ލޯބިވެގެންވެސް އަދި ކައިވެނިކޮށްގެންވެސް އެކުގައި ކުރަން ފަށާދަތުރު އެހާ ފަސޭހައިން ނާކާމިޔާބުވާ ސަބަބާއިމެދު ގިނަ ބައަކު ކަންބޮޑުވެއެވެ. އެހެންވެ އެންމެ ބޮޑު މައްސަލައިގެ ގޮތުގައި އަހުރެންނަށް ވިސްނޭ އެއް ސަބަބު ބުނެލާނަމެވެ.
އެއީ ތިމާ ބޭނުންވާ ކަންތައްތަކާއި ބޭނުންވާ ގޮތް އަނެކާ ގާތުގައި ތެދުބަހުން ބުނަން ފަސްޖެހުމެވެ. ގިނަ ފަހަރަށް ތެދުބަހުން ބުނަން ފަސްޖެހެވެނީ ތެދުބަހުން ބުނެފިނަމަ އަނެކާ އެކަންކަމަށް ނުރުހިދާނެތީއެވެ. އޭނާގެ ލޯބި ނުލިބިދާނެތީއެވެ. ކައިވެނިނުކޮށްފާނެތީއެވެ.
އެގޮތަށް ކަންތައްކޮށްގެން ދެމީހުން ގުޅުމުން ދެންވާގޮތަކީ ތިމާ ބޭނުންވާ ކަންކަން ސިއްރެއް ނުކުރެވެއެވެ. އެކަންކަމަށް ބޭނުންވާން ފަށައެވެ. ނަތީޖާއެއްގެ ގޮތުން ތިމާގެ ޙަޤީޤަތް އަނެކާއަށް އެނގިގެންދެއެވެ. ދެންވާގޮތަކީ އެކަންކަމަށް އަނެކާ ނުރުހެނީއެވެ. އެހިސާބުން މައްސަލަތައް ޖެހެންފަށައި ދެމީހުންގެ ގުޅުން ކެނޑޭ ހިސާބަށް ކަންތައްތައް ދަނީއެވެ.
ވީމާ ޙައްލަކަށް އޮންނާނީ ދެމީހުންގެ ފުރަތަމަ ބައްދަލުވުމުގައި އެކަކު އަނެކެއްގެ ކިބައިން ތިމާ ބޭނުންވާ ކަންކަން ތެދުބަހުން ބުނުމެވެ. އަދި ތިމާގެ ހުރި ސިފަތައްވެސް ކިޔައިދިނުމެވެ. އެއިރުން އެކަންކަން އަނެކާއަށް ރަނގަޅަށް އެނގޭނެއެވެ. ގުޅެން އެއްބަސްވާނީ އެކަންކަމަށް ރުހޭނަމައެވެ. ނުރުހޭނަމަ ގުޅެން ބޭނުމެއް ނުވާނެއެވެ.
ވީމާ ޚުލާޞާކޮށްލައި ބުނާނަމަ އެހާފަސޭހައިން އެހާއަވަހަށް ދެމީހުންގެ މެދުގައި މައްސަލަތައް ޖެހެނީ ތެދުބަހުން މުޢާމަލާތު ނުކުރެވޭތީއެވެ. ފުރަތަމަ މަރުޙަލާގައިވެސް ތެދުބަހުން ކިޔައިދީފިނަމަ ފަހަރެއްގައި އަނެކާގެ ލޯބިވުން ނުލިބިދާނެއެވެ. ނަމަވެސް ގުޅުން ދެމިއޮންނާނެއެވެ. ފަހުން މައްސަލަ ޖެހުނީމާ ދެމީހުންގެ ގުޅުން މުޅި ޢުމުރަށް ކެނޑިގެންދާނެއެވެ. އެއިރުން ލިބޭ ދެރަ މާބޮޑު ނޫންހެއްޔެވެ؟
- އަލަފް