ޞާލިޙް ދަރިންނަށް އެދި މައިންބަފައިން ކުރަން މުޖައްރިބް ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ޞާލިޙް ދަރިންނަށް އެދި މައިންބަފައިން ކުރަން މުޖައްރިބް ދުޢާ!

ﷲ އަށް ބިރުވެތިވާ، މަސްތުވާތަކެތި ބޭނުން ނުކުރާނެ ދަރިއަކު ދެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެއް ބުނެދީބަލަ- 

ކިޔުންތެރިޔާގެ ބޭނުމަށް ތިރީގައިވާ ލިޔުމުން ޖަވާބެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަމެވެ. 

ދުނިޔެގެ ކިތަންމެ ގިނަބައަކަށް ކުރިމަތިވެފައިވާ މައްސަލައެއް ނަމަވެސް އެއީ އެންމެންނަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށް ބުނެގެން ނުވާނެއެވެ. އެހެނީ އެކަމެއް ކުރިމަތިނުވާ ވަރަށް މަދު ބައަކު ތިބެދާނެއެވެ. އަހަރެންނަށް ބުނަންކެރޭނީ އަހަރެންނާއި ބައްދަލުވާ މީހުންގެ 99 އިންސައްތަ މީހުންގެ ޝަކުވާއަކީ އެމީހުންގެ ދަރިންގެ ކބައިގައި ޞާލިޙްކަން ނެތުން ނުވަތަ ކުޑަވަމުންދިއުންކަމަށެވެ. 

ގިނަ މައިންބަފައިން ބުނަނީ ދަރިން ބަސް ޤަބޫލުކުރާ ކަމަށާއި އަޚްލާޤްވެސް ރަނގަޅުކަމަށެވެ. ހަމައެކަނި ފަރުވާކުޑަވަނީ ދީނުގެ ކަންކަމަށް ކަމަށެވެ. "ދީނުގެ ކަންކަން ކުރުވަން މިޖެހެނީ ހަމަ އޮބިއަޅައިގެން. ގަދަކަމުން. އެހެންކަންކަން ހަމަބުނެލާއިރަށް ކުރާނެ! ޝައިޚް ދުޢާއެއް ކޮށްލަދެއްވާ!" 

ޝައިޚްގެ ކިބައިން ދުޢާއަށް އެދޭ ކޮންމެ މީހަކަށްޓަކައިވެސް ހެޔޮދުޢާކޮށްދޭނަމެވެ. އެއީ ވެސް މަތިވެރި ޞަދަޤާތަކަށްވާތީއެވެ. އަދި މުސްލިމް އަޚާއަށްޓަކައި ހެޔޮ ދުޢާކުރުމަކީ ވާޖިބެއްވެސްމެއެވެ. އަދި އެއީ ވަރަށް ކޮށްދޭންވެސް ބޭނުންވާ ކަމެކެވެ. 

މިކަމުގައި ބުނަން އޮތް ބަހަކީ އެންމެ މުހިންމީ މައިންބަފައިންގެ ދުޢާކަމެވެ. ކީރިތި ޤުރްއާނުގައިވާފަދައިން ދަރިންނަށްޓަކައި ހެޔޮދުޢާކުރަމުން ގެންދާށެވެ. މައިމީހާ ދަރިފުޅަށް ބަލިވެ އިނީންސުރެއެވެ. 

رَبِّ هَبْ لِي مِنَ الصَّالِحِينَ 

"އަޅުގެވެރި ރަސްކަލާކޮ! މިއަޅާއަށް ޞާލިޙުންގެތެރެއިންވާ ދަރިއަކު ދެއްވަވާނދޭވެ!"

(37:100) 

މިދުޢާ އާއިމެދު އޮތް ޔަޤީންކަމަކީ މިއީ މުޖައްރިބް ދުޢާއެއްކަމެވެ. އެކަން ޔަޤީންވަނީ ޖެހިގެން އޮތް އާޔަތުންނެވެ. 

"ފަހެ ތިމަން ރަސްކަލާނގެ (އެކަލޭގެފާނުގެ ދުޢާ ޢިޖާބަކުރައްވަވައި) ޙިލްމްވެރި ދަރިކަލަކު ދެއްވަވާނެ ކަމުގެ އުފާވެރި ޚަބަރު އެކަލޭގެފާނަށް ދެއްވެވީމެވެ." ( 37:100) 

ލޮބުވެތި މައިންބަފައިންނޭވެ! ދަރިއަކު ދެއްވެވުން އެދި ދުޢާކުރާއިރުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނީ މިއާޔަތުގައިވާފަދައިން ދުޢާކުރުމަށެވެ. ޞާލިޙް ދަރިއަކު ދެއްވެވުން އެދިއެވެ. 

ދެން އަނެއްކަމަކީ ޞާލިޙް ދަރިއަކަށް އެދެންވާނީ ޞާލިޙުންނެވެ. މާނައަކީ ޞާލިޙް ދަރިއަކަށް އެދި ދުޢާކުރާއިރު މައިންބަފައިންގެ ކިބައިގައި ޞާލިޙްކަން ނެތްނަމަ ދެން ކަންކަންވާނީ ކިހިނަކުންހެއްޔެވެ. ވީމާ ކުރާ ދުޢާ އާއި އެއްގޮތަށް މައިންބަފައިންގެ ޢަމަލުތައް އިޞްލާޙްކުރުމަކީވެސް ކުރަންޖެހޭ ކަމެކެވެ. ދުޢާގައި ބަރަކާތް އިތުރުވާނީ އެއިރުންނެވެ. 

- އިސްލާމީ ތލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން