މިދައްކަނީ ހަމަ މުސްލިމުންގެ ވާހަކައެވެ. ނުހަނު ތަޤްވާވެރި އުޅުމެއް އުޅެން މަސައްކަތްކުރަނިކޮށް ވެސް ކީރިތި ޤުރްއާނާއި ދުރުހެލިވެވެން ފަށައިފާނެއެވެ. ޚާއްޞަކޮށް މާނަ އުނގެނެން ފޫހިވާން ފަށައިފާނެއެވެ. ސުންނަތަށް ޢަމަލުކުރުމަށާއި ޙަދީޘް އުނގެނެން ފޫހިވާން ފަށައިފާނެއެވެ. ދީނީ ދަރުސްތައް އަޑުއަހަންވެސް ފޫހިވާން ފަށައިފާނެއެވެ.
އަދި ބައެއް މީހުންނަކީ ފެށުނީންސުރެ މިކަންކަމަށް ފޫހިވާ ބައެކެވެ. މިޙާލަތު މެދުވެރިވެއްޖެނަމަ ޔަޤީންކުރަންވީ ތިމާގެ މައްޗަށް ޝައިޠޯނާ ވެރިވެގެންފައިވާކަމެވެ. ތިމާގެ ހިތުމައްޗަށް ޝައިޠޯނާ ބާރުގަދަކުރަމުން އަންނަ ކަމެވެ.
މިޙާލަތުގައި ފުރަތަމަ ކޮޅުގައި ފަރުޟު ނަމާދުކުރިނަމަވެސް ސުންނަތް ނަމާދުތައް ނުކުރެވެން ފަށައިފާނެއެވެ. އެއީ ކުރުން މުހިންމު ކަމެއް ނޫންކަމަށް ވިސްނެން ފަށައިފާނެއެވެ. މަޑުމަޑުން ގޮސް ފަރުޟު ނަމާދުތަކަށް ފަރުވާކުޑަކުރެވެން ފަށައިފާނެއެވެ. އެއިރު ޝައިޠޯނާ އެވަނީ ތިބާގެ ހިތުގެ މައްޗަށް ފުރިހަމައަށް ބާރުފޯރުވައިފައެވެ.
މީސްތަކުންނޭވެ މިބަޔާންކުރި އެއްވެސް ކަމަކަށް ތިމާ ފޫހިވާން ފަށައިފިނަމަ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ލިބިގަތުމަށް އަވަހަށް މަސައްކަތްފަށާށެވެ. ހުރިހާ ކަމެއް ވެނިމެންދެން މަޑުނުކުރާށެވެ! މާނައަކީ މަޑުމަޑުން ގޮސް ތިބާގެ މައްޗަށް ފުރިހަމައަށް ބާރުހިންގެންދެން މަޑުކޮށްގެން ނުހުންނާށެވެ. އަރައިގަތުމަށް އުނދަގޫވާނެއެވެ.
މީސްތަކުން މަގުފުރެއްދުމުގައި ޝައިޠޯނާއަށް ވަނީ ވަރަށް ގިނަ ތަޖުރިބާ ތަޖުރިބާތައް ލިބިފައެވެ. އެއީ އޭތި ބިމަށް ވައްޓަވައިލެއްވެވީންސުރެ ދެވަނަ މަސައްކަތެއް ނުކުރެއެވެ. އޭތީގެ ހުރިހާ ސަމާލުކަމެއް ވަނީ މީސްތަކުން މަގުފުރެއްދުމަށެވެ. ވީމާ މިއަދާއި ހަމައަށް ލިބިފައި ހުންނާނެ ތަޖުރިބާތަކަށް ވިސްނައިލާށެވެ!
ޝައިޠޯނާ އާއިމެދު ފަރުވާ ކުޑަކޮށްލެވިއްޖެނަމަ އެމީހަކަށް ދެދުނިޔެވެސް ގެއްލުނީއެވެ. މާނައަކީ ދުނިޔެއާއި އާޚިރަތްވެސް ގެއްލިގެންދިއައީއެވެ. ކިރިޔާވެސް ސަލާމަތްކަމެއް ހޯދޭނީ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެ ހުންނަން މަސައްކަތްކުރެވިއްޖެނަމައެވެ. ވީމާ އެކަމަށްވުރެ ވަކިން ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެހެންކަމެއް ނެތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން