ދަރިން ލިބުމަށްފަހު ކައިވެނި ރޫޅައިނުލާށެވެ! ޤިޔާމަތް ދުވަހު ކުރަންޖެހިދާނެ ހިތާމަ ދެވަނަކައިވެނީގަ ލިބޭ ހިތްހަމަޖެހުމާއި އަޅައިކިޔާވެސް ނުލެވޭނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ދަރިން ލިބުމަށްފަހު ކައިވެނި ރޫޅައިނުލާށެވެ! ޤިޔާމަތް ދުވަހު ކުރަންޖެހިދާނެ ހިތާމަ ދެވަނަކައިވެނީގަ ލިބޭ ހިތްހަމަޖެހުމާއި އަޅައިކިޔާވެސް ނުލެވޭނެއެވެ!

ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ އޮންނަ ބަސްފުޅުގެ މާނައަކީ އެކުއްޖާގެ ސިކުނޑީގައި އެއްވެސް ތަޣައްޔަރުކަމެއް ނުވާނެ ކަމެވެ. އެކުއްޖާ ނަޞްރީކުރަނީވެސް އަދި ޔަހޫދީކުރަނީވެސް އަދި މަޖޫސީކުރަނީވެސް އެކުއްޖާގެ މައިންބަފައިން ކަމަށް އޮންނަ ބަސްފުޅުގެ މާނައަކީ އެކަންކަން (އެދީންތައް) ކުއްޖާގެ ވިސްނުމަށް ވައްދައިދެނީ މައިންބަފައިންކަމެވެ. 

ވީމާ ދަރިއަކު ބޮޑުވެގެން އަންނައިރު އެކުއްޖެއްގެ ކިބައިހުންނަ ސިފަތައް އެއީ އެކުއްޖެއްގެ މައިންބަފައިން އެކުއްޖަކަށް ދަސްކޮށްދިން ސިފަތަކެވެ. އެއީ ދަރިފުޅު އަމިއްލައަށް ލިބިގަންނަ ކަންކަމެއް ނޫނެވެ. 

ކުއްޖާ އެންމެ ކުޑައިރުންސުރެ ﷲ ތަޢާލާގެ މަގުގައި ތަރުބިއްޔަތުކުރަން މަސައްކަތްކުރެވިއްޖެނަމަ އެކުއްޖަކު ތަރުބިއްޔަތުވެގެން އަންނާނީ ﷲ ތަޢާލާގެ މަގުގައެވެ. އެކުއްޖާގެ ސިކުނޑި އިސްލާމްދީނުން ފުރައިލެވިއްޖެނަމަ އެއަށް އެހެން ދީންތަކެއް، އެހެންކަންކަމެއް ނުވެއްދޭނެތެވެ. ވައްދާނެ ޖާގައެއް ނުހުންނާނެއެވެ. 

އެހެނެއް ކަމަކު ކުއްޖާއަށް ޝަހާދަތް ދަސްކޮށްދީފައި އަދި ނަމާދުކުރަން ދަސްކޮށްދީފައި ދަރިފުޅު ދޫކޮށްލައިފިނަމަ ކުއްޖާގެ ވިސްނުން ބަދަލުވެދާނެއެވެ. އެއީ އެކިކުދިންގެ ވިސްނުން ފުރިހަމަވާނީ އެކި ޢުމުރުގައިކަމަށްވާތީއެވެ. ބާލިޣްވި ނަމަވެސް ސިކުނޑި ފުރިހަމަނުވާކުދިން ތިބޭނެތީއެވެ. 

ދަރިންގެ ޅަޢުމުރުގައި އިސްލާމް ދީން ދަސްކޮށްދީފައި އެއިގެ އިތުރުން އެގޮތުގައި ދަރިން ތަރުބިއްޔަތުކުރަން މަސައްކަތްކުރަން ޖެހޭ ސަބަބަކީ އެއީއެވެ. 

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ދަރިންނަށް ދީނުގެ އަސާސް އުނގަންނައިދީފައި ދޫކޮށްލެވެނީއެވެ. ތަރުބިއްޔަތެއް ނުކުރެވެއެވެ. ދެމަފިރިން ދެތަންވުމުން ދަރިންނަށް އެންމެ ބޮޑަށް ގެއްލުން ލިބޭ ސަބަކީވެސް އެއީއެވެ. ދެމަފިރިން ވަކިވުމަށްފަހު ކިތަންމެ ގިނަ ފައިސާ ދަރިފުޅަށް ޚަރަދުކުރި ނަމަވެސް މިބަޔާންކުރި މަގުން އޮންނާނީ ތަރުބިއްޔަތު ނުކުރެވިފައެވެ. 

ވީމާ އާދޭސްކޮށްފައި ބުނަމެވެ. ދަރިން ލިބުމަށްފަހު ދެމަފިރިން ވަކިނުވާށެވެ! އެކަމުގެ ސަބަބުން ދަރިންނަށް ކުރިމަތިވާ ކަންކަމަށް ﷲ ތަޢާލާގެ ޙަމްރަތުގައި ޖަވާބުދާރީވާންޖެހޭނެތީއެވެ. އެކަމުން ތިމާއަށް އުފުލަންޖެހިދާނެ ޒިންމާ އާއި ދެވަނަ ކައިވެނީގައި ލިބޭ ދުނިޔޭގެ އުފަލާއި ހިތްހަމަޖެހުމާއި އަޅައިކިޔައިވެސް ނުލެވޭނެތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން