ޤުރްއާން އަންދާލުމާއި އަދި އިސްލާމް ދީނާއި ދެކޮޅަށް ދުނިޔޭގައި ކުރިއަށް ގެންދާ ކެންޕޭނުތަކާއި ދެކޮޅުހަދަން މުސްލިމުން ކުރަން އޮތް އެންމެ ރަނގަޅު ކަމަކީ ކޮންމެ މުސްލިމަކުވެސް ކާފިރަކު އިސްލާމް ކުރެވޭތޯ މަސައްކަތްކުރުމެވެ.
ކޮންމެ މުސްލިމަކުވެސް އޭނާގެ އެކުވެރިންގެ ތެރޭގައި ތިބި ކާފިރުންނަށް އިސްލާމްދީނަށް ދަޢުވަތުދީ، އޭނާ އިސްލާމް ދީން ޤަބޫލުކުރޭތޯ މަސައްކަތްކޮށްފިނަމަ އެކަމުން ރަނގަޅު ނަތީޖާއެއް ނެރެވިދާނެއެވެ. އެއިން މީހަކު އިސްލާމްވެއްޖެނަމަ އެއީ އެމީހަކަށް ވަރަށް ގިނަގުނަ ޘަވާބު ދެއްވަވާނެ ކަމެކެވެ. އަދި އިސްލާމް ނުވި ނަމަވެސް ދަޢުވަތު ދިންކަމަށްޓަކައި ވެސް ޘަވާބު ދެއްވަވާނެތެވެ.
ކާފިރުން ރުޅިގަދަވަނީ ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުން އަންނަ ދީނަކީ އިސްލާމްދީން ކަމުގައިވާތީއެވެ. ﷲ ތަޢާލާ އިރާދަކުރައްވަވާ ގޮތެއްގެ މަތިން އިސްލާމްދީން ދާނީ ކުރިއަރަމުންނެވެ. އެއީ ހަމައެކަކަށްވެސް ހުއްޓުވޭނެ ކަމެއް ނޫނެވެ. އެކަމުގެ ދަލީލަކީ އިސްލާމްދީން ދެކެ އެންމެ ރުޅިއަންނަ، އިސްލާމް ދީނާއި އެންމެ ޢަދާވާތްތެރި ވެރިން ތިބި ޤައުމުތަކަކީ އެންމެ ބާރަށް އިސްލާމް ދީން ފެތުރި ކުރިއަރަމުން އަންނަ ޤައުމުތައްކަމުގައިވާކަމެވެ.
ބައްދަލުވާ ކާފިރުންނަށް ހެޔޮކޮށް ހިތާށެވެ! ރިވެތި އަޚްލާޤް ދައްކާށެވެ! އިސްލާމް ދީނަށް ނަޞްރުދޭން ކުރެވޭނެ އެންމެ ވަރުގަދަ ކެންޕޭނަކީ އެއީ ކަމަށް ޢިލްމްވެރިން ބަޔާން ކުރައްވައެވެ.