ބައެއް މީހުންނަށް ބައެއް މުޞީބާތްތައް ކުރިމަތިވަނީ އެމީހަކަށް ބުނެވޭ ނުބައި ބަސްތަކުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ބައެއް މީހުންނަށް ބައެއް މުޞީބާތްތައް ކުރިމަތިވަނީ އެމީހަކަށް ބުނެވޭ ނުބައި ބަސްތަކުން!

ކަންތައްތަކުގެތެރެއިން އަވަސްވެގަންނަންވީ ހެޔޮ ޢަމަލުތައް ކުރުމަށެވެ. ނަމަވެސް އަޅުކަމެއް ކުރުމަށް އަވަސްވެގަތުމަކީ އަވަސް އަރުވާލައިގެން އެކަމެއް ކުރުމެއް ނޫނެވެ. މިސާލަކަށް އަވަސް އަރުވާލައިގެން ނަމާދުކުރެއްވެވި ޞަޙާބީއެއްގެ ނަމާދު އެއީ ނަމާދެއް ނޫންކަމަށާއި އަލުން ނަމާދުކުރުމަށް 3 ފަހަރުމަތިން ރަސޫލް ޙަދީޘްފުޅު ކުރެއްވެވިއެވެ. 

އަވަސްއަރުވާލައިގެން ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. މިސާލަކަށް އިސްލާމް ދީނުގެ ކަމަކަށް ﷲ ތަޢާލާގެ މަގުގައި ހޭދަކުރެއްވެވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާ ކޮންމެފަހަރަކު އެންމެ ހިނދުކޮޅެއްވެސް ލަސްނުކުރައްވަވައި އެކަމަށް ޢުޘްމާންގެފާނު އަވަސްވެވަޑައިގަންނަވައެވެ. އެއީ އަވަސްވެވަޑައިގެންނެވިވަރަކަށް އެކަމުން ލިބިވަދަިގަންނަވަން އޮތް ފައިދާ ބޮޑުވުމުންނެވެ. 

ދުނިޔަވީ ކަންކަމުގައި އަވަސްވެގަތުމުން ގިނަފަހަރަށް ލިބޭނީ ގެއްލުމެވެ. ލިބޭ ގެއްލުން ބޮޑުކަމުން އާޚިރަތް ގެއްލިގެން ހިނގައިދާނެ ޙާލަތްތައްވެސް ކުރެވެއެވެ. މިސާލަކަށް އަންނަ ރުޅީގައި ކަމުގެ ޙަޤީޤަތް ނުބަލައި ވަގުތުން އެބަ ކައިވެނި ރޫޅައިލެވެއެވެ. ކުއްލިއަކަށް ކުރެވޭ އަމަލަކުން އެބަ އެހެން މީހެއްގެ ފުރާނައަށް ގެއްލުންދެވެއެވެ. 

އަދި ކީއްހެއްޔެވެ؟ އަހަރެމެންގެ ދަރިންނަށާއި ޢާއިލާގެ މީހުންނަށް އަދި ރައްޓެހިންނަށް ކުރިމަތިވާ ބައެއް މުޞީބާތްތައް ކުރިމަތިވަނީ ކުރިމަތިވާ ކަމަކާއި ގުޅިގެން އަވަސްއަރުވާލާފައި ތިމާއަށް ބުނެވޭ ނުބައި ބަސްތަކުގެ ސަބަބުންނެވެ. ވީމާ ކަންކަމުގައި އަވަސްއަރުވައލުމަކީ ވަރަށް ހިތާމަހުރި ގޮތްތައް މެދުވެރިވާ ކަންކަމެވެ. 

ވީމާ ކަންކަމަށް އަވަސްވެގަންނައިރު މިބުނި ކަންކަމަށް ސަމާލުކަންދޭށެވެ! ކަމެއް ދިމާވާއިރަށް އަވަސްއަރުވާލައިގެން ގޮތް ނުނިންމާށެވެ! ފިޔަވަޅު ނާޅާށެވެ. ފަހުން ކިތަންމެ ބޮޑު ހިތާމައެއްވެސް ކުރަންޖެހިދާނެއެވެ! ދުނިޔެއާއި އާޚިރަތުގައިވެސްމެއެވެ. 

ކަންކަމަށް އަވަސްވެގަތުމަކީ އިންސާނުންގެ ޠަބީޢަތުގައި ހުންނަކަމެކެވެ. ނަމަވެސް މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭނެކަމެކެވެ. އަވަސްވެގަންނަން ޖެހޭނެ ކަންތައްތަކާއި ކެތްތެރިވެ ވިސްނަންޖެހޭނެ ނުވަތަ ވިސްނައިގެން ކުރަންޖެހޭނެ ކަންތައްތަކެއްވާކަން ޤަބޫލުކުރަންވާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން