ތިބާގެ އަނބިދަރިންގެ ކިބައިން އުފާ ނުލިބޭނަމަ ޝަކުވާނުކޮށް ތިބާއަށް މި 2 ކަންތައް ކުރެވޭމިންވަރަށް ބަލައި އިޞްލާޙްކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ތިބާގެ އަނބިދަރިންގެ ކިބައިން އުފާ ނުލިބޭނަމަ ޝަކުވާނުކޮށް ތިބާއަށް މި 2 ކަންތައް ކުރެވޭމިންވަރަށް ބަލައި އިޞްލާޙްކުރާށެވެ!: މުފްތީ މެންކް

ކަންކަން ކުރިމަތިވުމުން ގިނަ ބައަކަށް އަވަސްވެ ގަނެވެނީ ކޮންމެވެސް މީހަކު ކުށްވެރިކުރުމަށެވެ. ސުވާލަކީ ކިތަންމެ ވަރަކަށް މީހަކު ކުށްވެރިކޮށް ވާހަކަދެއްކިޔަސް އެކަމުން ތިބާގެ ދިރިއުޅުމަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ފައިދާކުރާނީ ތިމާ އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކޮށްގެން ނޫންހެއްޔެވެ؟

އަހަރެމެންގެ ތެރެއިން ގިނަ ޢަދަދެއްގެ މައިންބަފައިން، ބެލެނިވެރިން، އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ އެމީހުންގެ ދަރިން މަސްތުވާތަކެތީގައި ޖެހުން، ނުވަތަ އަންހެންދަރިން ޢާއިލާގެ ޢަބުރާއި ޢިއްޒަތް ގެއްލޭފަދަ ކަންކަން ކުރުމެވެ. ސުވާލަކީ އެކަންކަން ހުއްޓުވަން ނުވަތަ ދަރިންނަކީ އެފަދަ ކަންކަން ނުކުރާބައަކަށް ހެދުމަށް ތިބާކުރަނީ ކޮންކަމެއް ހެއްޔެވެ؟

އެކަންކަން އެހެން އެވަނީ ބެލެނިވެރިންގެ ނުވަތަ މައިންބަފައިންގެ ސަބަބުން ކަމަށްބުނެފިނަމަ ޤަބޫލެއް ނުކުރާނެއެވެ. ރުޅިވެސް އަންނާނެއެވެ. ނަމަވެސް ބުނަން އޮތީ އެކަމުގައި އެންމެ ބޮޑީ ބެލެނިވެރިންނާއި މައިންބަފައިންގެ ދައުރު ކަމަށެވެ. ފުރަތަމަ ކަމަކީ ތިމާމެންގެ އަޚްލާޤެވެ. އަޅުކަމާއި ދުރުހެލިވެވޭ މިންވަރެވެ! ދެވަނަ ކަމަކީ ކުރަންޖެހޭ ދުޢާތައް ނުކުރެވުމެވެ.

ނިކަން ބުނެބަލާށެވެ! ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ މިފަދަ ދުޢާކުރަނީ ކިތައް މީހުން ހެއްޔެވެ؟

"އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވަވަނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވަވާނދޭވެ!" (އަލްފުރްޤާން: 74)

މީސްތަކުންނޭވެ! ފުރަތަމަ ތިމާމެން ތަޤްވާވެރިވެ ނަމޫނާ ދައްކާށެވެ! ރިވެތި އަޚްލާޤަށް ޢަމަލުކުރުމުގެ ނަމޫނާ ދައްކާށެވެ! އެއާއިއެކު ﷲ ތަޢާލާއަށް ދުޢާކުރަމުން ގެންދާށެވެ! އަނބިންނާއި ދަރިންނަކީ ލޮލަށް ފިނިކަން ލިބިދޭ ބައަކު ކަމުގައި ލައްވަވައިދެއްވަވާނެތެވެ!

ވީމާ އަނބިދަރިންގެ ކިބައިން އުފާ ހޯދަން ކުރަންޖެހޭ މައިގަނޑު 2 ކަމަކީ، ދިރިއުޅުމާއި އަޅުވެރިކަމުގައި ތިމާ ނަމޫނާ ދެއްކުމާއި ދުޢާކުރުމެވެ. މައްސަލަތައް ކުރިމަތިވާނަމަ މި 2 ކަންތައް ތިމާއަށް ކުރެވޭ މިންވަރާއިމެދު ވިސްނައި ކަންކަން އިޞްލާޙްކޮށްލާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން