ޝައިޠޯނާ ބުނާ ކަންކަމަށްބަލައިގެން ނިކަމެތި އަންހެނަކަށް އެހީތެރިވެދިނުމުން އެއީ ޞަދަޤާތަކަށް ނުވާނެ! އެދެވެނީ ނަރަކައާ ގާތަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ޝައިޠޯނާ ބުނާ ކަންކަމަށްބަލައިގެން ނިކަމެތި އަންހެނަކަށް އެހީތެރިވެދިނުމުން އެއީ ޞަދަޤާތަކަށް ނުވާނެ! އެދެވެނީ ނަރަކައާ ގާތަށް!: މުފްތީ މެންކް

ﷲ ތަޢާލާއަށްޓަކައި ކަންކަން ކުރެވޭ މީހުންގެ ޢަދަދު މަދުވަމުންދާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. މިބުނަނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރާއިރުވެސް އަމިއްލަ ފައިދާއަށް ނުބަލައި ކަންކަން ކުރާ މީހުންގެ ވާހަކައެވެ.

މިއަދުގެ ޢާންމު ޙާލަތަށް ބަލައިފިނަމަ ކިތަންމެ ނިކަމެތި ޙާލުގައި ޖެހިފައިވާ އަންހެނަކު މީހެއްގެ ގާތަށް ކަމަކުދިއަ ނަމަވެސް ފުރަތަމަވެސް ބަލައިލާނީ އޭނާގެ ސިފައަށެވެ! ބުރުސޫރައަށެވެ. އޭނާގެ ކިބައިން ފެންނަ "ޚާއްޞަ ސިފަ"ތަކަށެވެ! އެކަންކަމަށް ބަލާނަމަ އެބެލެނީ ބަލަން ޝައިޠޯނާ ވަސްވާސްދޭ ކަންކަމަށެވެ!

ﷲ ތަޢާލާއަށްޓަކައި އަންހެނަކަށް ނުވަތަ އަންހެނުންނަށް ފައިސާ ނުވަތަ އެނޫންވެސް އެއްޗެއްދީ އެހީތެރިވާންވީ އެކަނބަލުންގެ ރީތިކަމަށް ބަލައިގެނެއް ނޫނެވެ. އެކަނބަލުންގެ ހާލަތަށް ބަލައި ﷲ ތަޢާލާއަށްޓަކައެވެ. ނަމަވެސް މިއަދު އަހަރެމެންނަށް ޞަދަޤާތް މިކުރެވެނީވެސް މުނާފިޤުން ފަދައިން ވެގެން ތިބެއެވެ. އެފަދަ ކަންކަން ކުރުން އަވަހަށް ހުއްޓާލައި ﷲ ތަޢާލާ އެންގެވި ގޮތުގައި ހޭދަކުރާބައަކަށްވާށެވެ!

ޞަދަޤާތް ކުރުމުގެ ސަބަބުން ހަމަ އެކަކުވެސް ބަނގުރޫޓު ނުވާނެ ކަމުގެ ގަރަންޓީ ރަސޫލް (ﷺ) ވަނީ ދެއްވަވައިފައެވެ. މާނައަކީ ޞަދަޤާތްދީގެން މީހަކު ފަޤީރު ނުވާނެ ކަމެވެ. ވާނީ މުއްސަނދިކަމެވެ. ހިތާމައަކީ މިފަދަ ހަދީޘްފުޅުތަކަށް ވިސްނާ މީހުން މަދުކަމެވެ. އަމިއްލަ އެކައުންޓު ބޮޑުކުރަން ވިސްނާ މީހުން ގިނަކަމެވެ.

ތިމާއަށް މާލީ މުޞީބާތެއް ކުރިމަތިވާން އުޅޭކަން އިޙްޞާޞް ކުރެވުނު ނަމަވެސް ޞަދަޤާތްކުރުން އިތުރުކުރާށެވެ. މުޞީބާތުގެ ވަގުތަށް ކަމަށް ބަލައި ފޮރުވަން ނުހަދާށެވެ. ފަޤީރުވެދާނެ ދުވަހަކަށް ބިރު ނުގަންނާށެވެ. ޔަޤީންކަމާއިއެކު ބުނަމެވެ. މާލީ ގޮތުން މުޞީބާތެއް ނުވަތަ ދަތިކަމެއް ކުރިމަތިވާން އުޅޭކަމުގެ އިޙްޞާޞް ވެގެން ހުރެ ޞަދަޤާތް ދިނުން އިތުރުކޮށްފި މީހަކަށް އެމީހަކު ހޭދަކުރި އަދަދު އެތައް ގުނައަކަށް އިތުރުވެގެން އަނބުރައި ލިބޭނެއެވެ. އެމީހަކަށް އެތައް ގުނައަކަށް އިތުރަށް ﷲ ތަޢާލާ ދެއްވަވާނެތެވެ.

މިއީ އަހަރެން ބުނާ ބަހެއް ނޫނެވެ. ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ދެއްވަވާފައިވާ ޔަޤީންކަމެކެވެ. އަހަރެން މިކުރާ ހަމައެކަނި ކަމަކީ އެ މައުލޫމާތު ފޯރުކޮށް ދިނުމެވެ.

އެކަނިވެފައިވާ ޔަތީމް، މިސްކީން ކުދިންނަށް އެހީތެރިވެދޭ މީހާ ސުވަރުގޭގައި ވާނީ ތިމަންކަލޭގެފާނާއި މިފަދައިން ކަމަށް ހަދީޘްފުޅު ކުރައްވަވައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވީ އަތްޕުޅުގެ ދެ އިނގިލިފުޅެވެ. މާނައަކީ ސުވަރުގޭގައި އެހައި ގާތުގައި ވާނެ ކަމެވެ. އެވަރުންވެސް ޔަޤީންކަން ނުލިބެނީ ހެއްޔެވެ؟ ﷲ ތަޢާލާއަށްޓަކައި ޔަތީމް ކުދިންނަށާއި ހުވަފަތް އަންހެނުންނަށް އެހީތެރިވުމަކީ ރޭގަނޑު ހަތަރުދަމު ރޭއަޅުކަން ކުރުމާއި ކޮންމެ ދުވަހަކު ރޯދައަށް ހުރުން ފަދަ ކަމެއް ކަމުގައިވެސް ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވެ. މިވަރުންވެސް ނުފުދެނީހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން