ކައިވެނިކުރުމުގައި އެންމެ ބޮޑަށް ބަލަންޖެހޭ ކަންކަމަކީ ދީންވެރިކަމާއި އަޚްލާޤް އެވެ. އެހެންކަމާއިއެކުވެސް މި ދެ ކަންތަކުގެ އިތުރުން ޙަޔާތަށް ބައިވެރިއަކު ހޯދާއިރު އޭނާގެ މިޒާޖާއި ދިރިއުޅުން ހުންނަ ގޮތަށްވެސް ބަލައިލަންވާނެއެވެ. އެހެނީ ދިރިއުޅެން ބައިވެރިއަކު ހޯދުމަކީ މުޅި ޙަޔާތަށްޓަކައި ކުރާކަމަކަށްވާއިރު މިޒާޖަށާއި ދިރިއުޅުން ހުންނަ ގޮތަށް ބަލައިލަންވާނެއެވެ.
މިއަދު މިވާގޮތަކީ މިފަދަ އެއްވެސް ކަމަކަށް ނުބަލައި ލޯބިވަނީއެވެ. ދުވަސްކޮޅެއްވާއިއރު އޮންނަނީ ކައިވެނިނުކޮށް ފަރުނުޖެއްސޭހިސާބަށް ކަންކަން ގޮސްފައެވެ. އެހިސާބުން ކައިވެނިކުރެވެނީއެވެ. ކައިވެނިކުރެވޭތާ ދުވަސްކޮޅެއް ފަހުން މިއެނގެނީ ކައިވެނި ކުރެވިގެން މިއުޅެނީ ތިމާ ލޯބިވި މީހާ އާއި މުޅިންތަފާތު މީހަކާއިކަމެވެ.
ޙަޤީޤަތަކީ އޭނާއަކީ ހަމައެމީހާއެވެ! އޭނާގެ އަސްލު ސިފަތައް ކުރިން ހާމަނުކުރީއެވެ. ސިއްރުކޮށްފައި ބޭއްވީއެވެ. ކައިވެނިކޮށް އެކީގައި ދިރިއުޅެންފެށުމުން އޭނާގެ އަޞްލު ސިފަތައް ދައްކަންފެށީއެވެ.
މީސްތަކުންނޭވެ! އެއްވެސް މީހަކު ދެކެ ލޯބިވުމުގެ ކުރިން މިބުނި ކަންކަމަށް ބަލަންވާނެއެވެ. ދީންވެރިކަމާއި އަޚްލާޤާއި އޭނާ ދިރިއުޅޭގޮތާއި މިޒާޖަށް ބަލަންވާނެއެވެ. ނޫންނަމަ ފަހުން ކުރިމަތިވާނެ ހިތާމަވަރަށް ބޮޑުވާނެއެވެ. ކުރިން ބުނިފަދައިން ލޯތްބަކީ ކަނު، ބީރު އަދި މަންމަން އެއްޗެކެވެ. އަވާގައި ޖެހުމުން އޭނާގެ އުނި އެއްވެސް ސިފައެއް ނުފެންނާނެއެވެ. ފެންނާނީ އަވާގައި ޖެހި މަސްތުވުމުގެ ކުރިން ބެލިކަމެކެވެ.
އިނގިރޭސިބަހުން ބުނެ އުޅެނީ ލޯތްބަކީ ކަނުއެއްޗެއްކަށެވެ. ނަމަވެސް ޙަދީޘްފުޅުގައި އޮތް ގޮތް މާފުރިހަމައެވެ. ޙަދީޘްފުޅުގައި އޮތީ ލޯތްބަކީ ކަނު، ބީރު، މަންމަންވެސް ކުރުވާ އެއްޗެއް" ކަމަށެވެ. ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ.
--މުފްތީ މެންކްގެ ދަރުސަކުން