ދުނިޔޭގައި މިހައިތަނަށް ކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު އެމީހެއްގެ ހަށިގަނޑުގެ ބައްޓަމާއި ސިފަ ރީތިވެގެން ދިރިއުޅުން ކާމިޔާބުކުރެވިފައިވަނީ ހަމަ އެންމެ އިންސައްތައެއްގެ މީހުންނަށެވެ. މާނައަކީ އެހައިވެސް މަދު ބައަކަށެވެ. އަނެއް 99 އިންސައްތަ މީހުން އެމީހުންގެ ދިރިއުޅުން ކާމިޔާބުކޮށްފައިވަނީ އެމީހުންގެ އިޚްލާޞްތެރި އަދި ބުރަ މަސައްކަތުންނެވެ.
މިތަނުގައި ދިރިއުޅުމުގެ ކާމިޔާބީ ކަމަށް މިބަލަނީ ފާޙިޝް ޢަމަލުތައް ނުކޮށް މަސައްކަތުގައި ކުރިއަރައިގެން ދިއުމަށެވެ. އެއްވެސް ޙާލެއްގައި ހަށިވިއްކައިގެން މަޤާމެއްގައި ދެމިހުރެވުން ނުވަތަ ކުރިއަރައިގެން ދެވުމަކަށް ނޫނެވެ.
ހަށިވިއްކައިގެން ނުވަތަ އެންމެން ތުންފުހޭ ތުންފުއްސަކަށްވެގެން ކިތަންމެ ގިނަ ފައިސާ ހޯދި، ކިތަންމެ ތަނަވަހުގައި ދިރިއުޅެވުނަސް އެއީ ކުރިއެރުމެއް ނޫނެވެ. އެމީހާގެ ހަލާކެވެ. ދުނިޔޭގައި ހުރެވޭ ދުވަސްކޮޅު ހަށިގަނޑަށް އަލިފާނުގެ ހޫނު އިޙްޞާޞް ނުކުރެވުނަސް މަރުވެ ވަޅުލެވުމާއިއެކު ހަށިގަނޑު ނަރަކައިގެ އަލިފާނުން އަނދަން ފަށާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
އެކުވެރިންނޭވެ! ޚާއްޞަކޮށް ލޮބުވެތި އުޚުތުންނޭވެ! ހަށިގަނޑުގެ ބައްޓަމާއި ސިފަ ރީތިކުރަން މަސައްކަތްކުރުމަކީ އެންމެ ބޮޑަށް ސަމާލުކަންދޭކަންތައް ކަމުގައި ނުހަދާށެވެ! ﷲ ތަޢާލާއަށް އިކްލާޞްތެރިވުން ކުރިއަށް ނެރޭށެވެ! ރިޒުޤް ހޯދަން ގަދައަޅައި މަސައްކަތްކުރާ މީހަކަށްވާށެވެ!
ސިފަ ކިތަންމެ ރީތި ނަމަވެސް އަބަދަކު ތިބާއާއިއެކުގައި ދެމިނުހުންނާނެކަން ހަނދާންކުރާށެވެ! މަދުމީހެއްގެ ރީތިކަން އެމީހަކާއި ދެމިހުރިނަމަވެސް ޢުމުރުން ދުވަސްވާވަރަކަށް ކޮންމެ މީހެއްގެވެސް ގުނަވަންތައްދާނީ މުސްކުޅިވަމުންނެވެ. ބަލިކަށިވަމުންނެވެ. އެއީ ޤުދްރަތުން އެކަން ލައްވަވާފައިވާ ގޮތެވެ. އެކަން ބަދަލެއް ނުކުރެވޭނެއެވެ.
ތިބާ އެކަމަށް މަސައްކަތްކޮށްފިނަމަ ތަޤްވާވެރިކަން ތިބައާއިއެކު އެންމެ ފަހުނޭވައާއި ހަމައަށްވެސް ދެމިގެންދާނެއެވެ. މަރުވުމުން ތިބާއާއިއެކު ކައްވަޅަށްވެސް ދާނެއެވެ. ތާޅަފިލި ފުމެލެއްވެވުމުން ކައްވަޅުން ތެދުވާއިރު ތިބާއާއިއެކު ތެދުވެ ދާއިމަށް ތިބާއާއިއެކުގައިދެމިގެންވާނެއެވެ. އަދި ތިބާއަށް ސުވަރުގެ ދެއްވަވާ ސަބަބުކަމުގައިވެސް ވެގެންދާނެއެވެ. އިން ޝާ ﷲ
ދެން ނިކަން ބުނެބަލާށެވެ! ކާމިޔާބު ޙަޔާތަކަށް ބޭނުންވަނީ ސިފަރީތިކުރުން ހެއްޔެވެ؟ ހެޔޮލަފާ ތަްްވާވެރިއަކަށްވުން ހެއްޔެވެ؟ ވިސްނައި ގޮތެއް ނިންމާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން