ވަރަށް ގިނަ ފަހަރު ބައެއް ކަންކަން މެދުވެރިވުމުން އެއީ މިވެނި މީހަކުގެ ސަބަބުން މެދުވެރިވިކަމެއް ކަމަށް ޤަބޫލުކުރެއެވެ. އަދި އިތުރަށް ޔަޤީންކުރަން ސިޙުރުވެރިންގެ ގާތަށް ދިއުމުން ހަމައެމީހާގެ ވާހަކަވެސް ބުނެފާނެއެވެ. އެގޮތަށް އެދިމާވަނީ ސިޙުރުވެރިޔާ އާއި ގުޅިފައިވާ ޝައިޠޯނާއަށް އޭނާގެ ވިސްނުން އެނގޭތީ ސިޙުރުވެރިޔާގެ ގާތުގައި އޭނާގެ ވާހަކަބުނަނީއެވެ.
މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ ކަމެކެވެ! އެހެނީ އެގޮތަށް އެކަން ޤަބޫލުކުރެވިއްޖެނަމަ އެވެއްޓިގަނެވެނީ ވަރަށް ބޮޑު ފާފައެއްގެ ތެރެއަށެވެ.
ވީމާ ކުރެވޭ ޝައްކެއްގެ މައްޗަށް ނުވަތަ ސިހުރުހަދާމީހަކު އެމީހުން ބަލާގޮތަކަށް ބަލާފައި ބުނާބުނުމެއްގެ މައްޗަށް އެއްވެސް މީހެއްގެ ކިބައިގައި ސިހުރުހެދިކަމުގެ އިލްޒާމް ނުއަޅުވާށެވެ! އެއިރުން އެކުރެވެނީ ވަރަށް ބޮޑު ފާފައެކެވެ.
އެހެނީ ސިހުރުހަދާމީހާ އާއި ސިހުރު ހައްދުވާ މީހާއަކީ ކުފުރުވެގެންތިބިބައެކެވެ. ރަސޫލް ﷺ ޙަދީޘްކުރައްވަވާފައިވަނީ އެ ދެ މީހުންނަކީވެސް ތިމަން ރަސޫލް ﷺ ގެ އުންމަތުގެ ތެރެއިންވާ މީހެއް ނޫންކަމަށެވެ. ވީމާ އެދެމީހުންނަކީވެސް ކާފިރުންނެވެ.
އެހެންކަމަށްވާއިރު އެއްވެސް ކުށެއްނުކުރާ މުސްލިމެއްގެ ބޮލުގައި އެފަދަ އިލްޒާމެއް އެޅުވުމުން އެއެޅުވެނީ އެމީހަކީ ކުފުރުވެގެންހުރި މީހެއްކަމުގެ އިލްޒާމެވެ. އެއީ މީހެއްގެ ބޮލުގައި އެޅުވޭނެ އެންމެ ނުބައިކަންބޮޑު އިލްޒާމެވެ. ވީއިރު އެކުރެވޭ ފާފައިގެ ބޮޑުކަން ނިކަން ހިތަށްގެނެސްބަލާށެވެ!
ހަމައެއާއިއެކު ދަންނާށެވެ! ރަނގަޅުގޮތް ހޯދައިދިނުމާއި ތަނަވަސްކަން ހޯދައިދިނުމާއި ރައްކައުތެރިކަން ހޯދައިދިނުމަކީ އެއްވެސް މީހަކަށް ކުރެވޭނެކަންކަމެއް ނޫނެވެ. އެކަންކަން މިންވަރުކުރައްވަވައި ދެއްވެވޭނީ ހަމައެކަނި ﷲ ތަޢާލާއަށެވެ! ވީމާ އެފަދަ ކަމެއް ލިބިގަތުމުގެ ބޭނުމުގައި ސިހުރުވެރިންގެ ގާތަށް ނުދާށެވެ! ދީނުންބޭރުވެނުގަންނާށެވެ!
މިފަދަ އެއްވެސް ކަމެއް ކުރެވިފައިވާނަމަ އަވަހަށް ތައުބާވާށެވެ! ކުރެވުނު ފާފަ ފުއްސަވައިދެއްވެވުން އެދި ދުޢާކުރާށެވެ! ނަރަކައިގެ އަލިފާނަށް ބިރުވެތިވެ އަލުން އެފަދަ އެއްވެސްކަމެއް ނުކުރާށެވެ!
ރަނގަޅުގޮތާއި ރައްކައުތެރިކަމާއި ތަނަވަސްކަމާއި މިނޫންވެސް ކަންކަން ހިންމަވައިދެއްވެވޭނީ ﷲ ތަޢާލާއަށެވެ! ވީމާ ބޭނުންވާ ކަންކަމަށް އެދި ﷲ ތަޢާލާއަށް ދުޢާކުރުންމަތީގައި ސާބިތުވާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން