ކައިވެނީގެ ކަންކަމަކީ އާދައިގެ ކަންކަމެއް ނޫނެވެ. އެކަން ގުޅިފައިވަނީ މީހާގެ މުޅި ޙަޔާތާއިއެވެ. ވީމާ ނިންމުންތައް ނިންމަންޖެހޭނީ ވަރަށް ބޮޑަށް ބަލައިގެންނެވެ. ސަމާލުކަންދޭންޖެހޭ ކަންކަމަށް ސަމާލުކަންދީގެންނެވެ.
ކައިވެނިކުރަން ބޭނުންވެގެން މީހަކު އެކަން ހުށަހަޅައިފިނަމަ އެމީހަކަށް މާކްސްދޭށެވެ! އެކަންކުރަން ޖެހޭނީ ވަރަށް ބޮޑަށް ވިސްނުންތެރިކަމާއިއެކުގައެވެ. އެހެންވެ އެކަންކުރާނެ ގޮތެއްވެސް ކިޔައިދޭނަމެވެ.
އެގޮތުން ފުރަތަމަކަމަކަށް އެމީހާގެ ކިބައިގައި ދީންވެރިކަން، ތަޤްވާވެރިކަންހުރިނަމަ 1 ދޭށެވެ!
ދެން ޢާއިލާ، ދިރިއުޅެންކުރާ މަސައްކަތް، ރީތިކަން، ޢިލްމްވެރިކަން ފަދަ ކޮންމެ ކަމަކަށް 0 އެކެއްގެ ކަނާތްފަޅީގައި ޖަހަމުން ގެންދާށެވެ. އެމީހަކީ ރަނގަޅު ގިނަ ސިފަތަކެއްހުރި މީހަކުނަމަ 1 މިލިއަންވެސް ހަމަވެދާނެއެވެ.
ދީންވެރިކަމާއި ތަޤްވާވެރިކަމަށް 1 ދިނުމަށްފަހު މިގޮތަށް 0 އިތުރުކުރަންޖެހެނީ ވަރަށް މުހިންމު ސަބަބެއް އޮވެގެންނެވެ. އެއީ ދީންވެރިކަމާއި ތަޤްވާވެރިކަން ނެތްނަމަ ދެންހުރި އެއްވެސް ސިފައަކުން އެއްވެސް ފައިދާއެއް ނުކުރާނެތީއެވެ. ވީމާ މިލިއަނަކަށް ޢަދަދު އެރިނަމަވެސް އެއިން 1 ނަގަންޖެހިއްޖެނަމަ ބާކީ އެއްވެސް އެއްޗެއް ނުއިންނާނެއެވެ. ހުންނާނީ ހުސް 0 އެވެ.
މިއަދު ގިނަ ކައިވެނިތައް ރޫޅެމުންމިދަނީ މިބުނި ގޮތާއި ޚިލާފަށް މާކްސްދޭތީއެވެ! ދީންވެރިކަމާއި ތަޤްވާވެރިކަމަށް 0 ދީފައި ދެންހުންނަ ކަންކަމަށް އަދަދުތައްދޭތީއެވެ!
މިބުނެދިން ވާހަކަކޮޅުން ފައިދާއެއް ކުރާނެކަމަށް އުންމީދުކުރަމެވެ!
--މުފްތީ މެންކުގެ ދަރުސަކުން