"އަހުރެން ތިބާ ދެކެ ލޯބިވަމޭ" ގެ މާނައެނގޭހެއްޔެވެ؟ ނޭނގި މަޅީގަ ޖެހެވިފައިވާނަމަ މިމަގުން ޢަމަލުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
"އަހުރެން ތިބާ ދެކެ ލޯބިވަމޭ" ގެ މާނައެނގޭހެއްޔެވެ؟ ނޭނގި މަޅީގަ ޖެހެވިފައިވާނަމަ މިމަގުން ޢަމަލުކުރާށެވެ!

މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެމީހަކު ޙާޞިލްކުރަންބޭނުންވާ ކަމެއް ޙާޞިލްކުރުމަށްޓަކައި ކިތަންމެ ބޮޑު ދޮގެއް ބުނުމަކީވެސް ކުރަން ޖެހިލުންވާ ކަމެއް ނޫނެވެ. އަދި ބައެއް މީހުން އެމީހާ އެބުނަނީ ތެދެއްކަން ދެއްކުމުގެ ގޮތުން އެއްވެސް ބިރެއްނެތި ދޮގުހުވާތައްވެސް ކުރެއެވެ. 

ވީމާ ތިބާ ދެކެ ލޯބިވަމޭ މީހަކު ބުނެފިނަމަ އެމީހަކު އެހެން އެބުނަނީ ތެދެއްކަން ޔަޤީންނުކޮށް އެވާހަކަ ޤަބޫލުނުކުރާށެވެ. މިހާރު ކަންކަން ހިނގަމުންދާ ގޮތަށްބަލާއިރު ގިނަފަހަރަށް އަހަރެން ކަލޭދެކެލޯބިވަމެވެ ބުނެފިނަމަ އެއިގެ މާނައަކަށް ވެފައި އޮންނަނީ އަހަރެން ކަލޭ ބޭނުންކޮށްލަން ބޭނުންވާ ކަމަށެވެ. 

މައްސަލައެއް ނެތެވެ. ތިއަ ކަނބަލުންގެ ގާތުގައި މީހަކު ތިބާދެކެ ލޯބިވާކަމަށްބުނެފިނަމަ ފުރަތަމަވެސް އޭނާގެ ވަނަވަރު އޮޅުންފިލުވާށެވެ. އެއީ ގުޅެން ކަމުދާ މީހަކުކަން ބެލުމަށްފަހު ކަމުދާ މީހަކުކަމުގައިވާނަމަ އަވަހަށް ބުނާށެވެ. "އަހުރެންވެސް ލޯބިވަމެވެ. ނަމަވެސް ގައިގައި އަތްލަންވާނީ ކައިވެނިކޮށްގެންނެވެ. ޙަލާލު ގޮތުގައެވެ." 

އެއީ ކީއްވެގެން ބުނި ވާހަކައެއްތޯ ސުވާލުކޮސްފިނަމަ ބުނާށެވެ! އަހުރެން ދުނިޔޭގައި އުޅޭ އެންމެންނަށްވުރެ ބޮޑަށް ލޯބިވަނީ ﷲ ތަޢާލާ ދެކެއެވެ. ވީމާ އަހުރެން ޢަމަލުކުރާނީ އަހުރެން އެފަރާތެއް ދެކެ އެންމެ ބޮޑަށް ލޯބިވާ ފަރާތުން އަންގަވާފައިވާ ގޮތަށެވެ. ތިބާ ދެކެ ލޯބިވުންވެސް މައިންބަފައިންނާއި ޢާއިލާދެކެ ލޯބިވުންވެސް ގެނެވޭނީ އެއިގެ ފަހަތުންނެވެ. 

އެކަންކަމަށް އޭނާ ރުހިއްޖެނަމަ ދެމީހުންގެ ލޯބި އަވަހަށް ޙަލާލްކޮށްލާށެވެ! ލޯބި ޙަލާލްކުރުމަކީ ކައިވެނިކުރުމެވެ. 

އެގޮތަށް އެކަން ނުކުރެވިއްޖެނަމަ ތިބާ ވެގެންދާނީ މީހަކު ދޮގެއް ބުނެލީތީ އާޚިރަތް ނަގައިލި އަނހެނަކަށެވެ. ޢިއްފަތްތެރިކަމަށް ޚިޔާނާތްތެރިވެވުނު މީހަކަށެވެ. ތިބާގެ ބޭނުންކުރި މީހާވެސް ތިބާވެސް ހިމެނޭނީ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިނުވެ ފާޙިޝް ޢަމަލުކުރުމުގެ ބޮޑުފާފަކުރި މީހުންނަށެވެ. 

އަހުރެން މިދިން ނަޞޭޙަތް ހަމަ މިމޭރުމުން، މިބަހުރުވައިން ވަރަށް ގިނަ ޢިލްމުވެރިން ވަރަށް ގިނައިން ދެއްވައެވެ. ބައަކު ނަޞޭޙަތް ޤަބޫލުވެސް ކުރެއެވެ. އަނެއްބައަކު ޤަބޫލެއް ނުކުރެއެވެ. ޤަބޫލުކުރުމާއި ނުކުރުމަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެކެވެ. ޙައްޤު ބަސް މިބުނީއެވެ. 

އުންމީދުކުރަނީ މިބައްދަލުވުމުގެ ބައިވެރިންގެ ތެރެއިން ކައިވެނިނުކޮށް ތިބި ހުރިހާ އަންހެނުންނަށްވެސް މިބަސްކޮޅުން ފައިދާކުރާނެ ކަމަށެވެ. ކޮންމެއަކަސް އަދި އެއް ވާހަކަ ބުނެލާނަމެވެ. ކައިވެނި ނުކުރެވި ތިބިނަމަވެސް މިހާރުވެސް "އަހުރެން ތިބާ ދެކެ ލޯބިވަމޭ" ޝިކާރައަކަށް ވެވިފައިތިބި އަންހެނުންވެސް ތިބެދާނެއެވެ. 

އެކަނބަލުންނަށް ބުނެލަން އޮތީ ކަންބޮޑުނުވާށެވެ! ތައުބާވުމަށް އަވަސްވެގަންނާށެވެ! ދެން މިވަގުތުން ފެށިގެންވެސް ލޯބި ހަލާލުނުކޮށް ގައިގައި ނުބީހޭށެވެ! ތިއަ އެންމެ ކަނބަލުންނަށް ﷲ ތަޢާލާ ހެޔޮވިސްނުން ދެއްވަވާށި! ހެޔޮރަޙްމަތް ލައްވަވާށި! އާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން