އިސްތިޚާރާ ކުރުމުން ޢަމަލުކުރަންވީ ގޮތް އެނގޭނެ މަގު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
އިސްތިޚާރާ ކުރުމުން ޢަމަލުކުރަންވީ ގޮތް އެނގޭނެ މަގު-: މުފްތީ މެންކް

އެތައް ދުވަހެއްވަންދެން އިސްތިޚާރާކޮށްފީމެވެ. ނަމަވެސް ޢަމަލުކުރަންވީ ގޮތެއް އަދިވެސް ނުވިސްނެއެވެ. އެއީ ކީއްވެގެންތޯއެވެ؟

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައި އެވަނީ ހަމަ ތިއަ ސުވާލަށް މުފްތީ މެންކް ދެއްވާފައިވާ ޖަވާބެވެ! ކިޔާލުމަށްފަހުގައިވެސް ސާފުނުވާނަމަ އަންގައިލާށެވެ! 

އިސްތިޚާރާ ކުރުމުން ނުކުންނަ ނަތީޖާ، ނުވަތަ ޢަމަލުކުރަންވީ ގޮތް އެނގޭނީ ކިހިނަކުންކަމާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. ގިނަބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ޢަމަލުކުރަންވީ ގޮތް ހުވަފެނުގައި ފެންނާނެކަމަށެވެ. 

މިސާލަކަށް ހުވަފެނުގައި ފެހިކަން ނުވަތަ ފެހިކުލަ ފެނިއްޖެ ނަމަ އެއީ އެކަމެއް ކުރަންވީކަމަށާއި ރަތްކުލަފެނިއްޖެނަމަ ނުކުރަންވީ ކަމަށެވެ. ހަރުފަތަކެއް ފެނިއްޖެނަމަ ނުކުރަންވީ ކަމަށާއި އަހެއްގެމަތީގައި އުދުހެވުންފަދަކަމެއްކުރެވެނިކޮށް ފެނިއްޖެނަމަ އެކަމެއް ނުކުރަންވީ ކަމަށެވެ. ނަމަވެސް މިއީ މުޅިން ގޯސް ވިސްނުމެކެވެ. އެއްވެސް ޙާލެއްގައި އިސްތިޚާރާގައި ކުރާ ދުޢާގެ ނަތީޖާ ފެންނާނީ ހުވަފެނުގައިކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އެއްވެސް ޙާލެއްގައި އެއްވެސް ހުވަފެނަކާއި ގުޅިފައިވާކަމެއް ނޫނެވެ. 

އިސްތިޚާރާގައި ކުރާ ދުޢާގައި ދަންނަވަނީ ތިމާއަށް އެއްވެސް ކަމެއް ނުއެނގޭކަމަށާއި ހުރިހާ ކަންކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާ ކަމަށެވެ. އެހެންކަމުން ތިމާ ކުރަން އެބޭނުންވާ ކަމަކީ ތިމާއަށް ރަނގަޅު ނުވަތަ ފައިދާކުރާނެ ކަމެއްނަމަ އެކަން އެނގޭނެ މަގެއް ދައްކަވައިދެއްވެވުން އެދިއެވެ. އަދި ތިމާއަށް ތިމާ ކުރަން ބޭނުންވާ ކަންތަކަކީ ފައިދާހުރިކަމެއްނަމަ އެކަމެއް ފަސޭހަކުރައްވަވައި ދެއްވެވުން އެދިއެވެ. 

ވީމާ އެކަމުގެ ނަތީޖާއަކަށްވާނީ ތިމާކުރަން ބޭނުންވާ ކަންތައް ކުރުން ފަސޭހަވުމެވެ. އެކަމަށް މަގުފަހިވެ އެކަން ކުރެވޭނެ ދޮރުތައް ހުޅުވެންފެށުމެވެ. މިސާލަކަށް މިވެނި މީހަކާއި ކައިވެނިކުރުމާއި ބެހޭގޮތުން އިސްތިޚާރާކޮށްފިނަމަ އެކަމަކީ އެމީހަކަށް ރަނގަޅު ކަމެއް ނަމަ އެކައިވެނި ކުރެވޭނެ މަގުތައް ހީވެސް ނުކުރެވޭހައި ގޮތްގޮތުން މަގުފަހިވެގެންދާނެއެވެ. ހަމައެފަދައިން އެކަމަކީ އެމީހަކަށް ގެއްލުންހުރި ކަމެއްނަމަ ދާނީ އެކަމެއް ކުރަންހުރި މަގުތައް ބަންދުވަމުންނެވެ. 

ވީމާ އިސްތިޚާރާ ކުރުމުން ދައްކަވާ ނަތީޖާއަކަށްވާނީ ކުރަން ބޭނުންވާ ކަންތައް ކުރަން މަގުފަހިވެ ފަސޭހަވުމެވެ. ނޫންނަމަ ހުރަސްތައް ކުރިމަތިވެ އެކަމެއް ކުރަން އުނދަގޫވުމެވެ. އެއީ އެއްވެސް ޙާލެއްގައި ފެންނަ ހުވަފެނަކާއި ގުޅިފައިވާކަމެއް ނޫނެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

 

މިއަދު އޮންލައިން