ﷲ ތަޢާލާގެ ކުރިފުޅުމަތީގަ، އުޑުގަ ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވުމުގެ ފުރުޞަތު އިބިލީހަށް ދެއްވެވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ﷲ ތަޢާލާގެ ކުރިފުޅުމަތީގަ، އުޑުގަ ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވުމުގެ ފުރުޞަތު އިބިލީހަށް ދެއްވެވީ ކީއްވެ؟

ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. މީސްތަކުން ފާފަކުރަން ދޫކޮށްލައްވަވަނީ ކީއްވެގެން ހެއްޔެވެ؟ މިސުވާލު ފުޅައުކުރަމުން ގޮސް ﷲ ތަޢާލާގެ ކުރިފުޅުމަތީގައި، އުޑުގައި ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވުމުގެ ފުރުޞަތު އިބިލީހަށް ދެއްވެވީ ކީއްވެގެން ކަމާއިމެދުވެސް ސުވާލުކުރެއެވެ. 

އެހެންވެ މިކަމުގައި އަހުރެންނަށް ވިސްނޭ ގޮތް ބުނެފާނަމެވެ. އުޑުގައި ލައްވަވާފައި ހުރިނަމަވެސް އިބިލީހަކީ މަލާއިކަތެއް ނޫނެވެ. ޖިންނިއެކެވެ. އިންސާނުންނަށާއި ޖިންނީންނަށް ﷲ ތަޢާލާ ވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެއިގެތެރޭގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމާއި ނުވުމުގެ އިޚްތިޔާރު ހިމެނެއެވެ. ވީމާ އެވަޤުތުވެސް އިބިލީހަށް ﷲ ތަޢާލާ ދެއްވަވާފައި އޮތް އިޚްތިޔާރުގެ ބޭނުން ހިފަން އޭނާ ބޭނުންވާ ގޮތަކަށް ދޫކޮށްލެއްވެވީއެވެ. 

ހުރިހާ މަލާއިކަތުން އާދަމްގެފާނަށް ސަޖިދަ ކުރެއްވެވީ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމްނަތެރި ވެވަޑައިގަތުމަށެވެ. މަލާއިކަތުންނަށް ކުރައްވަވާ އެއްވެސް އަމުރުފުޅަކަށް އެބޭކަލުން ފަސްޖެހިވަޑައެއް ނުގަންނަޥާނެއެވެ. ވަޤުތުން އެކަމެއް ކުރައްވަވާނެއެވެ. 

އުޑުތަކުގައި އޮތީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމާއި އެކަލާނގެ މަތިވެރިކުރުމެވެ. ﷲ ތަޢާލާއަށް އުރެދި ނުކިޔަމަންތެރިވުމެއްވެސް ނެތެވެ. އުޑުތަކުގައި އަބަދުވެސް ﷲ ތަޢާލާ އަށް ސަޖިދަކުރައްވަވައިގެން ތިއްބަވާ މަލާއިކަތުންގެ ޢަދަދު ގިނަކަމާއި އުޑުތަކުން އަބަދު އިވޭނީ ޛިކުރުތަކާއި ތަސްބީޙްކަން ޙަދީޘްފުޅުތަކުން އެނގެއެވެ. 

މިފަދަ ކަންކަމަށް ވިސްނައިލުމުން އެނގެނީ މީސްތަކުން ފާފަކުރަން ﷲ ތަޢާލާ ދޫކޮށްލައްވަވާފައި މިވަނީ އެއީ މީސްތަކުންނަށް ދެއްވަވާފައިވާ އިޚްތިޔާރަކަށްވާތީކަމެވެ. އެއްވެސް ޙާލެއްގައި އެއީ އެއްވެސް މީހަކު ފާފަކުރަން ﷲ ތަޢާލާ ރުހިވޮޑިގަންނަވާތީ ނޫންކަމެވެ. ވީމާ އެމީހަކު ކުރި ފާފައެއްގެ ޒިންމާ އުފުލަންޖެހޭނީ އެމީހަކަށެވެ. އަދި ޤިޔާމަތް ދުވަހު ޒިންމާދާރުވާންޖެހޭނެކަން އެއީ ޤުރްއާނުން ޘާބިތުވާ ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން