ތިބާއަށް ނުލިބިގެން ތިއައުޅޭ ލޯބި، އެންމެ ފުރިހަމަ ގޮތުގައި ބޭނުންނަމަ ލިބޭނީވެސް ލޯބިވާންޖެހޭ ލިސްޓް ރަނގަޅަށް ތަރުތީބުކުރީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ތިބާއަށް ނުލިބިގެން ތިއައުޅޭ ލޯބި، އެންމެ ފުރިހަމަ ގޮތުގައި ބޭނުންނަމަ ލިބޭނީވެސް ލޯބިވާންޖެހޭ ލިސްޓް ރަނގަޅަށް ތަރުތީބުކުރީމަ!

ބައިވެރިޔާގެ ކިބައިން ލިބެން ބޭނުންވާ ލޯބި ނުލިމުގެ އިތުރުން ޢާއިލާގެ ލޯބި ނުލިބިގެންވެސް ގިނަ ބައަކު އަބަދުވެސް ސުވާލުތައް ކުރެއެވެ. އެއީ އެކަން ނުވެނުދާނެ ގޮތެވެ! އެންމެ ގިނަވާނީ "ކިތަންމެ ކުޑަމިންވަރެއް ކައިގެންވެސް ލޯބި ލިބޭނަމަ އުފަލުގައި އުޅެވޭނެ" ކަމަށް ބުނާ މީހުންނެވެ.

ލިބުނު ނޯޓެއްގައިވެއެވެ. "އަހުރެންގެ ޢާއިލާގެ އެކަކުވެސް އަހުރެން ދެކެ ލޯތްބެއް ނުވެއެވެ. ކިތަންމެ ލޯބިން ކަންކަން ކޮށްދިންނަމަވެސް ލޯބިނުވާތާ ޝުކުރުގެ ބަހެއްވެސް ނުބުނެއެވެ. އެއީ ކީއްވެގެންތޯ؟" އެވެ.

ކިޔުނަތެރިޔާއަށް ބުނެލަން އޮތީ އެކަމުގެ ސަބަބު ހޯދަން އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ތިބާ އެންމެ ލޯބިވާ ފަރާތްތަކުގެ ލިސްޓް ތިތީގައިވާ ލިޔުމުގައިވާ މަގުން ތަރުތީބުކޮށްލާށެވެ. އިން ޝާ ﷲ ކާމިޔާބުވާނެއެވެ.

މީހަކު ދެކެ ލޯބިވެވިއްޖެނަމަ އެމީހާގެ ކިބައިން ފެންނަ ހުރިހާ ކަމަކަށް ރުހެވޭނެއެވެ. އެމީހާ ކުރާ ކަންކަމާއި ބުނާ ބަސްތައް ޤަބޫލުކުރެވޭނެއެވެ. އަދި އެމީހާ ރުޅި އަތުވެދާނެ ކަމެއްވެސް ނުކުރާނެއެވެ!

މުސްލިމެއްގެ އީމާންކަން ފުރިހަމަވާނީ އެހެން ހުރިހާ ކަންކަމަށްވުރެ ﷲ ތަޢާލާއަށާއި ރަސޫލް ﷺ އަށް ލޯބިކުރުމުންނެވެ. އެހެންކަމަށްވާއިރު ކީރިތި ޤުރްއާނަށް ޢަމަލުނުކުރެވިގެން މިއުޅެނީ ކީއްވެގެންހެއްޔެވެ؟ ރަސޫލް ﷺ ގެ ސުންނަތަށް ޢަމަލުނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ޤުރްއާނަށާއި ސުންނަތަށް ޢަމަލުނުކޮށް ﷲ ތަޢާލާ އާއި ރަސޫލް ﷺ އަށް ލޯބިކުރާ ބައަކުކަމުގައި ވެދާނެހެއްޔެވެ؟

މީސްތަކުންނޭވެ! ދުނިޔޭގެ އުފާ ޙާޞިލުކުރުމުގެ ބޭނުމުގައި ﷲ ތަޢާލާ ބާވައިލެއްވެވި އެއްވެސް ޙުކުމްފުޅަކުން ބޭރުނުވާށެވެ! އެފަދަ ކޮންމެ ކަމަކުން އަންގައިދެނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ލޯތްބެއް ނެތްކަމެވެ. ލޯބިވާނަމަ ޙުކުމްފުޅުތައް ފުރިހަމައަށް ބަލައިގަންނާނެއެވެ. ޢަމަލުވެސްކުރާނެއެވެ! އަދި އިންސާނަކަށްވީތީ ފާފައެއް ކުރެވުނު ނަމަވެސް ތައުބާވުމަށްވެސް އަވަސްވެގަންނާނެއެވެ!

ކޮންމެ މީހަކުވެސް އެމީހެއްގެ ހިތަށް އުފާވެރިކަން ލިބެން ބޭނުންވާނެއެވެ! މީސްތަކުންގެ ލޯބިލިބެންވެސް ބޭނުންވާނެއެވެ! މިފަދަ ކޮންމެ ކަމެއް ވެސް ޙާޞިލުކުރެވުން އޮތީ އެމީހަކު ﷲ ތަޢާލާއަށް ލޯބިކުރިވަރަކުންނެވެ.

މިއަދު ގިނަ ބައަކަށްވަނީ މިކަންކަން ވަރަށް ބޮޑަށް އޮޅިފައެވެ. ނުވަތަ ޣާފިލުވެފައެވެ. ލޯބިވާ ފަރާތްތަކުގެ ލިސްޓުގައި ﷲ ތަޢާލާ ހިމަނަންވެސް ވަނީ ހަނދާންނެތިފައެވެ. ރަނގަޅަށް ހަނދާންކުރާށެވެ! ﷲ ތަޢާލާއަށް ލޯބި ނެތް ހިތަކަށް އެ ހިތް ބޭނުންވާ ލޯތްބެއް ނުލިބޭނެއެވެ! ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެއެވެ. އެހެނީ އެމީހާ ބޭނުންވާ ލޯތްބާއި އުފާވެރިކަން ލިބޭނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ. އެކަންކަމަކީ އެއްވެސް މީހަކަށް އަމިއްލައަށް ލިބިގަނެވޭނެ ކަންކަމެއް ނޫނެވެ! ވީމާ އެމީހަކު ބޭނުންވާ ލޯތްބާއި އުފާވެރިކަން ލިބިގަތުމަށްވެސް ﷲ ތަޢާލާ ދެކެ ލޯބިވުން އިތުރުކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން