މީހަކު ދެކެ ލޯބިވާނަމަ ކާމިޔާބުކުރަން ބޭނުންކުރެވިދާނެ އުޞޫލުތަކާ ބައެއް އުކުޅުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
މީހަކު ދެކެ ލޯބިވާނަމަ ކާމިޔާބުކުރަން ބޭނުންކުރެވިދާނެ އުޞޫލުތަކާ ބައެއް އުކުޅުތައް-

ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް އެހެން މީހުންގެ ކިބައިން ގަދަބާރުން ނުހޯދޭނެ ކަންތައްތަކެއް ހުންނާނެކަން ޤަބޫލުކުރަންވާނެއެވެ. އެއީ ކޮންމެ މީހަކުވެސް އަމިއްލައަށް ގޮތް ނިންމާނެ ކަންތައްތަކެއް ހުންނާނެތީއެވެ. 

އެއިގެ ތެރެއިން ފުރަތަމަކަމަކީ ތިބާ މީހަކު ދެކެ ލޯބިވިޔަސް އެމީހަކު ތިބާދެކެ ލޯބިވުމެވެ. ކޮންމެ މީހަކުވެސް ލޯބިވާނެ މީހަކު އިޚްތިޔާރުކުރާނީ އަމިއްލައަށެވެ. ލޯބިވުމަކީ އެހެން މީހަކު އެދިގެން ނުވަތަ ކިތަންމެ ގިނަ ބައަކު އެކަމަށް ބާރު އެޅިޔަސް ކުރެވޭނެ ކަމެއް ނޫނެވެ. 

ވީމާ މީހަކަށް ލޯބި ހުށަހެޅުމަށްފަހު އިތުރަށް އުނދަގޫނުކުރާށެވެ! ގޮތް ނިންމަން އޭނާއަށް ދޫކޮށްލާށެވެ! އެއްވެސް މީހަކަށް މީހަކު ބުނީތީ މީހަކު ދެކެ ލޯތްބެއް ނުވެވޭނެއެވެ. ލޯބިވެވޭނީ އެމީހެއްގެ ހިތް އެކަމަށް އެދޭނަމަ އެކަންޏެވެ. 

އެހެނެއް ނޫނެވެ. ތިމާއަށް މުހިންމު ބައަކު އެދޭނަމަ ބައެއް ފަހަރު މީހަކު ދެކެ ރުހެވިދާނެއެވެ. އެގޮތަށް ރުހެވޭ ރުހުމަކުން ޙަޤީޤީ ލޯތްބެއް ނުއުފެދޭނެއެވެ. ކުރިންވެސް ބުނި ފަދައިން ޙަޤީޤީ ލޯބި އުފެދޭނީ ހަމައެކަނި އެމީހާގެ ހިތް އެކަމަށް އެދުމުންނެވެ.

ބައެއް ފަހަރު ލޯބިނުވެވެސް ކައިވެނިކުރެއެވެ. އެކައިވެނީގެ ތެރެއިން ލޯބިވެސް އުފެދި ލޯބިވެއެވެ. އެކަން އެހެން އެވަނީ އެކުގައި އުޅެން ފެށުމުން އަނެކާގެ ކިބައިން ފެންނަ ރަނގަޅު ސިފަތަކެއްގެ ސަބަބުން ހިތުގައި ލޯބިއުފެދޭތީއެވެ. ކައިވެނިކުރިޔަސް އެކުގައި އުޅުނަސް ޙަޤީޤީ ލޯބިވެވޭނީ ހަމަ އެމީހެއްގެ ހިތުގައި ލޯބި އުފެދިގެންނެވެ.  

ލޯބި ހޯދަން މަސައްކަތްކުރެވިދާނެއެވެ. އެއީ ތަފާތު ކަމެކެވެ. އެކަމަށް ކުރަން އޮތް ކަމަކީ އަނެކާ ރުހޭނެ ކަންކަން ދެނެގަނެ އެކަންކަން ކުރުމެވެ. އަނެކާ ރުހޭނެ ގޮތަށް ބަސްމަގާއި ޢަމަލުތައް ކުރުމެވެ. ދުވަސްކޮޅަކު އެގޮތަށް ކަންކަން ކުރުމުންވެސް ލޯބި ނުއުފެދުމުން އެމީހަކަށް ކޮށްދީފައިވާ ކަންކަމުގެ ވާހަކަ ދައްކައި ކަލަގޮވައިވެސް ބައެއް މީހުން ހަދައެވެ. ޒުވާބުވެސް ކުރެއެވެ. ނަފްރަތުގެ ބަސްތައްވެސް ބުނެއެވެ.

އެކަންކަން ކުރުމަކީވެސް އަނެކާގެ ހިތުގައި ލޯބި އުފެއްދޭނެ ކަމެއް ނޫނެވެ. އެގޮތަށް ކަންކަން ކޮށްފިނަމަ ގާތީ އަނެކާގެ ހިތުގައި ނަފްރަތުއުފެދުމެވެ. އެއިރުން ބޭނުންވެގެން އުޅުނު ލޯބީގެ ބަދަލުގައި ލިބޭނީ ނަފްރަތެވެ.

ވީމާ ލޯބި ހޯދަން ކުރާ ދަތުރުގައި މިބުނި ކަންކަމަށް ވިސްނަންވާނެއެވެ. ވިސްނައިގެން އުޅުމުން ކާމިޔާބުވެސް ކުރެވެއެވެ.  

- އަލަފް

 

 

މިއަދު އޮންލައިން