ދެއަންތބަށް ކައިވެނިކުރުމަކީ ރަނގަޅު ނިޔަތުގައި ރަނގަޅު ގޮތުގައި ކުރެވިއްޖެނަމަ އެއްވެސް މައްސަލައެއް ނޫނެވެ. އެއް އަންތބަސް ކައިވެނިކޮށްގެން އުޅެންޖެހޭ ގޮތަށްވުރެ އުފާވެރިކަމުގައި ދިރިއުލެވޭ ސަބަބަކަށްވެސް ވެފައި އެބަހުއްޓެވެ. އެހެނަސް ދެ އަންތބަށް ކައިވެނިކުރާ ގިނަ އަންހެނުންނަށް ލިބެނީ އުފާވެރިކަން ކަމަށް ބުނެވޭކަށް ނެތެވެ.
ދިރާސާތަކުން ދައްކާ ގޮތުން އެގޮތަށް އެކަންތައް މެދުވެރިވަނީ ދެއަނތބަށް ކައިވެނިކުރާއިރު އެންމެ ފުރަތަމަ ފުރިހަމަކުރަންޖެހޭ މަރުޙަލާ ފުރިހަމަނުކޮށް ކައިވެނިކުރާތީއެވެ. އެއީ އެމީހެއްގެ ޢާއިލާ އާއި ބައްދަލުކޮށް އޭނާގެ މަޢުލޫމާތު އޮޅުންފިލުވުމެވެ. ހަޤީޤަތަށް ބަލައިފިނަމަ މިއީ މީހަކު ދެކެ ލޯބިވުމުގެކުރިންވެސް، އަލަށް ކައިވެނިކުރިނަމަވެސް ކޮންމެހެންވެސް ފުރިހަމަކުރަންޖެހޭ އެންމެ ފުރަތަމަ ކަންތަކެވެ.
މީހުންގެ ޙަޤީޤަތް އޮޅުފިލުވަން ބޭނުންނަމަ ފުރަތަމަވެސް ސުވާލުކުރަން އޮތީ އެމީހެއްގެ ބައިވެރިޔާ، އަދި ޢާއިލާގެ މީހުންނަށެވެ. އެހެނީ ކޮންމެ މީހެއްގެ ޙަޤީޤަތްވެސް އެންމެ ރަނގަޅަށް އެނގޭނެ ބައަކީ އެއީއެވެ.
ބައެއް މީހުން ގެއިން ބޭރުގައި އުޅޭއިރު ފެންނަގޮތާ ގެއަށް ވަނުމުންފެންނަގޮތާ ވަރަށް ބޮޑަށް ތަފާތުވެގެންދެއެވެ. އެއީ މުޅިން ތަފާތު ދެމީހެއްކަމުގައި ޤަބޫލުކުރަންޖެހޭ ވަޤުތުތައްވެސް މަދެއް ނުވާނެއެވެ.
ބޭރުތެރޭގައި އުޅޭއިރު މީހަކު އައިސް އެއްޗެތި ގޮވިނަމަވެސް ތިމާއަކީ މާތްމީހެއްކަން ދައްކަންވެގެން ރައްދުނުދީ އިނދެ ހިނިތުންވާ މީހާ ގެއަށް އައިސް ވަންނަތަނާ ދިމާވާ ކުޑަކަމަކުން ބުރުއްސާލާވަރުން ގޭގެ ފުރާޅު އެއްލައިލާވަރު އެބަ ކޮށްލައެވެ. މިކަންކަން މަގުމަތިން ނުވަތަ ކޮފީއިން އޭނާ އާއި ބައްދަލުވާ މީހަކަށް އެނގޭނީ ކިހިނަކުންހެއްޔެވެ؟
ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ މީސްތަކުންނަށް ކަމަކަށް ހަދީޘްފުޅު ކުރައްވަވައިފިނަމަ އެއިގައި ހިފަހައްޓަންޖެހޭ ސަބަބު މިކަންކަމުންވެސް މިފެންނަނީއެވެ. މީގެ 1400 އަހަރުކުރިން މީސްތަކުން ދުނިޔޭގައި އުޅުނީ މިއަދު މިހުރި ފަދަ މައްސަލަތަކާއެކުގައެއް ނޫނެވެ. އެހެންކަމާއިއެކުވެސް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވަނީ މީހެއްގެ ހަޤީޤަތް އެންމެ ރަނގަޅަށް އެނގޭނީ އެމީހާގެ އެންމެ ގާތް މީހުންނަށް ކަމަށާއި އެމީހުންގެ ޙަޤީޤަތް އޮޅުންފިލުވަން އެމީހުންގެ ގާތް އެކުވެރިންގެ ކިބައިން ކަންކަން އަހައި އޮޅުންފިލުވުމަށެވެ.
އެމީހެއްގެ އެންމެ ގާތް އެކުވެރިންނަށް މުއެނގޭ ވަރަށް ގިނަ ކަންތައްތަކެއް ޢާއިލާގެ މީހުންނަށް އެނގޭނެއެވެ. ވީމާ ދެއަންތބަށް ކައިވެނިކުރުން ފަދަ ކަމެއް ކުރާނަމަ އެމީހެއްގެ ޙަޤީޤަތް އެމީހެއްގެ ޢާއިލާގެ ކިބައިން އޮޅުންފިލުވަންވާނެއެވެ. ޚާއްޞަކޮށް އޭނާގެ އަނބިމީހާގެ ކިބައިން އޮޅުން ފިލުވަންވާނެއެވެ. އެކަމުގައި ސުވާލުކޮށްފިނަމަ ތެދުބަހުން ބަޔާންކުރުމަކީ ފިރިމީހާގެ ސިއްރުތައް ހާމަކުރުން ކަމުގައެއްވެސް ނުވާނެއެވެ. އެޙާލަތުގައި ތެދުބަހުން ޖަވާބުދިނުމަކީ އަނބިމީހާގެ މައްޗަށް އޮތް ވަރަށް ބޮޑު ވާޖިބެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން