ކޮންމެ މީހަކީވެސް ކިތަންމެ ނިކަމެތިހާލަތެއްގައިވެސް އުޅެންޖެހިދާނެ މީހެކެވެ! އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ކުރާ ދުޢާ ޢިޖާބަކުރައްވަވާނެ އެންމެ ޔަޤީންކަންބޮޑު މަގު- އިމާމް ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ކޮންމެ މީހަކީވެސް ކިތަންމެ ނިކަމެތިހާލަތެއްގައިވެސް އުޅެންޖެހިދާނެ މީހެކެވެ! އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ކުރާ ދުޢާ ޢިޖާބަކުރައްވަވާނެ އެންމެ ޔަޤީންކަންބޮޑު މަގު- އިމާމް ޢުމަރު ސުލައިމާން

ދުޢާ ޢިޖާބަ ކުރައްވަވާނެ ގޮތާއިބެހޭގޮތުން ގިނަ ބައަކު ސުވާލުކުރެއެވެ. އެގޮތްތައް ދީނުގައި އޮތްމަގުން މިގެންދަނީ ކިވައިދެމުންނެވެ. މިކިޔައިދޭ ވާހަކަތަކަށްވެސް ވިސްނައި ސަމާލުކަންދޭށެވެ. އިޚްލާޞްތެރި އަޅަކު އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ. އިން ޝާ ﷲ 

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ތިމާ އެންމެ ދެރަވެ ނިކަމެތި ޙާލުގައި އުޅެންޖެހޭ ދުވަހު ތިމާ އާއި އެހީތެރިވާނީ ޕެންޝަން ފަންޑުގައި ހުންނަ ނުވަތަ ތިމާގެ އެކައުންޓަށް ޖަމާކުރެވިފައި ހުންނަ ފައިސާ ކަމަށެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. 

ތިމާ އެންމެ ޙާލުގައި ޖެހޭ ވަގުތު ތިމާއާއި އެންމެ ބޮޑަށް އެހީތެރިވެދޭނީ ﷲ ތަޢާލާއަށްޓަކައި ތިމާއަށް ކުރެވިފައިވާ ހެޔޮ ޢަމަލުތަކެވެ. އެހެނީ ތިމާއަށް ބޮޑުކަމެއް ކުރިމަތިވާހިނދު ﷲ ތަޢާލާއަށްޓަކައި ތިމާއަށްކުރެވިފައިވާ ޢަމަލެއް ބަޔާންކޮށް ދުޢާކުރުމުން އެދުޢާ ޢިޖާބަކުރައްވަވާނެކަމަށް ޙަދީޘްފުޅުގައި އައިސްފައި އެބައޮތެވެ! 

އަދި ފަރުބަދައެއްގެ ހޮހޮޅައަކަށްވަންތަނާ ފުރޮޅެމުން އައި ބޮޑު ހިލައެއް ދޮރުގައި ތާށިވެ ނުކުމެވޭނެ އެއްވެސް މަގެއް ނުފެނުމުން 3 މީހަކު އެމީހުން ﷲ ތަޢާލާއަށްޓަކައި ކޮށްފައިވާ ހެޔޮ ޢަމަލު ބަޔާންކޮށް ދުޢާކުރުމުން އެ ބޮޑު ހިލަ އެއްފަރާތަކަށް ޖެހި 3 މީހުންނަށް ނުކުމެވޭނެ މަގު ފަހިވިކަން ވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

އެތަނުން އެކަކީ ރޭގަނޑު ބަކަރީގެ ކިރުފެލުމަށްފަހު މައިންނަށް ބޯންދީފައި ނޫނީ އޭނާވެސް ބޭނުންނުކުރާ އަދި އަނބިދަރިން ހައިހޫނުކަމުގައި ތިބިއިރުގައި އެމީހުންނަށްވެސް ބޯންނުދީ މައިންބަފައިން ހޭލަންދެން އިންތިޒާރުކުރި މީހެކެވެ. އެކަން އޭނާކޮށްފައިވަނީ ހަމައެކަނި ﷲ ތަޢާލާއަށްޓަކައެވެ. 

ދެވަނަ މީހަކީ އޭނާ ނުހަނު ޝައުޤުވެރިވާ އަންހެނަކަށް ފައިސާދީފައި ޒިނޭކުރަން އުޅުނުވަގުތު އެކުރެވެނީ ފާފައެއްކަން ހަނދާންކޮށްދިނުމުން ﷲ ތަޢާލާއަށް ބިރުވެތިވެ ޒިނޭކުރުމުން ދުރުހެލިވި މީހެކެވެ. 

ތިންވަނަ މީހަކީ އޭނާ ގެންގުޅުނު ދަނޑުވެރިއަކު ގެއްލުމުން އެމީހާއަށް ނުދެވިހުރި އުޖޫރައިގެ ފައިސާއިން ދަނޑުގޮވާންކުރުމުން ވަރަށް ބޮޑު މުއްސަނދިކަމެއް ލިބުނު މީހެކެވެ. އެއިގެ އެތައް އަހަރެއްފަހުން އުޖޫރަހޯދަން އައުމުން އުޖޫރަދީފައި ފޮނުވައިލެވެން އޮވެމެ އޭނާ ވަނީ އެމީހާގެ އުޖޫރައިން ޚަރަދުކޮށްގެން ލިބިފައިވާ ބޮޑު ތަނަވަސްކަން އެއީ އޭނާގެ ޙައްޤަކަށްވާތީ ﷲ ތަޢާލާއަށްޓަކައި އެކުގައި އޭނާއަށް ދީފައެވެ. 

މި 3 ޙާލަތަށް ބެލިނަމަވެސް އެމީހުން ﷲ ތަޢާލާއަށް ބިރުވެތިނުވާނަމަ އެމީހުންނަށް ފައިދާކުރާނެ ގޮތަށް ޢަމަލުކުރުމުގެ ފުރުޞަތުވެސް ވަރަށް ބޮޑަށް އެބައޮތެވެ. ނަމަވެސް އެމީހުން އެގޮތަށް ނުކުރީ ﷲ ތަޢާލާއަށް ބިރުވެތިވާތީއެވެ! އެމީހުންގެ ކިބައިގައިވާ އިޚްލާޞްތެރިކަން ބޮޑުކަމުންނެވެ. 

ވަރަށް މަޝްހޫރު، ބޮޑު ދީނީ ޢިލްމުވެރިއަކަށް ފުރަމޭގެ ވަރަށް ބޮޑު އާލާސްކަންފުޅެއްގައި  ދުނިޔެ ދޫކުރައްވަންޖެހިވަޑައިގަންނަވާ ފަދަ ޙާލަތުގައި މިޙަދީޘްފުޅު ހުވަފެނުން ފެނިވަޑައިގެންނެވިއެވެ. އަދި އޭނާއަށް ކުރެއްވިފައިވާ އެފަދަ ޢަމަލު ބަޔާންކުރައްވަވައި ދުޢާކުރެއްވެވުމުން އެބޮޑުބަލިން ޝިފާ ދެއްވެވިއެވެ. 

ވީމާ ކުރާ ކޮންމެ އަމަލަކީ ﷲ ތަޢާލާއަށްޓަކައި ކުރާ ޢަމަލަކަށް ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ! ކުރާ ކޮންމެ އަމަލެއްވެސް އިޚްލާޞްތެރިކަމާއިއެކުކުރާށެވެ! އެންމެ ފައިދާކުރާނެ ޖަމާޢަކީ އެއީއެވެ. އެއިރުން ތިމާއަށް ބޮޑު ނިކަމެތިކަމެއް ކުރިމަތިވާ ޙާލުގައި އެ ޢަމަލުގެ ވާހަކައިން ދަންނަވައި ދުޢާކުރުމުން ޢިޖާބަކުރައްވަވާނެތެވެ! އިން ޝާ ﷲ 

- މާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން