އެންމެ ފަސޭހައިން ޤުރްއާން ހިތުދަސްކޮށް ޤުރްއާނުގެ ޢިލްމް އުނގެނުމަށް ބޭނުންވާ 2 ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
އެންމެ ފަސޭހައިން ޤުރްއާން ހިތުދަސްކޮށް ޤުރްއާނުގެ ޢިލްމް އުނގެނުމަށް ބޭނުންވާ 2 ކަންތައް!

އަޅުގަނޑުގެ ދަރިފުޅަކީ ކީރިތި ޤުރްއާން ހިތުދަސްކުރަން ނިޔަތްގަނެގެން އެކަމަށް މަސައްކަތްކުރަމުން އަންނަ ކުއްޖެކެވެ. ދަރިފުޅަށް ދިމާވާ މައްސަލައަކީ ދަސްކުރާ މިންވަރުން ކޮންމެވެސް ވަރަކަށް ހަނދާން ނެތުމެވެ. މިކަމަށް އޮތް ޙައްލެއް އެނގޭތޯ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

ކޮންމެ މުސްލިމަކަށްވެސް އެންމެ މުހިންމު އެއްކަމަކީ ކީރިތި ޤުރްއާން އުނގެނުމެވެ. ތަޖުވީދުމަގުން ކިޔަވަން އެނގުމާއި ޤުރްއާނުގެ ޢިލްމް ލިބިފައިވުމެވެ. ހިތުދަސްކުރެވި ޙާފިޡަކަށް ވެވުމަކީ އެންމެ މަތިވެރި ދަރަޖައެވެ. 

މިކަންކަން ޙާޞިލުކުރުމަށްޓަކައި 2 ކަމެއް ބޭނުންވެއެވެ. ފުރަތަމަކަމަކީ ޤުރްއާން ކިޔެވުމާއި އުނގެނެން މަސައްކަތްކުރުމަކީ ވަގުތުވުމުން ކުރާކަމަކަށް ނުހަދައި ކޮންމެ ދުވަހަކު ކުރަންޖެހޭނެ ކަމެއްކަމަށް ދެކެގެން އެމަސައްކަތްކުރުމެވެ. 

ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. ދަސްކުރެވޭ މިންވަރަކުން އެންމެފަހުން ދަސްކުރެވޭވަރެއް ކޮންމެ ދުވަހަކު މަދުވެގެން 20 ފަހަރު ކިޔަވަމުން މަސައްކަތްކުރާށެވެ. އަދި ވީވަރަކުން ކުރިން ދަސްކުރިބައިވެސް ކިޔަވަމުން ގެންދާށެވެ! 

އުނދަގޫވަނީ ހަނދާންބެހެއްޓުމެވެ. އެންމެ ކާމިޔާބު ޙާފިޡުން ވިދާޅުވާގޮތުގައި އެބޭކަލުން ކޮންމެ ދުވަހަކު މަދުވެގެން 5 ފޮތް ވިދާޅުވެއެވެ. މާނައަކީ ކޮންމެ 6 ދުވަހަކުން ޚަޠިމްކުރައްވައެވެ. 

ޤުރްއާން ކިޔަވަން އިންނައިރު އެހެން އެއްވެސް ކަމަކަށް ޚިޔާލުކޮށްގެން ނުވާނެއެވެ. ފޯނަށް ޖަވާބުދިނުން ފަދަ ކަންކަން ވެސް ކޮށްގެން ނުވާނެއެވެ. ޢާއިލާގެ މީހުންނާއި ވާހަކަދައްކަންވެސްވާނީ ކޮންމެހެން ވާހަކަދައްކަންޖެހިއްޖެ ނަމައެވެ. 

ދެވަނަ ކަމަކީ ޙާފިޡަކަށްވުމަށް ހިތުދަސްކުރުމުގެ މަސައްކަތްކުރަމުންގެންދާއިރުވެސް ކީރިތި ޤުރްއާނުގެ ތަފްސީރު އުނގެނެން މަސައްކަތްކުރުމެވެ. މިއީ މުޅިން ތަފާތުކަމެއް ނަމަވެސް ތަފްސީރު އުނގޭނަމަ ހިތުދަސްކުރަން ފަސޭހަވެއެވެ. ހަނދާނުގައި ހަރުލުން އިތުރުވެއެވެ. 

ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޡަކަށްވެވި، ޤުރްއާނަށް ޢަމަލުކުރާ މީހަކަށްވުރެ ހިތްހަމަޖެހިގެން އުފަލުގައި ދިރިއުޅެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. މިކަންކަން މި ބަޔާންކުރީ އަހަރެންގެ އަމިއްލަ ތަޖްރިބާ އާއި އެކުވެރި ބައެއް ޢިލްމުވެރިންނާއި ޙާފިޡުންގެ ތަޖުރިބާއިންނެވެ. ވީމާ މިބަޔާންކުރީ ޔަޤީންކަންކަމެވެ. 

- ޝައިޚް އަލްޙާފިޡް ޢަބްދުއްރަޙީމް އެމްސީކާރތީ

މިއަދު އޮންލައިން