ފުރަތަމަވެސް ޔަޤީންކުރާށެވެ! ﷲ ތަޢާލާ ތިބާއަށް ނުދެއްވަވާ އެއްވެސް ނިޢުމަތަކާއި ގުޅިގެން ތިބާއާއި ސުވާލެއް ނުކުރައްވަވާނެއެވެ. ސުވާލުކުރައްވަވާނީ ތިބާއަށް ދެއްވެވި ނިޢްމަތްތަކުގެ ބޭނުން ހިފިގޮތާއިބެހޭ ގޮތުންނެވެ. ތިބާގެ އަމިއްލަ އިޚްތިޔާރުގައި ކުރި ކަންކަމަށް ސުވާލުކުރައްވަވަނީ އިޚްތިޔާރުތައް ދެއްވެވުމަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތަކަށްވާތީއެވެ.
ދުނިޔެ ފެށުނީންސުރެ ޤިޔާމަތްވުމުގެ ތާޅަފިލި ފުންމަވައިލައްވަވަންދެން ﷲ ތަޢާލާގެ ރަޙްމަތްފުޅާއި ޚަޒާނާގެ ދޮރުކޮޅުތައް ވަނީ ހުޅުއްވަވައިލައްވަވައިފައެވެ. އޮތީ އަހަރެމެންނަށް ނަގަން ކެރުނު ވަރެކެވެ. ނަގައި ފޮށިފޮށްޓަށް އަޅައި ޢާޚިރަތް ދުވަހަށްޓަކައި ގެންދަން ކެރުނު ވަރެކެވެ. ރެއާއި ދުވާލު އެކުގައި ޚަޒާނާއަށް އަތް ބާނައި ނުވަތަ ދަތްގަނޑުތަކުން ނަގަމުން ދިއަ ނަމަވެސް ހަމަ ޒައްރެއްގެ މިންވަރުވެސް ﷲ ތަޢާލާގެ ޚަޒާނާއިން މަދެއް ނުވާނެއެވެ.
ދިރިހުރި ކޮންމެ ދުވަހަކީ ފުރުޞަތު ހުޅުވާލެވިފައިވާ ދުވަހެކެވެ. މަރުވުމާއިއެކު ފުރުޞަތު ބަންދުވީއެވެ. ވީމާ ވިސްނާށެވެ! މިއުޅެނީ ދަތުރަކު ދާށެވެ! އެ ޤައުމަކު ކޭޝްކާޑު ބޭނުމެއް ނުކުރެވެއެވެ. ބޭނުން ކުރެވެނީ އަތުން ގެންދިއަ މިންވަރެކެވެ. ވީއިރު އެކައުންޓުގައި ކިތަންމެ ގިނައިން ހުރި ނަމަވެސް ނުގެންދާނަމަ އެ ޤައުމުގައި ހިފޭނީ ކޮން ބޭނުމެއް ހެއްޔެވެ؟ ބޭނުން ހިފޭނީ ގެންދިއަ ވަރެއް ނޫން ހެއްޔެވެ؟ ހަމަ އެފަދައިން ﷲ ތަޢާލާ ވަނީ ޚަޒާނާ ހުޅުއްވަވައިލަ ދެއްވަވައިފައެވެ. ނެގުނު ވަރަކަށް ނަގާށެވެ! ނަގައިގެން ނުގެންދާނަމަ އާޚިރަތުގައި އެމީހަކަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ!
ނަމާދުކުރަން ބުނީމާ ތިއަ ބޮޑާ ހާކަނީ ތިބާ އެންމެ ނަމާދެއް ނުކުރިނަމަވެސް ﷲ އަށް ޛައްރެއްގެ މިންވަރުވެސް މަދުވާނެ ކަމަށް ހީކޮށް ހެއްޔެވެ؟ ވައްކަން ނުކުރާށޭ ބުނީމާ ތިއަ ވައްކަން ކުރަނީ އެކަމުގެ ސަބަބުން ﷲ ތައާލާގެ ޚަޒާނާއިން މަދުވެދާނެތީ ބުނާ ބުނުމެއް ކަމަށް ބަލައިގެން ހެއްޔެވެ؟ ތިބާ އެންމެ ނަމާދެއް ނުކުރި ނަމަވެސް ﷲ ތަޢާލާއަށް ޒައްރެއްގެ މިނަވރުގެ ވިއަސް އުނިކަމެއް ނުއަންނާނެއެވެ. އަދި ތިބާ ކިތަންމެ ގިނައިން ވައްކަން ކުރި ނަމަވެސް ﷲ ތައާލާގެ ޚަޒާނާއިން އެއްވެސް މިނަވަރެއް މަދެއް ނުވާނެއެވެ. އަދި މިކަމުގައި އީމާންވުންވެސް ހިމެނެއެވެ. އެންމެ މީހަކު ﷲ ތަޢާލާއަށް އީމާން ނުވުމާއި އެންމެން އީމާންވުމުގައި ވެސް އޮތީ ހަމަ މިގޮތެވެ.
ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅަށް ނިކަން ވިސްނައިބަލާށެވެ. "ދުނިޔެ ފެށުނީންސުރެ ދުނިޔެ ނިމެންދެން ދުނިޔެއަށް އުފަންވި އެންމެން ތިމަން ﷲ އަށް އަޅުކަންކުރި ނަމަވެސް އެކަމުން ތިމަން ﷲ އަށް ޒައްރެއްގެ މިންވަރުގެ ފައިދާއެއް ވެސް ނުކުރާނެއެވެ. އަދި ދުނިޔެ ފެށުނީން ސުރެ ދުނިޔެ ނިމެންދެން ދުނިޔެއަށް އުފަންވި އެންމެން ތިމަން ﷲ އަށް އުރެދުނު ނަމަވެސް ތިމަން ﷲ އަށް ލިބިވޮޑިގަންނަވާނެ ޒައްރެއްގެ މިންވަރުގެ ވިއަސް އުނިކަމެއްވެސް ނެތެވެ."
މިދައްކަނީ އެކެއް ދެމީހެއްގެ ވާހަކައެއް ނޫނެވެ. ދުނިޔެ އުފައްދަވައި ޢާދަމްގެފާނު ދުނިޔެއަށް ފޮނުއްވެވީންސުރެ ދުނިޔެ ނިމި ޤިޔާމަތްވުމާއި ހަމައަށް ދުނިޔޭގައި އުޅޭނެ އެންމެންގެ ވާހަކައެވެ.
ހަމައެފަދައިން ދުނިޔޭގައި ތިބި ހުރިހާ މަޙްޖަނުން އެމީހުންގެ މުޅި ކިލްކިއްޔާތު އެކުގައި ﷲ ތަޢާލާގެ މަގުގައި ޞަދަޤާތް ކުރި ނަމަވެސް އެކަމުން ﷲ ތަޢާލާއަށް އެއްވެސް ފައިދާއެއް ކުރުމެއް ނެތެވެ. އަދި އެންމެ ލާރިއެއް ޞަދަޤާތް ނުކުރި ނަމަވެސް ލިބިވޮޑިގަންނަވާނެ އެއްވެސް އުނިކަމެއް ވެސް ނެތެވެ. ނިކަން ވިސްނައިބަލާށެވެ. އަހަރެމެން ކިތަންމެ ވަރަކަށް ގަދައަޅައި މަސައްކަތް ކުރި ނަމަވެސް ލިބޭނީ ﷲ ތަޢާލާ ދެއްވެވި މިންވަރެކެވެ.
މީހުންނަށް ދޫކުރާ ލޯނު ނުދެއްކީމާ ބޭންކަށް ގެއްލުންވެ ބޭންކުތައް ބަނގުރޫޓުވެސް ވެފައި އެބަހުއްޓެވެ. ނަމަވެސް ﷲ ތަޢާލާއަކީ އެންމެހައި މުއްސަނދިކަމެއް ލިބިވޮޑިގެންވާ، އަދި އެނމެހައި ކަންކަމުން ފުދިވޮޑިގެންވާ، އަދި އެއްވެސް ފަރާތަކުން އެއްވެސް ކަމަކަށް ބޭނުންފުޅުވެ ވޮޑިގެންނުވާ ރަސްކަލާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން