ބޭވަފާތެރިވުމަކީވެސް އަނިޔާ! ބިސްމިﷲ ދުލާއި ހިތުން ކިޔާ މީހަކު ބައިވެރިޔާއަށްވެސް އެނޫން މީހަކަށްވެސް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ބޭވަފާތެރިވުމަކީވެސް އަނިޔާ! ބިސްމިﷲ ދުލާއި ހިތުން ކިޔާ މީހަކު ބައިވެރިޔާއަށްވެސް އެނޫން މީހަކަށްވެސް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުކުރާނެ!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މުޅި ދުނިޔޭގައިވެސް އަނިޔާވެރިކަން މިވަނީ ޢާންމުވެފައެވެ. މުސްލިމުންގެ ތެރޭގައިވެސްމެއެވެ. އެކަން އެނގެނީ އެކި ގޮތްގޮތުން އަނިޔާ ލިބެމުންދާތީ ކޮންމެ ދުވަހަކުވެސް ޝަކުވާކުރާ މީހުން ގިނަކަމުންނެވެ. 

ވީމާ ވިސްނައިލާށެވެ! އަހުރެމެން ކޮންމެ ކަމެއްވެސް ކުރަނީ بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ކިޔައިފައެވެ. ޤުރްއާން ކިޔަވަން ފަށަނީވެސް بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ކިޔައިފައެވެ. އަދި ނަމާދުކުރަން ފަށަނީވެސް بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ކިޔައިފައެވެ. 

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ގެ މާނައަކީ "ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ގެ އިސްމުފުޅުން ފަށައިގަންނަމެވެ." މާނައަށް އިތުރަށް ވިސްނައިފިނަމަ އެނގިގެންދާނީ ﷲ ތަޢާލާއީ މުސްލިމުންނަށްވެސް ކާފިރުންނަށްވެސް ރަހްމަތް ލައްވަވާ އޯގާތެރިވަންތަ ރަސްކަލާނގެ ކަމެވެ. 

އަދިކީއްހެއްޔެވެ؟ އަނިޔާވެރިކަން ވަނީ ﷲ ތަޢާލާ، އެކަލާނގެ ޒާތުފުޅަށްވެސް ޙަރާމްކުރައްވަވައިފައެވެ. އެހެންކަމަށްވާއިރު ނިކަން ބުނެބަލާށެވެ! بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ކިޔަމުން، ނަމާދުކުރަމުން އަދި ޤުރްއާން ކިޔަވަމުން އެހެން މީހުންނަށް އަނިޔާވެރިވީމާ އެކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ހިތުގައި ﷲ ތަޢާލާއަށް އީމާންކަމެއް، އަދި ބިރުވެތިކަމެއްވޭހެއްޔެވެ؟ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ކިޔަމަންތެރިކަން އެބަ އަދާކުރެވޭ ހެއްޔެވެ؟ 

އަހުރެން ބުނާނީ بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ކިޔަމުން އެއްވެސް މީހަކަށް އަނިޔާވެރިވާނަމަ އެމީހަކު އެހުރީ ވަރަށް ބޮޑަށް ފޭލްވެފައިކަމަށެވެ. ދުލުންކިޔާ އެއްޗަކާއި ކުރާ ޢަމަލު ދިމާނުވާތީއެވެ. 

ކޮންމެ ދެމަފިރިއަކަށްވެސް ބުނެލަން އޮތީ އެކަކު އަނެކަކަށް އަނިޔާވެރިނުވާށެވެ! އަނިޔާއަކީ ހަމައެކަނި ޖިސްމާނީ އަނިޔާއެއް ނޫނެވެ. ހިތަށް ކުރާ އަނިޔާއަކީވެސް އެކަކު އަނެކަކަށް ބޭވަފާތެރިވުމަކީވެސް ހަމަ ދެވޭ އަނިޔާއެވެ! بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ދުލާއި ހިތުން ކިޔާ މީހަކު ބައިވެރިޔާއަށްވެސް އެނޫން މީހަކަށްވެސް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުކުރާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން