މިސްކިތުގައި އިންނަ ކޮންމެ މީހަކީ މިސްކިތަށްދާ ކުޑަކުދިންގެ ބެލެނިވެރިއެކެވެ. އަދި އޭނާގެ މަސައްކަތަކަށްވާން ޖެހޭނީ ވީހައި ގިނަކުޑަކުދިން މިސްކިތަށް ގެންނަން މަސައްކަތްކުރުމެވެ. މިސްކިތުގެ ރޫޙަކީ ކުޑަކުދިން ކަމުގައިވާތީއެވެ.
މިސްކިތުގައި ކުރަންނުވާ ކަންކަން ކުޑަކުދިންނަށް ކުރެވެނީ އެކުދިންގެ ކުށަކުން ނޫނެވެ. މިސްކިތުގައި ކުރަންވީ ކަންކަމާއި އުޅެންވާގޮތް އެކުދިންނަށް އަންގައިދީ ތަރުބިއްޔަތު ނުކުރެވޭތީއެވެ. އެކަމުގެ ޒިންމާ އުފުލަންޖެހޭނީ މައިންބަފައިންނާއި ބެލެނިވެރިންނެވެ.
މިސްކިތުގައި ތިބޭ ބޮޑެތި މީހުންނަށް އޮތީ އެކުދިންނަށް ވިސްނައިދީ ހޭލުންތެރިކުރުވަން މަސައްކަތްކުރުމެވެ. އެކަންކުރަންވާނީ ވަރަށް އޯގާތެރިކަމާއިއެކުގައެވެ. ނޫންނަމަ ކުދިން މިސްކިތަށް ދިއުންމަތިން ފޫހިވެ ނަމާދުކުރުން ހުއްޓާލައިފާނެއެވެ. އެއީ ކުއްޖަކަށް ދެވޭނެ އެންމެ ބޮޑު ދެރައެވެ.
ޝައިޠޯނާ އަބަދުވެސް ހުންނާނީ އެފަދަ ފުރުޞަތަކަށް ބަލަބަލައެވެ. އެފަދަ ގޮތެއް މެދުވެރިވާއިރަށް ކުއްޖާ މަގުފުރައްދައިލާނެއެވެ. މިސްކިތްމަތިން ފޫހިކުރުވާނެއެވެ. ނަމާދުކުރުމާއި ދުރުހެލި ކުރުވާނެއެވެ.
ވިސްނައިލާށެވެ. މިސްކިތަށް ކުޑަކަމުދާން އިން މީހާ އާއިމެދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައް ކުރެއްވެވި ގޮތަށެވެ. އެކަންކޮށް ނިންމަން އޭނާއަށް ފުރުޞަތު ދެއްވެވިއެވެ. އެތަނަށް ފެންއަޅަން ޙަދީޘް ކުރެއްވެވީވެސް އޭނާއަކަށް ނޫނެވެ. ޞަޙާބީންނަށެވެ. މިއީ މިފަދަ ކަންކަމުގައި ކެތްތެރިވާންޖެހޭ މިންވަރެވެ. ވީއިރު ކުއްޖަކަށް މިސްކިތުގައި ކުރެވޭ ކުށަކާއި ގުޅިގެން ރުޅި އައިސް އެއްޗެތިގޮވަން ހުއްދަވާނީ ކޮންގޮތަކުން ހެއްޔެވެ؟
ކުއްޖަކަށް ނަޞޭޙަތްދީ މިސްކިތަށް އައުމަށް ހިތްވަރުދިނުމަކީ އިސްލާމް ދީން މަތިވެރިކުރަން ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތެވެ! އެކަމަށް ﷲ ތަޢާލާ ގިނަގުނަ ޘަވާބު ދެއްވަވާނެތެވެ! މަސައްކަތްކުރަންވީ އެޘަވާބާއި ދަރުމަ ލިބިގަތުމަށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން