މީހަކު ޖަމަލެއްގެމަތިން ވެއްޓި ފައި ބިނދުމުން ބުންޏެވެ. "އަލްޙަމްދުލިﷲ އެވެ! މިފަދަ މުޞީބާތްތައް ދުނިޔޭގައި ނުޖައްސަވާނަމަ އަހުރެމެންނަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ހަޟްރަތުގައި ހުއްޓި ހުންނަން ޖެހޭނީ ހުސްއަތާއެވެ. މާނައަކީ އެކަން ކުރިމަތި ނުކުރެއްވެވިނަމަ އެކަމަށް ކެތްތެރިވުމުގެ ސަބަބުން ދެއްވަވާ މަތިވެރި ޘަވާބު އޭނާއަށް ނުލިބުނީސްކަމެވެ.
އަދިވެސް ވިސްނައިލާށެވެ! ދުނިޔޭގައި ބަލިޙާލުގައި އުޅެންޖެހި އެކަމަށް ކެތްތެރިވީ މީހުންނަށް ޤިޔާމަތް ދުވަހު ދެއްވަވާ ގިނަގުނަ ޘަވާބުތައް ފެނުމުން ބަލިޙާލުގައި އުޅެން ޖެހުނު މީހުން އެމީހުންގެ ގައަށް ކަތުރު ހަރައިގެން ނަމަވެސް އަބަދުވެސް ވޭނެއްގައި އުޅެންޖެހުނު ނަމައެވެ ހިތަށް އަރާނެއެވެ.
ވީމާ ބަލިވި ނަމަވެސް އަދި އެހެން ބާވަތެއްގެ ކަމަކުން ނަމަވެސް ތަކްލީފެއް ޖެހިއްޖެނަމަ މިކަންކަމަށް ވިސްނައިލާށެވެ! އެއިގެ އިތުރުން ތިމާއަށް ބަލަންޖެހޭ މީހަކު ބަލިވުން ފަދަ ކަމެއް ކުރިމަތިވެން އެމީހެއްގެ ތަކްލީފް އުފުލަން ޖެހުނަސް އެއީ ތިމާއަށް އުފުލަންޖެހުނު ބުރައެއް ކަމަށް ނުދެކި އެއީ ތިމާއަށް ލެއްވެވި ރަޙްމަތެއްކަމުގައި ދެކޭށެވެ.
ވިސްނައިލާށެވެ! ތިބާއަށް އެފަދަ ޙާލަތެއް ޖެހުނީއެވެ. އެއީ ތިބާ ބަލައިޑޭން ތިބި މީހުންނަށް ޖެހުނު ތަކްލީފެއްކަމަށް ދެފިނަމަ ތިބާއަށް ޖެހޭނީ ކޮންފަދަ ނިކަމެތި ޙާލަތެއް ހެއްޔެވެ؟ މިބާވަތުގެ ކޮންމެ ކަމެއްވެސް އެންމެ ރަނގަޅު ގޮތުގައި ވިސްނޭނީ "އެގޮނޑީގައި" ތިމާއަށް އިންނަން ޖެހިއްޖެނަމަ ކަންކަން ވެގެންދާނެ ގޮތާއިމެދު ވިސްނައިލުމުންނެވެ.
ދުނިޔަވީ ގޮތުން ބެލިނަމަވެސް އިންސާނިއްޔަތުކަމުގެ ގޮތުން ބެލިނަމަވެސް ކޮންމެ މީހަކަށްވެސް ބަލަހައްޓަންޖެހޭނެ ބައަކު ތިބޭނެއެވެ. އެއީ ﷲ ތަޢާލާ އެކަން ލައްވަވާފައިވާ ގޮތެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން ތިމާ ބަލަހައްޓަންޖެހޭ މީހުންނަށް އެހީތެރިވުންވެސް ލައްވަޥާފައިވަނީ ތިމާކުރާ އަޅުކަމެއްގެ ގޮތުގައެވެ. އެކަންކުރުމުން ޘަވާބު ދެއްވަވާ ޢަމަލެއްގެ ގޮތުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން