ޢިބްރަތްތެރި ވާހަކަ: އިސްތިޚާރާކުރުމުން ވިސްނުނު ގޮތަށް އަމަލުކުރަން ލޯބިވެރިޔާ ދޫކޮށްލުމުން އުފާވެރި ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޢިބްރަތްތެރި ވާހަކަ: އިސްތިޚާރާކުރުމުން ވިސްނުނު ގޮތަށް އަމަލުކުރަން ލޯބިވެރިޔާ ދޫކޮށްލުމުން އުފާވެރި ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަޅުގަނޑުވެސް މީހަކު ދެކެ ލޯބިވީމެވެ. އެއީ އޮފީހުގައި އެކުގައި މަސައްކަތްކުރި މީހެކެވެ. އޭނާގެ ރިވެތި ސިފައަށް ބަލައި އަހުރެން އޭނާ ބަލައިގަތީއެވެ. ލޯބިވެވުނީއެވެ. ލޯބީގައި އަހަރުވީފަހުން އެކުވެރިއަކު ދިން ނަޞޭޙަތަކާއި ގުޅިގެން އޭނާގެ އިޒުނަ އާއިއެކު އޭނާގެ ގެއަށް ގޮސްއުޅެން ފެށީމެވެ. އޭނާގެ ޢާއިލާ އާއިއެކު ވަޤުތު ހޭދަކުރަން ފެށީމެވެ. 

އިސާހިތަކު ފެންނަންފެށީ ކަންބޮޑުވާންޖެހޭ ކަންކަމެވެ. އޭނާއަކީ މައިންބަފައިންނަށް ޤަދަރުކުރާ މީހެއް ނޫނެވެ. ޢާއިލާގެ ކޮންމެ މީހެއްގެ ކުރިމަތީގައިވެސް ބުނެލަނީ ހިތަށް އެރި އެއްޗެކެވެ. ކަންތައް ކުރަނީ ހިތަށް އެރި ގޮތަކަށެވެ.

އަހުރެންގެ ހިތަށް އަރަން ފެށިއެވެ. މިވަރުގެ މީހަކާއި ކައިވެނިކޮށްގެން އަހުރެންނަށް ޖެހޭނީ ކޮން ޙާލެއްހެއްޔެވެ؟ އެކަމަކު މިހައި ގިނަ ދުވަހު އެކުގައި އުޅެ އެންމެންނަށް އިޝްތިހާރުވީމާ ދެން ވަކިވާނީވެސް ކިހިނަކުން ހެއްޔެވެ؟ 

ދެން އަހުރެން އިސްތިޚާރާކުރީމެވެ. ދުޢާކުރީމެވެ. މިކަމުގައި މިއަޅާއަށް އެންމެ ފައިދާކުރާނެ ގޮތުގެ ވިސްނުން ދެއްވެވުން އެދިގެންނެވެ. ޢަމަލުކުރަންވީ މަގު ވިސްނުނެވެ. އެއީ ކިތަންމެ ވޭންހުރި ކަމެއް ނަމަވެސް އޭނާއާއި ވަކިވާން ނިންމީމެވެ. 

އެކަމަށް މަސައްކަތްފެށީމެވެ. ކާމިޔާބުވެސް ކުރެވުނެވެ. ކާމިޔާބު ކުރެވުނު އެންމެ ބޮޑު ސަބަބަކަށް މެދުވެރިވީ ބައްދަލުވި ހެޔޮލަފާ، އަޚްލާޤް ރަނގަޅު، ތަޤްވާވެރި ޒުވާނެކެވެ. އޭނާގެ ދީންވެރިކަމެވެ. އޭނާ ދިން ނަޞޭޙަތެވެ! 

ކޮންމެއަކަސް މިއަދު އަހުރެންގެ ކައިވެންޏަށް މިވަނީ 8 އަހަރު ފުރިފައެވެ. ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ. އަހުރެންގެ ފުރަތަމަ ލޯބިވެރިޔާ 3 ކައިވެނިކޮށްފިއެވެ. ދިރިއުލެވޭނެ ގޮތެއް ނުވިއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އަޅުގަނޑުގެ މިވާހަކަކޮޅުން ފައިދާއެއްކޮށްފިނަމަ އަޅުގަނޑުގެ ބޭނުން ފުދުނީއެވެ. އިތުރަށް ބުނެލަން ބޭނުންވަނީ ތިމާއަށް އަމިއްލައަށް ގޮތް ނިންމަން އުނދަގޫވާ ކޮންމެ ކަމަކަށްވެސް އިސްތިޚާރާކުރާށެވެ! ވިސްނޭ ގޮތަކީ ތިމާގެ ހިތް ނޭދޭ ގޮތެއް ނަމަވެސް ވިސްނުނު ގޮތަށް ޢަމަލުކުރާށެވެ! ކުރާ ފައިދާ މާބޮޑުވާނެއެވެ! އިން ޝާ ﷲ 

- ނަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން