ގިނަ މައިންބަފައިންނަށް ދަރިންނަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާއަކީ ކިތަންމެ އަގުބޮޑަސް ދަރިން ބޭނުންވާހާ ތަކެތި ހޯދައިދިނުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ގިނަ މައިންބަފައިންނަށް ދަރިންނަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާއަކީ ކިތަންމެ އަގުބޮޑަސް ދަރިން ބޭނުންވާހާ ތަކެތި ހޯދައިދިނުމެވެ!

އަޅުގަނޑުގެ ދަރިފުޅުގެ ޢުމުރަކީ 10 އަހަރެވެ. އަޅުގަނޑު އެދަރިފުޅަށް ކަންކަން ކޮށްދެނީ އަޅުގަނޑަސް ލިބޭ މިންވަރުންނެވެ. މައްސަލައަކީ އެހައިކުޑައިރުވެސް އެހެން މީހުންގެ ކުދިންނާއި އެއްފެންވަރުން ކަންކަންކޮށްނުދެވޭތީ ޝަކުވާކުރާ ކަމެކެވެ.

އެހެންވީމާ ދެން ކަންތައް ކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނެލަން އޮތީ މިހާރު ތިއަ ަކްނތައް ކުރެވެނީ ހަމަ އެންމެ ރަނގަޅަށް ކަމަށެވެ. ދެން އޮތީ ދަރިފުޅަށް ވިސްނައިދީ ހޭލުންތެރިކުރުވަން މަސައްކަތްކުރުމެވެ.

ތިރީގައި އެވަނީ ތިއަފަދަ ަމއްސަލަތަކާއި ގުޅުންހުރި މައުލޫމާތު ހިމެނޭ ލިޔުމެކެވެ.

"އަޅުގަނޑަކީ އައިނު ހަދާ ފިހާރައެއްގަ މަސައްކަތްކުރާ މީހެއް. ތަނަވަސްކަން ހުންނަ ބެލެނިވެރިން ވެސް ފިހާރައަށް ވަންނަގޮތަށް ބުނާނީ ދަރިފުޅު ބޭނުން ފްރޭމެއް ނަގަން. ދެން އެކުދިން އެބަ ނަގާ ވަރަށް އަގުބޮޑު އެކަމަކު ވަރަށް ބަލިކަށި ފްރޭމްވެސް.. އެކަމަކުވެސް މައިންބަފައިން އަޅައިވެސް ނުލާނެ. ދަރިފުޅު ދެއްކި ފްރޭމް ގަންނަން ބޭނުންވާނީ!"

"ދެން މިއަންނަނީ ފަޤީރުން. ހަމަ އެފަދަ ގޮތަކަށް ކަންކަން ކުރަނީ. އާސަންދައިން ފްރޭމާ ބިއްލޫރި ހަމަވާން އޮތްނަމަވެސް ނުވަތަ އަތުން ކުޑަކުޑަ މިންވަރެއް އިތުރަށް ލައިގެން ރަނގަޅު ފެންވަރުގެ އައިނެއް ހެދެން އޮތް ނަމަވެސް ހަމަ ދަރިފުޅު ބުނާ އައިނު ހައްދަން ބޭނުންވާނީ."

މިއީ ހަމަ ޜާއްޖޭގައި ކަންކަން ހިނގަމުނަދާގޮތް ކަމުގައިވާތީ މިބަޔާންކޮށްލަނީ މިފަދަ ކަންކަމުގައި އިމާމް މުފްތީ ވިދާޅުވެފައިވުމުން ކިޔުންތެރިންނަށް ގެނެސްދެވިފައިވާ ބަސްކޮޅެކެވެ. ހަނދުމަފުޅު އައުކޮށްލައިދިިނުމުގެ ގޮތުންނެވެ!

މުފްތީ މެންކު ވިދާޅުވެފައިވެއެވެ.

"ދަރިންނަށް އެންމެ އަގުބޮޑު ތަކެތި ހޯދައިދިނުމަކީވެސް ހަމަ މައްސަލައެކެވެ. އެއިރުން އެމީހުންނަށް ދަސްވެފައިހުންނާނީ ވަރަށް އަގު ބޮޑު ދިރިއުޅުމެކެވެ. ލިބޭ ފިރިމީހާއަކީ އެފެންވަރުގެ މީހަކަށް ނުވެއްޖެނަމަ ހަމަ ކުރިން ބުނި މައްސަލަތައް ކުރިމަތިވާނެއެވެ. މިފަދަ ކަންކަން މިހާރުވެސް ދަނީ ހަމަ ހިނގަމުންނެވެ.

ކިތަންމެ ތަނަވަސް ނަމަވެސް ދަރިން ތަރުބިއްޔަތުކުރަން ޖެހޭނީ ލިބޭ މިންވަރަކުން ދިރިއުޅުން ހަމަޖައްސަން ދަސްކޮށްދެވޭ އަޚްލާޤެއްގެ ތެރެއިންނެވެ. އެކަމަށް ދަރިން ހޭލުންތެރިކުރުވަންވާނެއެވެ. ކިތަންމެ އާދައިގެ ދިރިއުޅުމެއް އުޅެން ޖެހުނު ނަމަވެސް އުޅެވޭނެ ގޮތަށެވެ. އެހެންކަމުން ފަޤީރުންވެސް ދުނިޔޭގައި އުޅޭކަން ބުނެދީ ފަޤީރުންގެ ދިރިއުޅުމާއިބެހޭ މައުލޫމާތު އެންމެ ކުޑައިރުންސުރެ ދަރިންނަށް ދޭންޖެހޭނެއެވެ! އެކުދިން އެފަދަ ހާލަތަކަށް ހޭލުންތެރިކުރުވަންވާނެއެވެ!

އަބަދުވެސް ވިސްނަންވާނީ ލިބިފައިވާ ތަނަވަސްކަން ތިމާމެންގެ ކިބައިންވެސް ގެއްލިދާނެ ކަމަށެވެ. ނިކަމެތި ހާލަތެއްގައި ދިރިއުޅެން ޖެހިދާނެ ކަމަށެވެ. ދަރިން ތަރުބިއްޔަތު ކުރަންވާނީ މިފަދަ ހުރިހާ ކަންކަމަށް ވަރަށް ބޮޑަށް ވިސްނައިގެންނެވެ. ދަރިންނަށް ތައުލީމު ޑޭން މަސައްކަތްކުރާ ފަދައިން ދިރިއުޅުމުގެ ރިވެތި ސިފަތައް ދަސްކޮށްދިނުމަކީވެސް ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ."

 

މިއަދު އޮންލައިން