢާލާ ކާފިރޫން ސޫރަތް ބާވައިލެއްވިއެވެ. 

ކާފިރޫން ސޫރަތާއި ބެހޭގޮތުން އައިސްފައިވާ ބައެއް ޙަދީޘްތައް: 

ކާފިރޫން ސޫރަތަކީ ޝިރުކުން ބަރީއަކޮށްދޭ ސޫރަތެކެވެ.

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘެއްގައި ވެއެވެ.

أنَّهُ أتَى النَّبيَّ صلَّى اللَّهُ علَيهِ وسلَّمَ فقالَ : يا رسولَ اللَّهِ علِّمني شيئًا أقولُهُ إذا أوَيتُ إلى فِراشي ، فقالَ : اقرأ : قُلْ يَا أَيُّهَا الْكَافِرُونَ فإنَّها براءةٌ منَ الشِّركِ

ފަރްވަތު ބުން ނައުފަލް ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ އަރިހަށް ވަޑައިގެން ނައުފަލް ވިދާޅުވިއެވެ." އޭ ﷲ ގެ ރަސޫލާއެވެ. ތިމަންކަލޭގެފާނު އެނދުގައި އޮށޯންނަހިނދު ކިޔާނެ އެއްޗެއް އުނގަންނަވައި ދެއްވާށެވެ. ދެން ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ކަލޭގެފާނު قُلْ يَا أَيُّهَا الْكَافِرُونَ (ކާފިރޫން ސޫރަތް) ކިޔަވާ ވިދާޅުވާށެވެ. ފަހެ އެއީ ޝިރުކުން ބަރީއަކޮށްދޭ ސޫރަތެކެވެ. 

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net) 

ކާފިރޫން ސޫރަތަކީ ކީރިތި ގުރްއާނުގެ ހަތަރުބަޔާ އެއްވަރުގެ ސޫރަތެކެވެ.

ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘެއްގައިވެއެވެ.

(قُلْ هو اللَّهُ أحَدٌ تعدلُ ثلثَ القرآنِ، و قُلْ يَا أيُّهَا الْكَافِرُونَ تعدلُ ربعَ القرآنِ)

މާނައީ: قُلْ هو اللَّهُ أحَدٌ (އިޚްލާޞް ސޫރަތް) ކީރިތި ގުރްއާނުގެ ތިން ބަޔާއި އެއްވަރެވެ. قُلْ يَا أيُّهَا الْكَافِرُونَ (ކާފިރޫން ސޫރަތް) ކީރިތި ގުރްއާނުގެ ހަތަރުބަޔާ އެއްވަރެވެ.

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)

 

މިއަދު އޮންލައިން