މަރުވީމާ ނިމުނީ ކަމަށް ހީކުރުމަކީ ކުރެވޭނެ އެންމެ ބޮޑު މޮޔަކަންތައް ކަމުގެ ދަލީލުތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މަރުވީމާ ނިމުނީ ކަމަށް ހީކުރުމަކީ ކުރެވޭނެ އެންމެ ބޮޑު މޮޔަކަންތައް ކަމުގެ ދަލީލުތައް!

ބައެއް މީހުން ވަރަށް ފަސޭހައިން ބުނެލައެވެ. އަހުރެން މަރުވާނީއެވެ. ނޫނީ ދާދި އަވަހަށް މަރުވެދާނެއެވެ. އެއިރުން އެ ނިމުނީއެވެ.  

ނިކަން މިކުރާ ސުވާލަށް ޖަވާބުދީބަލާށެވެ! މަރުވީމާ އެއީ ނިމުނީ ކަމަށް ބަލައިގެން ފުދޭނެނަމަ އެއިގެ މާނައަކީ ފަހަތުން އާޚިރަތް ދުވަސް އަންނާނެ ކަމަށް ޤަބޫލުނުކުރެވޭކަން ނޫންހެއްޔެވެ؟ އަދި ޙިސާބު ބައްލަވައި ނަރަކައަށް ނުވަތަ ސުވަރުގެއަށް ވައްދަވާނެ ކަމަށްވެސް ޤަބޫލުނުކުރެވުން ނޫން ހެއްޔެވެ؟  

އަދި ނިކަން މިސުވާލުތަކަށްވެސް ޖަވާބުދީބަލާށެވެ!   

މަރުވީމާ އެހިސާބުން ނިމޭނެ ނަމަ ކައްވަޅުން ތެދުވާކަށް ނުޖެހޭނެ ނޫންހެއްޔެވެ؟ އާޚިރަތް ދުވަހާއި ބައްދަލެއް ނުވާނެ ނޫންހެއްޔެވެ؟ ޤިޔާމަތް ދުވަހުގެ އެއްވެސް ކަމެއް އެމީހަކާއި ބައްދަލުނުވެ އަބަދު އޮންނާނީ ކައްވަޅުގައި ނޫންހެއްޔެވެ؟  

އަޅުގަނޑުގެ އެންމެ ގާތް އެކުވެރިންނޭވެ! ދިރިއުޅުމުގައި ހިތްހަމަނުޖެހޭ ކަންކަން މެދުވެރިވާ ވަޤުތަކީ ޝައިޠޯނާ އެންމެ ބޮޑަށް އެމީހާގެ މައްޗަށް ވެރިވެ ގަންގަން މަސައްކަތްކުރާނެ ވަޤުތެވެ. އަތުންފައިން ހެދޭނެ އެންމެ ބޮޑު ގޯސް ހައްދުވަން މަސައްކަތް ކުރާނެ ވަޤުތެވެ. މަރުވީމާ ނިމުނީކަމަށް ވަސްވާސްދެނީ ޝައިޠޯނާ އެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވި ޢަމަލުކުރެވިއްޖެނަމަ އެކަން ވެގެންދިއުން އެންމެ ގާތީ އަމިއްލައަށް ނަރަކައަށް ވެއްޓިގަތުން ފަދަ ކަމަކަށްކަން އަބަދުވެސް މިދަނީ ފެނި ސާބިތުވަމުންނެވެ.  

ވީމާ ބުއްދީގެ ބޭނުންހިފާށެވެ! މަރުވުމަކީ ދިރިއުޅުމުގެ ނިމުމެއް ނޫނެވެ. އެމީހަކަށް އޮތް ދުވަހަކުވެސް ނިމުމެއް ނުވާ ޙަޔާތުގެ ފެށުމެވެ. ވީމާ މަރުވުމުން އެއީ ނިމުނީ ކަމަށް ޤަބޫލުކުރާނީވެސް އެންމެ ބޮޑެތި މޮޔައިންނަށް ވުމުން ނޫންހެއްޔެވެ؟ ދުޢާ އަކީ އަހުރެމެން އެންމެންނަށްވެސް ހެޔޮ ވިސްނުން މިންވަރު ކުރެއްވެވުމެވެ. ޢާމީން 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން