ހިތްދަތިވާންޖެހިއްޖެނަމަ އެހެން މީހުންގެ ބޮލުގަ ކަންކަން ނާޅުވައި ތިމާއަށް ކުރެވޭ ފާފަތަކާއިމެދު ވިސްނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ހިތްދަތިވާންޖެހިއްޖެނަމަ އެހެން މީހުންގެ ބޮލުގަ ކަންކަން ނާޅުވައި ތިމާއަށް ކުރެވޭ ފާފަތަކާއިމެދު ވިސްނާށެވެ!

ކޮންމެ މުޞީބާތަކީވެސް ނުވަތަ ހިތްދަތިކަމަކީވެސް ކުރެވެމުންދާ ފާފައެއް ނުވަތަ ފާފަތައް ހުއްޓާލުމަށް އަންގަވާ އެންގެވުމެކެވެ. ނޫން ނަމަ ކުރައްވަވާ އިމްތިޙާނެކެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ފުރަތަމަވެސް ވިސްނައިލަން ޖެހޭނީ ކުރިން ބުނި ފަދައިން އެމީހަކަށް ކުރެވެމުންދާ ފާފައަކީ ނުވަތަ ނުރަނގަޅު އަމަލަކީ ކޮބައި ކަމާއިމެދުގައެވެ.

އެއަށްފަހު އަވަހަށް އެކަންކަން އިޞްލާޙްކޮށްލާށެވެ! އެކަމުގެ ފައިދާ އިސާހިތަކު ތިބާއަށް ފެންނަން ފާށާނެއެވެ. މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެކަމުގެ މަންފާ ފެނިގެންދާނެއެވެ. ހުރިހާ ވެސް މައްސަލައަކީ މިފަދަ ކަންކަމަށް ވިސްނައި ނުލެވޭ ކަމެވެ.

އެއްވެސް ބާވަތެއްގެ މުޞީބާތެއް ނުވަތަ ހިތަދަތި ކަމެއް ކުރިމަތިވެއްޖެނަމަ އަދި ދިރިއުޅުމަށް ކުރާ މަސައްކަތަކަށް ހުރަސްތައް ކުރިމަތިވެ ލިބެންޖެހޭ ކުރިއެރުން ނުލިބޭ ނަމަ އެކަން އެގޮތަށް މެދުވެރިވަނީ އެހެން މީހެއްގެ ސަބަބުން ކަމަށް ނުނިންމާށެވެ! ފުރަތަމަ ވެސް ހަމަޖެހިލައިގެން އިނދެ ވިސްނަންވީ އެމީހަކަށް ކުރެވެމުންދާ ފާފައަކީ ކޮބައިތޯއެވެ!

ފުރަތަމަ ކަމަކަށްވެސް ޢާއިލީ ގުޅުންތައް ދެމެހެއްޓޭވަރާއި ތިމާގެ ބެލުމުގެދަށުގައި ތިބި މީހުންގެ ކަންކަން ބެލެހެއްޓޭވަރާއިމެދު ވިސްނައިލާށެވެ! މައިންބަފައިންނަށް އަޅައިލެވޭމިންވަރާއިމެދު ވިސްނައިލާށެވެ! އަނބިދަރިންނަށް ހެޔޮކޮށްހިތައި ރަޙިމުގެ ގުޅުން ދެމެހެއްޓޭ މިންވަރާއިމެދު ވިސްނައިލާށެވެ!

އެހެނީ އިންސާނުންނަށް ﷲ ތަޢާލާ ބަސްފުޅު ވަޙީ ކުރައްވަވައި މީހަކު ކުރަންއުޅޭ ފާފައެއް ނުކުރުމަށް އަމުރުފުޅު ކުރައްވަވާނެ ކަމަށް އުންމީދުކުރުމެއް ނެތެވެ. މުސްލިމުން ދުނިޔޭގައި އުޅެންވީ ގޮތާއި ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން ﷲ ތައާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވައިފައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން