މުސްލިމުންގެ ތެރެއިންވެސް ގިނަ ބައަކަށް އިސްލާމް ދީނަށް ފުރައްސާރަކުރެވޭކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މުސްލިމުންގެ ތެރެއިންވެސް ގިނަ ބައަކަށް އިސްލާމް ދީނަށް ފުރައްސާރަކުރެވޭކަން އެނގޭހެއްޔެވެ؟

އަހުރެމެން މިތަނުގައި މިބައްދަލުވުމުގައި ތިއްބައިވެން މީހަކު އިސްލާމް ދީނަށް ފުރައްސާރަކުރިކަމުގެ ޚަބަރެއް ލިބިއްޖެނަމަ އެންމެންވެސް ތިބޭނީ އެކަންކުރި މީހާއަށް ހަމަލާއެއް ދޭން ދުއްވައިގަންނަން ތައްޔާރަށެވެ. 

އެހެންވެ އަހުރެން ބައެއް ސުވާލުތައް ކޮށްލާނަމެވެ. 

އަންހެނުންނަށް މައިންބަފައިންގެ މުދަލުން ލިބެންޖެހޭ ޙިއްޞާ ދިނުމަށް ދެކޮޅެއް ނުހަދާހެއްޔެވެ؟

ދަރިން ލިބުމުން ނުބަލައި އުޚާލާފައި ތިބީ ކިތައް މިލިއަން ކުދިން ހެއްޔެވެ؟

ކޮރަޕްޝަން ޢާންމުވެ ރިޝްވަތުނުދީ އެއްވެސް ކަމެއް ކުރެވެން ނެތް ޙާލަތަށް ނުދޭހެއްޔެވެ؟

ނަމާދުތަކަށް އެބަ ރައްކައުތެރިވެވޭ ހެއްޔެވެ؟

ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމަށް އަރައިނުގަންނަމުހެއްޔެވެ؟

އަނބިދަރިންނާ މައިންބަފައިންގެ ޙައްޤުތައް އެބަ އަދާކުރެވޭ ހެއްޔެވެ؟   

މިހެންގޮސް ލިސްޓް ވަރަށް ދިގުކުރެވިދާނެއެވެ. މިފަދަ މިހުރިހާ ކަންކަމަކީވެސް ކީރިތި ޤުރްޢާނަށާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ފުރައްސާރަކުރުން ކަމަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟ އެއީ އިސްލާމް ދީނަށް ފުރައްސާރަކުރުން ކަމަށް ނުވާނީހެއްޔެވެ؟ 

އަދިވެސް ވަރަށް ޚާއްޞަ ސުވާލެއް ކޮށްލާނަމެވެ. އަންހެން ދަރިންނަށް މަޖުބޫރުކުރުވައިގެން ކައިވެނި ނުކުރުވަނީހެއްޔެވެ؟ ދިރިހުއްޓާ ދަރިފުޅު ވަޅުލުމާއި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! ﷲ ތަޢާލާ އާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިވާނަމަ ﷲ ތަޢާލާގެ އެންގެވުންތަކަށް ލޯބިކޮށް ޢަމަލުކުރާށެވެ! ކާފިރަކު ބުނާ ބަހަކުން އަހުރެމެން ފާފަވެރިއެއް ނުވާނެއެވެ. އެކަމަކު ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުނުކުރީމާ އަހުރެމެން ކޮންމެ މީހަކުވެސް ފާފަވެރިވާނެއެވެ. 

ދަންނާށެވެ! ﷲ ތަޢާލާ ވަކިގޮތަކަށް ކަމެއް ކުރަން އަންގަވާފައިވަނިކޮށް އެގޮތް ދޫކޮށްލައި އެކަންކަމަށް ފަރުވާކުޑަކޮށްލައި އަދި އެމީހަކު ބޭނުންވާ ގޮތަށް ކަންކަން ކުރުންވެސް އަހުރެންދެކެނީ ދީނަށް ކުރެވޭ ފުރައްސާރައެއްގެ ގޮތުގައެވެ. 

- ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން