އެކުގައި އެއްތަނެއްގައި މަސައްކަތްކުރާއިރުވެސް ޖެހޭ މައްސަލައެކެވެ. ތިބާއާއިމެދު ދޮގު ވާހަކަތައް ފަތުރައިފާނެއެވެ. އެހެން މީހުންގެ ހިތުގައި ނަފްރަތު އުފައްދުވަންވެސް މަސައްކަތްކޮށްފާނެއެވެ. އަދި ވަޒިފާއަށް ހުރަސްއަޅަންވެސް މަސައްކަތްކޮށްފާނެއެވެ.
އެހިނދުގައި މާޔޫސްނުވާށެވެ! ފުރަތަމަވެސް ބަލައިލަންވީ އެމީހުން އެކިޔާ އެއްޗެއްގައި ތެދެއް އޮތްތޯއެވެ. ތެދެއް އޮތްނަމަ އެކަމެއް އަވަހަށް އިޞްލާޙްކޮށްލާށެވެ! މާފަށް އެދެންޖެހޭ މީހުންގެ ކިބައިން މާފަށްވެސް އެދޭށެވެ.
ތެދެއް ނެތްނަމަ އުފާކޮށް ﷲ ތަޢާލާއަށް ޙަމްދުކުރާށެވެ. އެހެނީ އެމީހުން ހެދީ ދޮގުކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އެޙާލަތުގައި އޮތީ އުފާކުރުމެވެ. އެއީ އެމީހުން ކަންކަމުގެ ސަބަބުން ތިބާއަށް ޘަވާބު ލިބިގެންދާނެތީއެވެ.
ﷲ ތަޢާލާއަށް ޙަމްދުކުރިކަމަށްވާނީ ތިބާ ރައްދު ނުދިނުމުންނެވެ. އެމީހުން ކުރިފަދަ ކަމެއް ތިބާ ނުކުރުމުންނެވެ. ރައްދުދީފިނަމަ ތިބާއަށް އެ ވެއްޓެވެނީ އެމީހުންނާއި އެއް ދަރަޖައަކަށެވެ. އެމީހުން ފަދައިން ތިބާއަށްވެސް ފާފައެއް ކުރެވުނީއެވެ.
ހަނދާނުގައި އަބަދުވެސް ބަހައްޓަންވާނެ އެއްކަމަކީ ހަސަދަވެރިވާނެ ބައަކު އަބަދުވެސް ތިބޭނެކަމެވެ. އެންމެންނަކީ ހެޔޮއެދޭނެ ބައެއް ނޫންކަމެވެ. އެއީވެސް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އެންމެންގެ ރުހުން ލިބުނު، ޙަސަދަވެރިވާނެ ބައަކު ނެތް ހަމައެކަކުވެސް ދުނިޔޭގައި އުޅެފައި ނުވާކަމެވެ.
މިމޭރުމުން ވިސްނާނަމަ މީހުން ކިޔާ އެއްވެސް އެއްޗަކާއިމެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އުފަލުގައި ހުރެވޭނެއެވެ. އިން ޝާ ﷲ
- އަލަފް